30 Mar 2014, 09:43
ކޯޓު ތެރޭގައި ހަޑިހުތުރުބަހުން ވާހަކަދެއްކި މީހަކު 15 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ރޭ ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ހ.ފިނިމާގެއާގެ އަހްމަދު ނަބީލްގެ މައްޗަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ގެއަކުން ދެ މޯބައިލް ފޯނު ވަގަށް ނެގުމުގެކުށުގެ ތުހުމަތުގައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް، ކޯޓުގެ މުއްދަތު މަޖިލިހުގައި ހަޑިހުތުރުބަހުން ވާހަކަދައްކާފައިވާތީ އެވެ.
މުއްދަތު މަޖިލީހުގައި ހަޑިހުތުރުބަހުން އޭނާ ވާހަކަ ދެއްކުމުން އެކަން ހުއްޓާލުމަށް ތަކުރާރުކޮށް އެންގުމުންވެސް އެކަން ހުއްޓާނުލާ ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީ ކޯޓުތަކާއިބެހޭ ގާނޫނުގެ 76 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
އޭނާ އަކީ ފޭރުމުގެ މައްސަލައެއްގައި 2008 ވަނަ އަހަރު ތިން އަހަރު ދުވަހަށް އަދި 2010 ވަނައަހަރު މާރަމާރީގެ މައްސަލައެއްގައި ހަމަސް ދުވަހުގެ މުއްދަތަށް ޖަލައްލުމަށް ހުކުމް ކޮށްފައިވާ މީހެކެވެ.