ގއ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ސުޖާއު އުސްމާން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ނަގައިދީފައިވާ ކަމަށް ބުނެ ދައުވާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ގއ. ވިލިނގިލީ ހިލިހިލާގޭ ސުޖާ އުސްމާންގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައި ވަނީ އޭނާ، ގއ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ކަމާ ހަވާލުވެ ވަޑައިގެން، ރަށްރަށަށް ދަތުރު ކުރެއްވުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ދެ މީހަކަށް ނާޖާއިޒް ފާއިދާ ނަގައި ދިނުމުގެ ގޮތުން ނުކުރާ ލޯންޗް ދަތުރުތަކަކަށް ފައިސާ ނަގައިދީފައިވާ ކަމުގެ ތުހުމަތު ގައެވެ.


ދައުލަތުން މި ދައުވާ ސުޖާ އުސްމާންގެ މައްޗަށް ކުރެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ބެލުމަށް ފަހު އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިގެނެވެ.


މި މައްސަލަ ޝަރީއަތުން ބެލުމަށްފަހު ކްރިމިނަލް ކޯޓުން މިއަދު އިއްވެވި ހުކުމުގައި ބުނަނީ ސުޖާ އުސްމާންގެ މައްޗަށް ކުރި ދައުވާ ޝަރީއަތުން ބެލި އިރު މައްސަލައިގައި ބުނާ ދަތުރުތަކަކީ ނުކުރާ ދަތުރުތަކެއް ކަމަށް ބުނި ނަމަވެސް ހުށަހެޅިފައިވާ ހެކިންގެ ބަހުން އެކަން ސާބިތު ނުވާ ކަމަށެވެ. އަދި އެ ދައުވާއަށް ސުޖާ އުސްމާން އިންކާރު ކުރައްވާއިރު އެއީ ކޮށްފައިވާ ދަތުރުތަކެއްކަން ސުޖާ އުސްމާންގެ ފަރާތްޕުޅުން ހުށަހެޅި ލިޔުންތަކުން ސާބިތުވާ ކަމަށެވެ.


މީގެ އިތުރުން ޖިނާއީ މައްސަލައެއް ސާބިތު ކުރުމަށް އެކަށީގެންވާ މިންވަރަށް ދައުލަތަށް މި މައްސަލަ ސާބިތު ކޮށްދެވިފައި ނުވާ ކަމަށާއި އިސް މެޖިސްޓްރޭޓް ކަމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒް ބޭނުން ކުރައްވައި އެހެން ބަޔަކަށް ނާޖާއިޒް ފައިދާ ނަގައިދިން ކަމަށް ސުޖާއު އުސްމާނުގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ ތަނެއް މި މައްސަލައިގަތް ނެތް ކަމަށެވެ.