ދިވެހި ރާއްޖޭ ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބިދޭސީން ބައިވެރިވެރި ކުރުމަކީ ލާޒިމް ކަމެއް ނޫން ކަމަށް ކަނޑައެޅުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ދެހާސް އަށް ވަނަ އަހަރު ފާސްކުރި ޕެންޝަނާ ބެހޭ ގާނޫނަށް އެ އިސްލާހެއް ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.

ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތުން ޕެންޝަން ދިނުމަށްޓަކައި ދިވެހި ރާއްޖޭގައި ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ޕެންޝަން ލިބޭ އުމުރު ހަމަ ނުވާ ކޮންމެ މީހަކު ބައިވެރިކުރުވުމަކީ ވަޒީފާދޭ ފަރާތަށް ލާޒިމް ކަމެއް ކަމަށް ޕެންޝަނާ ބެހޭ ގާނޫނުގެ 12 މާއްދާގެ ށ ގައި ބުނެފައިވެ އެވެ. އަދި ޕެންޝަން ސްކީމުގައި ބައިވެރިވުމަކީ ވަޒީފާ އަދާކުރާ ކުރާ ފަރާތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

އަބްދުލް އަޒީޒު ހުށަހެޅުއްވި އިސްލާހްގައި ބުނެގައިވަނީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ބިދޭސީން އެ ސްކީމުގައި ބައިވެރިކުރުމަކީ ލާޒިމް ކަމެއް ނޫން ކަމަށެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް އެ އިސްލާހް ހުށަހެޅުއްވި އެއް ސަބަބަކީ ބިދޭސީންނަކީ އުމުރުން ދުވަސްވަންދެން ރާއްޖޭގައި ތިބޭނެ ބަޔަކަށް ނުވާތީ ބިދޭސީން އަތުން ޕެންޝަން ފައިސާ މިހާރު ނެގި ނަމަވެސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މަގުސަދު ހާސިލް ނުވާނެތީ ކަމަށް އެ އިސްލާހާއި އެކު ބުނެފައިވެ އެވެ.

ދިވެހި ރާއްޖޭގެ ޕެންޝަންސް ސްކީމްގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތަކުން ބައިވެރިވުން ލާޒިމްކޮށްފައިވާއިރު ޕެންޝަނުގެ ފައިސާ އެމީހަކަށް ލިބޭނީ އުމުރުން 65 އަހަރުވުމުންނެވެ.