ބަނޑުގައި ރިއްސާތީ ނ. މަނަދޫއަށް ގެންދިޔަ މާބަނޑު މީހަކު އެރަށު ފަޅުތެރޭގައި އޮއްވާ ލޯންޗް ތެރެއަށް ވިހައިިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޅ.ހިންވަރު ސިއްހީ މަރުކަޒަށް ގެންދިޔަ އުމުރުން 18 އަހަރުގެ އަންހެން ކުއްޖާ މަނަދޫއަށް ގެންދިޔައީ އެރަށު ސިއްހީ މަރުކަޒުން ފަރުވާދެވެން ނެތިގެން އިތުރަށް ފަރުވާ ދިނުމަށެވެ. އަދި އޭނާއާ އެކު ސިއްހީ މަރުކަޒުގެ ނަރުހަކު ވެސް ދިޔަ އެވެ.

މަނަދޫ ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުންގެ ޖިޕެއްގައި އެ އަންހެން މީހާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ އަންހެން ކުއްޖާ ވިހާފައިވަނީ ދުވަސް ނުފުރާ އޮތް އަންހެން ކުއްޖެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންނަ ކަމުގެ މައުލޫމާތު ލިބިގެން އެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހޮސްޕިޓަލްގެ އެންބިއުލައިންސް މިދުވަސް ކޮޅު ހަލާކުވެފައި އޮންނާތީ އެމަޖެންސީ ހާލަތްތަކުގައި ބޭނުންކުރަނީ ފުލުހުންގެ ވެހިކަލްއެއް. ޕޭޝަންޓްގެ ކޮންޑިޝަން އެހާ ރަނގަޅަށް މިކޮޅަށް ސާފުކޮށްދީފަ އެއް ނެތް. އެ އަންހެން މީހާ ވިހެއި ދުވަސް ނުފުރާ. މިވަގުތު ކުޑަ ދަރިފުޅުގެ ހާލު އެހާ ރަނގަޅެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

މަނަދޫއަށް ދިޔަ ލޯންޗް އެރަށު ފަޅުތެރެއަށް ވަންތާ މާގިނައިރު ތަކެއް ނުވަނީސް އެ އަންހެން ކުއްޖާ ވިހެއުމުގެ ސަބަބުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޕިކަޕެއްގަ އެވެ. އަދި އެ ދެމައިންނަށް މަނަދޫ ހޮސްޕިޓަލުން ގެންދަނީ ފަރުވާދެމުން ނެވެ.