29 Mar 2014, 14:12
ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި އެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ދެތިން ދުވަހުގެ ތެރޭގައި އިއުލާނު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގުރައިދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭ ކަން ފާހަގަކުރައްވައި، އެ ދާއިރާ އަށް އަންނަން ޖެހޭ ހެޔޮ ބަދަލުތައް އިރާދަކުރެއްވިއްޔާ މި ސަރުކާރުން ގެންނާނެ ކަމުގެ ޔަގީންކަން ރައީސް އެރަށުގެ ރައްޔިތުންނަށް ދެއްވި އެވެ.
ރަޢީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނާ ހަމައަށް ގެނެސްދޭން ބޭނުންވާ ތަރައްގީގެ އެންމެ މުހިންމު ހިއްސާދާރަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ މިނިވަންކަމާ އެކީގައި ސަރުކާރަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ޒިންމާދާރުކަމާ އެކީގައި މިކަން ކުރައްވާ ބޭފުޅުންނަށްވާން ޖެހޭނެ ކަމަށެވެ.
"ސަރުކާރަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި މަޖިލީހުގެ ދައުރު ވަރަށް ބޮޑު، މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވަނީ ސަރުކާރަށް ފުރިހަމަ އަށް ތާއީދު ކޮށްފައި. ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހުން ކޮށްދޭން ޖެހޭނެ،"ރައީސް ވިދާޅުވި އެވެ.
ގުރައިދޫން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ ވޭމަންޑުއަށެވެ. ވޭމަންޑޫ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވޭމަންޑޫގެ ތަރައްގީއަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވި އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ފިކުރު ބަދަލުވެގެންދާކަން އެންމެ ފަހުން މި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ހާމަ ކޮށްދީފި ކަމަށް ވިދާޅުވި އެވެ.