29 Mar 2014, 18:18
މިހާރު ކުރިއަށްދާ ނިޕޯން ޕެއިންޓް 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން އިސްކަންދަރު ސްކޫލާއި ކަލާފާނު ސްކޫލް ޖާގަ ހޯދައިފި އެވެ.
އިސްކަންދަރު ސްކޫލުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރީ، މި މުބާރާތުގައި އިއްޔެ ހަވީރު އަރަބިއްޔާ ސްކޫލް އަތުން 20-0 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިސްކަންދަރު ސްކޫލަށް ހަ ލަނޑު ޖަހައިދިން އިސްމާއިލް ޔޫހު ރިފްއަތެވެ.
މި މުބާރާތުގެ ދެވަނަ ބުރުން ކަލާފާނު ސްކޫލް ޖާގަ ހޯދީ، ގްރޫޕް އޭގައި ރޭ އިމާދުއްދީން ސްކޫލް އަތުން ހޯދި ތިން ޕޮއިންޓާ އެކު، ގްރޫޕް އޭގެ އެއްވަނަ ހޯދައިގެންނެވެ. ރޭ އިމާދުއްދީން ސްކޫލާއި ކަލާފާނު ސްކޫލް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވި އިރު، ޕެނަލްޓީގައި އިމާދުއްދީން ސްކޫލް ވަނީ ކަލާފާން ސްކޫލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ޕެނަލްޓީގައި ކަލާފާންގެ މައްޗަށް އިމާދުއްދީން ކުރިހޯދީ 4-2 ލަނޑުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމާދުއްދީން ސްކޫލްގެ އަހުމަދު ސަމާޙު އެވެ.
މިމުބާރާތުގެ ގްރޫޕް އޭގެ ކުޅުން ރޭ ނިންމައިލި އިރު، ހަތް ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ކަލާފާން އެވެ. އަދި ދެވަނައިގައި އޮތް އިސްކަންދަރަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ފަސް ޕޮއިންޓާއެކު މިގްރޫޕްގެ ތިންވަނަ ލިބެނީ އިމާދުއްދީނަށެވެ. ގްރޫޕްގެ ފުލުގައި އޮތް އަރަބިއްޔާ އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
މިމުބާރާތުގެ ގްރޫޕް ބީގެ ފަހު މެޗުތައް މިއަދު ކުރިއަށްދާނެ އެވެ. ގްރޫޕް ބީގައި މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލާއި ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ. އަދި މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލެވެ.
މިގްރޫޕްގެ ފަހު މެޗަށް ޖަމާލުއްދީނާއި ތާޖުއްދީން ނުކުންނަ އިރު، މި ދެޓީމުވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މިގްރޫޕްގެ ކުރީގައިވާ ތާޖުއްދީނަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައިވާ ޖަމާލުއްދީނަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. ގްރޫޕްގެ ތިންވަނައިގައި އޮތް ގިޔާސުއްދީނަށް އެއް ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕްގެ ފުލުގައި އޮތް ބިލަބޮންގް އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.