މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ލިބެމުންދާ ގެއްލުންތަކަށް މީހުން ހޭލުންތެރިކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ "އާތު އަވާ" ރާއްޖެއާއި ދުނިޔޭގެ ކަންކޮޅުތަކުގައި ފަށަައިފި އެވެ.

އާތު އަވާ ނުވަތަ ދުނިޔެއަށްޓަކައި އެއްގަޑިއިރު ފާހަގަކުރުމުގެ ގޮތުން ހިންގާ މި ހަރަކާތް ފަށާފައި ވަނީ، ރާއްޖޭ ގަޑިން މިރޭ 8:30 ވުމާ އެކު އެވެ. އެގޮތުން މިރޭ 9:30 އާއި ހަމައަށް މިކެމްޕެއިންގެ ދަށުން، ފާހަގަ ކުރާ "އެއް ގަޑިއިރު" ތެރޭގައި ކަރަންޓް ބޭނުންކޮށްގެން ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތިފިޔަވައި އެހެން ހުރިހާ ތަކެއްޗެއް ނިއްވާލުމުގައި މިއަހަރުވެސް ދިވެހިރާއްޖެ ބައިވެރިކުރުމުގެގޮތުން، އެކަމަށް އާންމުންނަށް ހިތްވަރުދީ، އެކަމުގެ މުހިންމުކަން ހާމަކޮށްދީ، މުޅިރާއްޖެ މިކަމުގައި ޝާމިލްކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ދުނިޔެއަށްޓަކައި އެއްގަޑިއިރު ފާހަގަ ކުރަމުންދާއިރު، ރާއްޖޭގެ ބޮޑެތި ކުންފުނިތައް ކަމަށްވާ، އެސްޓީއޯ، ދިރާގު، އުރީދޫ، އައިލެންޑް އޭވިއޭޝަން އަދި ބީއެމްއެލް ފަދަ ކުންފުނިތަކުން ވަނީ މި ހަރަކާތުގައި ބައިވެރި ވުމުގެ ގޮތުން އެތަންތަނުގެ ހެޑް އޮފީސް ނިއްވާލައިފަ އެވެ. އަދި ކުންފުނިތަކުން ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

އާތު އަވާ އަކީ 2001 ވަނަ އަހަރު ޑަބްލިޔުޑަބްލިޔުއެފް - އޮސްޓްރޭލިޔާގެ ފަރާތުން ދުނިޔެ ހޫނުވުމާއި
ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާއި މެދު މީހުންގެމެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކޮންމެ މީހަކަށް ވެސް ފަރުދީ ފެންވަރުގައި ކޮންމެވެސް ކަމެއް ކުރެވިދާނެކަން އަންގައިދިނުމުގެ ގޮތުން އޮސްޓްރޭލިޔާގެ ސިޑްނީގެ ރައްޔިތުން ފެށި ކެމްޕެއިނެކެވެ.

ފާއިތުވި 2013 ވަނަ އަހަރު މިހަރަކާތުގައި 154 ގައުމެއްގެ 7000 އަށް ވުރެން ގިނަ ސިޓީއާއި އަވަށްތަކުން ބައިވެރިވި މިހަރަކާތުގައި ދުނިޔޭގެ މަޝްހޫރު އެތައް ބިނާތަކެއް ވަނީ ނިއްވާލާފަ އެވެ. އަދި އަހަރު ތެރޭގައި "ބިޔޯންޑް ދަ އާތު އަވާ" ނުވަތަ އާތު އަވާގެ އެއްގަޑިއިރުގެ ބޭރުން ހޭލުންތެރިކަމުގެ އެތައް ހަރަކާތްތަކެއް ހިންގާފައި ވެއެވެ.

ދިވެހިރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމާއިއެކު، މިކެމްޕެއިނަކީ ޖައްވު ހޫނުވުމުގެ މައްސަލައާއި އޭގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކަށް ލުޔެއް ހޯދުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމާއި އަމަލީގޮތުން މިކަމުގައި ބައިވެރިވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބޭ ރަނުގެ ފުރުސަތެކެވެ.