ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރިކުރުމަށް ފާހަގަކުރާ "އާތު އަވާ" މިރޭ ފާހަގަ ކުރި އެއް ގަޑިއިރުތެރޭގައި މާލެ ތެރެއިން ވެހިކަލް ދުއްވިލެއް މަދެއް ނުވިއެވެ.

އެހެން ފަހަރު ތަކުގައި ވެހިކަލް ދުއްވުން މަނާކުރި ނަމަވެސް މިފަހަރު ވަނީ މިރޭ އާތު އަވާ ފާހަގަކުރި ވަގުތުގައި ވެހިކަލްތައް ދުއްވުން މަނައެއް ނުކުރެ އެވެ. އެހެން ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ، ދުއްވާ އެއްޗެހި ބޭނުންކުރުން މަދުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

މިރޭ 8:30 އިން ފެށިގެން 9:30 އަށް ކުރިއަށް ގެންދިޔަ އާތު އަވާގެ ހަރަކާތްތައް ބަލައިލުމަށް ސަންގެ ނޫސްވެރިން ވަނީ މާލޭގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރި ވެފަ އެވެ. އެގޮތުން މަގުމަތީގައި ދުއްވަމުން ދިޔަ ވެހިކަލް ދުއްވާވަރު އެހެން ރޭރެއަށް ވުރެ ވަކި މަދެއް ނުވެއެވެ. މަޖީދީމަގާއި ބޮޑު ތަކުރުފާނު މަގުގައިވެސް އެހެން ރޭރެއެކޭ އެއްފަދައިން ވެހިކަލްތައް ވަނީ ފުނިޖެހިފަ އެވެ.

މިރޭ އާތު އަވާ ފާހަގަކުރި ވަގުތު ވެހިކަލްތައް ދުއްވުން ވީހާ ވެސް މަދު ކުރުމަށް މީޑިއާގައި މިއަދު މެންދުރު ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ވެސް އެވަގުތު ތެރޭގައި ސައިކަލް ދުއްވި މަންޒަރު ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ބައެއް ޓެކްސީ ސެންޓަރު ތަކުން ވެސް ބުނީ އެހެން ރޭރެއަށްވުރެ މިރޭ ޓެކްސީ ކުރަން ނުކުތް ވެހިކަލްތައް ވެސް ވަކި މަދު ނުވާ ކަމަށެވެ.

"ހީވަނީ މަނާ ނުކުރާތީއޭ ގިނަ ޓެކްސީ ތަކުން ނުކުތީ، ވަރަށް ގިނަ ޓެކްސީ އެބައުޅޭ ދަތުރުތަކުގައި، އެހެން ރޭރެއާ ތަފާތެއް ނެތް" ނަން ނުޖެހުމަށް ޝަރުތުކޮށް ޓެކްސީ ސެންޓަރެއްގެ ވެރިޔަކު ބުންޏެވެ.

އެހެން އަހަރުތަކުގައި އާތު އަވާ ފާހަގަ ކުރުމުގެ ގޮތުން ގިނަ ފިހާރަތައް ބަންދު ކުރާއިރު މިއަހަރު އެމަންޒަރު ވެސް ފެނިފައިވަނީ ވަރަށް މަދުންނެވެ. އެންމެ ގިނަ ފިހާރަތައް ހުންނަ މަޖީދީ މަގުގައި މަދު ފިހާރަ ތަކެއް ނިއްވައިލުމަށްފަހު ބަންދު ކޮށްފައި ހުރި ނަމަވެސް ގިނަ ފިހާރަތައް ހުރީ ދިއްލާ އަޅާފަ އެވެ.