30 Mar 2014, 09:13
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އަށް ތޫނުއެއްޗަކުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަލްހާނަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ޏ. ފުވައްމުލަކު ދަނޑިމަގު، ޝައިނީ، މުހައްމަދު ސަމީހު އާއި ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމުގެ މައްސަލަ އެ އޮފީހަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ދިރާސާކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އަލްހާނަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ބްރޭކްވޯޓާ ރެސްޓޯރަންޓް ތެރޭގައި އިތުރުބަޔަކާ އެކު އޭނާ އިންނަވަނިކޮށެވެ.
ތޫނުއެއްޗަކުން ދިން ހަމަލާއަށް ސްރީލަންކާގެ ހޮސްޕިޓަލެއްގައި ބޭސްފަރުވާ ކުރެއްވުމަށްފަހު އަލްހާން މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދިވެސް އޭނާގެ ހާލު ކުރީގެ ހާލަތަށް ރުޖޫއައެއް ނުވެއެވެ.