އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް ހުއްޓުވައިލަން ބަޔަކު މަސައްކަތްކުރާ ކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް މުހައްމަދު ނަބީލު ވިދާޅުވެއްޖެ އެވެ.

މުބާރާތުގައި ބުރާސްފަތި ދުވަހުގެ ރެއާއި ހުކުރު ދުވަހުގެ މެޗުތައް ވަނީ ކެންސަލް ކޮށްފަ އެވެ. ނަބީލު ވިދާޅުވީ، އަމްޕަޔަރުންގެ ދަތިތަކަކާއި ހުރެ މުބާރާތުގެ ބައެއް މެޗުތަށް ނުކުޅެވި ލަސްވި ނަމަވެސް މިއަދު އަލުން މެޗުތައް ފަށާނެ ކަމަށެވެ.

"މެޗުތަކެށް ކުރިއަށް ނުދިޔައީ އަމްޕަޔަރުން ނެތުމުގެ ސަބަބުން. އަޅުގަނޑުމެން މި މުބާރާތަށް ހަމަޖައްސާފައި ވަނީ ތިން އަމްޕަޔަރުން. އެއީ ދިވެހި ތިން އަމްޕަޔަރުން. ބޭރު އަމްޕަޔަރުން ގެނައުމަށް ދަތިތަކެއް ހުރީ ބަޖެޓުގެ ތާށިކަމެއް އުޅޭތީ. މިއަދު މުބާރާތް އަލުން ފެށޭނެ. ޝެޑިއުލަށް އަންނާނެ ހަމައެކަނި ބަދަލަކީ މެޗުތައް އެއް ދުވަސް ލަސްވުން." ނަބީލް ވިދާޅުވި އެވެ.

ނަބީލް ވިދާޅުވީ، ބުރާސްފަތި ދުވަހު ރޭގެ މެޗުތައް ކެންސަލްވީ އެ މެޗުގައި އަމްޕަޔަރުކަން ހަމަޖައްސާފައިވާ ބޭފުޅެއްގެ އިހުމާލުން ކަމަށެވެ.

"ބުރާސްފަތި ދުވަހުގެ ރޭ އަމްޕަޔަރުކަން ކުރަން ހަމަޖައްސާފައި ހުރި ބޭފުޅާ ގަޑިޖެހެން ގާތްގަނޑަކަށް ބައިގަޑިއިރަށް ވީމަ ފޯން ނިވާލާފައި ހަބަރެއް ނުވީ. އޭގެ މާނައަކީ މިއީ ވަރަށް ބޮޑަށް ދުރާލާ ރޭވިގެން ހިނގާ ކަމެކޭ. ބަޔަކު މުބާރާތް ހުއްޓުވާލުމަށްޓަކައި ކުރާ ކަމެކޭ." ނަބީލް ވިދާޅުވި އެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ ހާޒިރުވި ޓީމުތަކުގެ އޮފިޝަލުން ވަރަށް ބޮޑަށް ނެޓްބޯޅަ އެސޯސިއޭޝަނަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފައި ވެއެވެ.