30 Mar 2014, 09:21
ފަތިހު ހޭލައިގެން އަވަސްވެ ގަންނަނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށް ގޭގެއަށް ދިއުމަށެވެ. ދެތިން ގެއެއްގެ ނާސްތާ ތައްޔާރު ކުރުމާއި ތެލި ތަށި ދޮވުމަށް ފަހު ދެން ދަނީ ކާރު ފޮހުމަށެވެ. މެންދުރުގެ މަސައްކަތަކީ ގޭގެއަށް ގޮސް ކެއްކުމާއި އެއްޗެހި ދޮވެދިނުމެވެ. ހަވީރު އަނެއްކާ ވެސް މަސައްކަތަކީ ކާރު ފޮހުމެވެ. އިރު އޮއްސުމާ އެކު އަނެއްކާ ވެސް އަވަސްވެ ގަންނަނީ ގޭގެއަށް ކައްކަދޭން ދިއުމަށެވެ. ދުވަހުގެ 16 ގަޑިއިރުގައި އޭނާ ވަގުތު ހޭދަކުރަނީ ބުރަ މަސައްކަތުގަ އެވެ.
މިއީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަބުދުލް ސަމަދު ،50، ފައިސާ ހޯދުމަށް ކުރާ ބުރަ މަސައްކަތެވެ.
ރާއްޖޭގައި މަސައްކަތްކުރާތާ އަށް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިވާ ސަމަދު އަކީ ހީވާގި "ގެވެހި" މަސައްކަތްކުރާ ފިރިހެނެކެވެ. ފައިސާ ހޯދުމަށް އޭނާ ގިނައިން ކުރަނީ އަންހެނުންކުރާ ޒާތުގެ މަސައްކަތެވެ. އެގޮތުން ގޭގެއަށް ގޮސް ކައްކައިދެ އެވެ. އެގޮތަށް ތިން ގެއަކަށް ކޮންމެ ދުވަހެއްގެ ތިން ގަނޑިއަށް އޭނާ ކައްކައިދޭންދެ އެވެ. މަހަކު 100 ޑޮލަރުގެ އާންމުދަނީއެއް އެއިގެން ކޮންމެ ގެއަކުވެސް އޭނާއަށް ލިބެ އެވެ.
"އަހަރެން ކައްކަނީ ދިވެހި ހުރިހާ އެއްޗިސް. ގަރުދިޔަ، ރިހަ، ފިހުނު މަސް. ހުރިހާ އެއްޗެއްް އެނގެނީ. ކޮންމެ ދުވަސް ކައްކަކަން ދަނީ ތިން ޓައިމްގައި،" ސަމަދު ކިޔައިދިނެވެ.
ސަމަދު ދަނީ ހަފްތާއަކު ތިން ދުވަހު ދެ ގެއަކަށް ގޮސް އެގޭގޭ މީހުންގެ އެއްޗެތި ވެސް ދޮންނަމުންނެވެ. އަގަކީ ހަމަ ގެއަކަށް 100 ޑޮލަރެވެ. އެތައް ކާރެއް ފޮހެ އެވެ. ކާރެއް ފޮހެދެނީ މަހަކު 500ރ. އަށް ނޫނީ ދުވާލަކު 16.50ރ. އަށެވެ.
ސަމަދު ބުނީ އޭނާ ކައްކަންށާއި އެއްޗެހި ދޮވުމަށްދާ ގޭގޭގައި ދިވެހި އަންހެންވެރިން އުޅޭ ކަމަށާއި ނަމަވެސް އޭނާ މަސައްކަތް ކުރުމަށް ގެންދަނީ "އަންހެން މީހާ ޖޮބް ދާތީ" ކަމަށެވެ. އެގޭގެ އަންހެންވެރިން ވަޒީފާ އަށް ފޮނުވާފައި އަންހެނެއްގެ ޒިންމާ އަދާކުރުމަކީ އޭނާގެ ޒިންމާ އެވެ. ކޮންމެ ގެއަކުން ވެސް އޭނާ އަށް ލިބޭ އުފަލަކީ 100 ޑޮލަރެވެ.
އެހުރިހާ މަސައްކަތަކުން ސަމަދަށް އާމުދަނީގެ ގޮތުގައި ބައެއް މަސްމަހު 400 ވަރަކަށް ޑޮލަރު ލިބެ އެވެ. އެއީ ރާއްޖޭގެ ރުފިޔާ އިން ނަމަ 6168ރ. އެވެ. ބަނގުލަދޭސް ފައިސާއިން ނަމަ 28200 ޓަކަ އެވެ.
"ދިވެހި މީހާ ބަރާބަރު ފައިސާ ހުންނަނީމަ އަހަރުން މަސައްކަތް ކުރަން ގެންދަނީ. އެމީހުން ބޭނުން ނުވަނީ ކާރު ފޮހެން. އެމީހުން ބޭނުން ނުވަނީ ވައިފް ކައްކަން،" ސަމަދު ބުންޏެވެ.
އެއީ ހީވާގި އެންމެ ބިދޭސީއެއް ގެ އާމުދަނީ އެވެ. އޭނާގެ ބުރަ މަސައްކަތް ވެފައިވަނީ ކަންނެތް ދޭސީނަށް ހިދުމަތް ކުރުމެވެ. ސަމަދުގެ މިސާލުން ވެސް ދިވެހިންގެ ކަންނެތްކަން ރަނގަޅަށް ވެސް ދޭހަވެ އެވެ. ރާއްޖޭގައި މިހާރު ވެސް ފައިސާ ހޯދުމަށް 80،000 އާއި 110،000 އާ ދެމެދު އަދަދެއްގެ ބިދޭސީން އުޅެ އެވެ. އެމީހުން ކުރާނެ މަސައްކަތާއި މިގައުމުން ބޭރު ކުރާނެ ފައިސާގެ އަދަދު އަންދާޒާ ކޮށްލާށެވެ.
އިމިގުރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ މަސައްކަތް ކުރާ ކޮންމެ ބިދޭސީއަކު މަހަކު މަދުވެގެން 100 ޑޮލަރާއި 200 ޑޮލަރުގެ ނިސްބަތުން އެ މީހުންގެ ގައުމަށް ފައިސާ ފޮނުވާ ނަމަ އަހަރު ދުވަހުގެ ތެރޭގައި 44.6 ބިލިއަން ރުފިޔާ އާއި 89.1 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ރާއްޖެ އިން ބޭރުވާނެ އެވެ. އެއީ މި އަހަރު ދައުލަތަށް ޖުމްލަ އާމްމަދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރެވެނީ 13.9 ބިލިއަން ރުފިޔާ އަށް ބޮޑުއަދަދެކެވެ.
ރާއްޖެ އަށް ބަލާއިރު ގިނަ ދާއިރާތަކެއް ކޮންޓްރޯލް އޮތީ ބިދޭސީއިންގެއަތުގަ އެވެ. ކަންމަތީ ފިހާރައިން ފެށިގެން މާރުކޭޓްތަކާއި ވިޔަފާރިތަކާއި ކުންފުނިތަކާއި ސްކޫލްތަކުގެ އިތުރުން ހޮސްޕިޓަލް ތަކާއި ބޮޑެތި ވިޔަފާރިތައް ކޮންޓްރޯލް ކުރަމުންދަނީ ބިދޭސީއިންނެވެ.
ދިވެހިން ކަންނެތްވެ ބިދޭސީއިންނަށް ކަންކަން ހަވާލުކޮށްފައިވާ އިރު ބައެއް ތަފާސް ހިސާބުތައް ދައްކާގޮތުން ވަޒީފާއެއް ނެތި 38493 ދިވެހިން ރާއްޖޭގައި އެބަތިއްބެވެ. މުޅި ރާއްޖޭގައި ވަޒީފާ ނެތް ދިވެހިންގެ ނިސްބަތް 28.1 ޕަސެންޓެވެ.
ވަޒީފާގައި އުޅޭ ބިދޭސީއިންނަށް ބަލަމާތޯ އެވެ. ކޮންސްޓްރަކްޝަން ދާއިރާގައި 34260 ބިދޭސީ އިން މަސައްކަތްކުރާ އިރު ޓޫރިޒަމް ދާއިރާގައި 13488 ބިދޭސީއަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މަސްވެރިކަމުގެ ދާއިރާގައި 1103 ބިދޭސީއަކު މަސައްކަތް ކުރަމުންދާއިރު ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުގައި 4595 ބިދޭސީއަކު ވަޒީފާ އަދާކުރަމުންދެ އެވެ. ތައުލީމީ ދާއިރާގައި 2114 ބިދޭސީ އިން މަސައްކަތްކުރެ އެވެ. މާލީ ދާއިރާގައި 6860 ބިދޭސީއަކު އުޅޭ އިރު ކޮމިއުނިޓީ އަދި ސޯޝަލް އެކި ހިދުމަތްތަކުގައި 9949 މީހަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއީ މިފަދަ ކުޑަ އާބާދީއަކަށް ހުރި ބޮޑު ބިރެކެވެ.
މި ސަރުކާރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ ވިދާޅުވި ގޮތުގައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން އަމިއްލަ ހަރަދުގައި އެނބުރި އެ މީހެއްގެ ގައުމަށް ދާން ބޭނުންވެގެން ޖުމުލަ 2596 ބިދޭސީން ރަޖިސްޓްރީ ކޮށްފައިވެ އެވެ. ނަމަވެސް އެއީ ކާމިޔާބީއެއް ކަމަށް ބެލޭކަށް ނެތެވެ. ސަބަބަކީ އުޅެމުންދާ ބިދޭސީއިންނާއި ބަލާއިރު އެ އަދަދު މާ ކުޑަވުމުންނެވެ.
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް މިހާރު ވަނީ ގޮސްފަ އެވެ. އަދި ރާއްޖެ އަށް ބިދޭސީން އެތެރެ ކުރުން މަޑުކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިދޭސީއިންގެ މައްސަލައަކީ މިގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ. މަދު ޑޮލަރުން އާމްދަނީ ލިބޭ މިގައުމުގައި ޑޮލަރު ބޭރުކުރަން އެމީހުން ތިބުމީ އިގްތިސާދަށް ވެސް ހުރިބިރެކެވެ. ބިދޭސީން އިތުރުވާ މައްސަލާގައި ދިވެހިންގެ އިހުމާލް ބޮޑުކަން ފާހަގަވެ އެވެ. ސަމަދުގެ މިސާލުން ވެސް އެކަން އެނގެ އެވެ.