މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން މިސީޒަނުގައި އެ ކްލަބުގެ ކޯޗުގެ މަގާމުގައި ހުރި ނަމަ، އޭނާ އަށް ވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމުގައި ޔުނައިޓެޑްގެ މިހާރުގެ ކޯޗު ޑޭވިޑް މޮއިސް ބުނެފި އެވެ.

މި ސީޒަނުގައި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑްގެ ފަރާތުން ފެންނަމުންދާ ދަށް ކުޅުމުގެ ސަބަބުން މޮއިސް އަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައި ވެއެވެ. ޕްރިމިއާ ލީގުގައި މިވަގުތު އެ ޓީމު އޮތީ ތާވަލުގެ ހަތް ވަނައިގަ އެވެ.

"ކޯޗުކަމުގައި ފާގަސަން ހުރި ނަމަވެސް މި ސީޒަނުގައި އޭނާ އަށް ވެސް އުނދަގޫތަކެއް ކުރިމަތިވާނެ، އެކަން ފާގަސަން އަށް އެނގޭނެ." މޮއިސް ބުންޏެވެ. "ޔުނައިޓެޑްގެ ސްކޮޑުގެ އެންމެ އުނދަގޫ ކަމަކަށް ވާނީ އުމުރުގެ ކަންތައް، އެހެންކަމުން އުނދަގޫތަކަކާއި ކުރިމަތިލާން ޖެހޭނެ ކަން އެހެން މީހުންނަށް ވެސް އެނގޭނެ."

ލީގުގައި މިއަދު އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނަ އިރު، ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުން އިހުތިޖާޖު ކުރުމަށް ވަނީ ނިންމައިފަ އެވެ. މޮއިސް ބުނީ، މިކަމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ސަޕޯޓަރުންނަށް ވެސް ހިޔާލުފާޅު ކުރެވޭނެ ކަމަށެވެ.

"ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުންނަށް މިހާރު ކްލަބު އޮތް ހާލަތު ވަރަށް ރަނގަޅަށް އެނގޭނެ. އަހަރެމެން ބޭނުންވަނީ ރަނގަޅު ކުޅުމެއް ދައްކަން، ރަނގަޅު ނަތީޖާއެއް ނެރެން،" އޭނާ ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗު ބުނީ އޭނާއާ ދޭތެރޭގައި ގޮތެއް ނިންމާނީ އޭނާއަށް އެ މަގާމް ހަވާލުކުރި ބަޔަކު ކަމަށެވެ.

"އަހަރެންނާއި މެދު ގޮތެއް ނިންމަން އެންމެ ރަނގަޅު ބަޔަކަށް ވާނީ މި މަގާމް އަހަރެންނާއި ހަވާލުކުރި މީހުން. ސަޕޯޓަރުންނަށް އެ މީހުންގެ އަޑު އުފުލުމުގެ މިނިވަންކަން އޮންނާނެ." މޮއިސް ބުންޏެވެ.