މިރޭގެ 8:30 ވުމާއެކު މާލޭގެ އެކި ސަރަހައްދުގައި އުފާވެރިކަމުގެ އެކި ހަރަކާތްތައް ފެށުނެވެ. އާތު އަވާގެ ސަބަބުން މާލެއަށް ވެރިވެފައިވާ އަނދިރިކަމުގެ ބޭނުން މީހުން ހިފީ އުފާވެރިކަމާއެކު އެވެ. އާއިލާއާ އެކު ހަވާ އެރުވުމުމުގެ ހަރަކާތްތައް ބެލުމާއި ރައްޓެހިންނާއެކު މަޖާ ކުރުމުގަ އެވެ.

އާތު އަވާ ފެށުމާއެކު މާލެ ހޭލައްވައިލީ ބާރުގަދަ އަޑުފައްގަނޑަކާއެކު ހަވާ އަރުވަން ފެށުމުންނެވެ. ބަޑި ބޭހުގެ ކުޅިވަރު ބެލުމަށް ރާޅުގަނޑަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ތިއްބެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމެވެ.

މި ހުރިހާ މަންޒަރުތައް ދިޔައީ ފޮޓޯ އާއި ވީޑިއޯގެ ޒަރިއްޔާއިން އިންޓަނެޓަށް އެޅެމުންނެވެ. އެކި ސަބަބުތަކާހުރެ ގެއިން ބޭރަށް ނުނިކުމެވިފައި ތިބި މީހުން ވެސް މި މަންޒަރުތައް ދިޔައީ ވަގުތުން ބަލަމުންނެވެ.

"ކިހާ ރީތި. ވަރަށް އުފާވޭ ހަވާ އަރުވާތަން ފެނުނީމަ،" ހަވާ އަރުވާ ތަން ބަލަން އާއިލާއާއެކު ގޮސް ހުރި ސަނާ، 17، ބުންޏެވެ.

ހަވާ އެރުވުން ނިމުމާ އެކު ދެން ފެނުނީ އަލިފާނުގެ ހަރަކާތްތަކެކެވެ. އަދި ހަމަ އެ ސަރަހައްދުގައި މިއުޒިކް ޝޯއެއް ވެސް ކުރިއަށްދިޔަ އެވެ.

ރާޅުގަނޑުގައި ހަވާ އަރުވަމުންދިޔައިރު މާފަންނު ސްޓޭޑިއަމްގެ ޓާފް ދަނޑުގައި އާތު އަވާގެ ރަސްމީ ހަރަކާތްތައް ކުރިއަށްދިޔަ އެވެ. ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ދަނޑުގެ ބޮކިތައް ވަނީ އެއްކޮށް ނިއްވާލައިފަ އެވެ.

ސްޓޭޑިއަމްގެ ބޮކިތައް ނިއްވާލުމުގެ އިތުރުން ރައީސް އޮފީހާއި ސްޓެލްކޯ އާއި އެސްޓީއޯ އާއި އުރީދޫ އާއި ދިރާގާއި މިފްކޯގެ ބޮކިތައް ވެސް އާތު އަވާއަށް ވަނީ ނިއްވާލައިފަ އެވެ. މީގެ އިތުރުން ވެސް މާލޭގެ ބޮޑެތި ބައެއް އިމާރާތްތައް ވަނީ މިރޭ ނިއްވާލައިފަ އެވެ.

ދުނިޔެ ހޫނުވުމާ ދެކޮޅަށް ކެމްޕެއިން ކުރުމަށް 2007 ވަނަ އަހަރުގައި ފާހަގަ ކުރަން ފެށި އާތު އަވާގައި މިފަހަރު މާލެއަށް 2.87 މެގަވޮޓް ކަރަންޓު ސަލާމަތް ކުރެވިފައި ވާކަމަށް ސްޓެލްކޯ އިން މައުލޫމާތު ދެއެވެ.