29 Mar 2014, 18:26
މެލޭޝިއާގެ ދެވަނަ ޑިވިޝަނުގައި ކެޑާ އާއި ދެކޮޅަށް ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑިއާރުއެމް) ކުޅުނު މެޗުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގެ ހެޓްރިކާއެކު ފަސޭހަ މޮޅެއް ލިބި، ލީގުގެ އެއްވަނައިގައި ޕީޑީއާރުއެމް ހަމަޖެހިލައިފި އެވެ.
ކެޑާ އަތުން 3-1 ލަނޑުން ޕީޑީއާރުއެމް މޮޅުވި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ދަގަނޑޭގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 17 ވަނަ މިނެޓުގަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ދަގަނޑޭގެ ދެވަނަ ލަނޑު ފެނުނު އިރު، ދަގަނޑޭގެ ހެޓްރިކް ފުރިހަމަ ވެގެން ދިޔައީ މެޗުގެ 73 ވަނަ މިނެޓްގައި ކާމިޔާބުކުރި ލަނޑާ އެކު އެވެ.
އިއްޔެގެ މެޗުގައި ޕީޑީއާރުއެމް އަށް ދަގަނޑޭ ކާމިޔާބުކުރި ހެޓްރިކަކީ މި ސީޒަނުގެ މެލޭޝިއާ ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކުރި ދެވަނަ ހެޓްރިކެވެ. ހަމައެއާއެކު ޕީޑީއާރުއެމް އަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ދަގަނޑޭ އަކީ ލީގުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ. ދަގަނޑޭ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން ދިހަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މިވަގުތު 23 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި ޕީޑީއާރުއެމް އޮތް އިރު، ދެވަނައިގައި އޮތް ޕެނަންގް އަށް ވެސް ލިބިފައި ވަނީ 23 ޕޮއިންޓެވެ. ޕެނަންގް ދެވަނާގައި އޮތްއިރު، އެޓީމު ވަނީ ޕީޑީއާރުއެމް އަށް ވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ. ޕީޑީއާރުއެމް ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފައިވާ އިރު، ދެ މެޗަކުން ބަލިވެފައި ވެއެވެ.