29 Mar 2014, 13:41
މިޞުރުގައި ރައްޔިތުންގެ އިންތިޚާބަކުން ހޮވުނު އިސްލާމީ ސަރުކާރު ވައްޓައިލައި، އެ ޤައުމުގެ ބާރުތަކާ ޙަވާލު ވެގެން ތިބި ހުޅަނގަށް ވަފާތެރި ލާދީނީ ލީޑަރުންނާއި އެމީހުންނަށް ތަބާ ވާ ސިފައިންނާއި ފުލުހުން، އިސްލާމީ ސަރުކާރު އަނބުރައި ގެނައުމަށް މަސައްކަތް ކުރާ ފަރާތްތައް ހައްޔަރު ކޮށް، ލާއިންސާނީ އަދި ރަޙުމު ކުޑަ އަނިޔާތައް ދެމުން ގެންދާ ކަމަށް ބީބީސީގެ މުރާސިލުން މިއަދު ވަނީ ބުނެފައެވެ.
މިޞުރުގެ އިޚްވާނުލް މުސްލިމީން ޖަމާޢަތުގެ ސިޔާސީ ޕާޓީން އުފެއްދި ސަރުކާރު ވައްޓައިލައި، އެ ސަރުކާރުގެ ރައީސް ޑރ. އަލްޙާފިޡް މުޙައްމަދު މުރްސީ ހައްޔަރު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މިޞުރުގައި އިސްލާމީ އުޞޫލުތައް އޮތުމަށް ނުރުހޭ، ލާދީނީ އަލްމާނީން މި ބަޣާވާތް ކޮށްފައި ވަނީ އެމެރިކާގެ މާލީ އެހީތެރިކަމާއި ހުޅަނގުގެ އަޚްލާޤީ ތާއީދާ އެކުގައެވެ. އަދި ސަޢޫދީ ޢަރަބިއްޔާ އާއި ކުވައިތާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ވެސް ތާއީދާ އެކުގައެވެ.
ޖުލައި މަހުގެ ބަޣާވާތަށް ފަހު، ޑރ. މުރްސީއަށް ތާއީދު ކޮށް، އިސްލާމީ ސަރުކާރު އަނބުރައި އިޢާދަ ކުރުމަށް ގޮވައިލައި، އިޚްވާނުލް މުސްލިމޫންގެ މެންބަރުންނާއި އިސްލާމީ ޚިޔާލުގެ އެތައް ލައްކަ ބަޔަކު މެދުނުކެނޑި މިޞުރުގެ މަގުތަކަށް ނުކުމެ ޝުޢޫރު ފާޅުކޮށް މުޒާހަރާ ކުރަމުން ދާ އިރު، ލާދީނީ ސަރުކާރާއި ޢަސްކަރިއްޔާ އާއި ފުލުހުން ވަނީ އޭގެ ތެރެއިން އެތައް ހާސް ބަޔަކު ހައްޔަރު ކޮށް، ޖަލުތަކަށް ލައިފައެވެ. މުރާސިލުން އަންދާޒާ ކުރާ ގޮތުގައި، ޖުލައި މަހުގެ ފަހުން، އިސްލާމީ ޚިޔާލުގެ މަދުވެގެން 20000 މީހުން ވަނީ ޖަލުތަކަށް ލެވިފައެވެ.
ޖަލުތަކުގައި ދުވަސްތައް ހޭދަ ކުރުމަށް ފަހު މިނިވަން ވެފައި ވާ އެތައް ބަޔަކު ބީބީސީއަށް މަޢުލޫމާތު ދޭ ގޮތުގައި، ޖަލުގައި އެމީހުންނަށް ވަނީ ލާއިންސާނީ އަދި ރަޙުމުކުޑަ ބޮޑެތި އަނިޔާތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އަނިޔާވެރި ގޮތުގައި ތެޅުމާއި، ޖިންސީ ގޯނާ ކުރުމާއި، ކަރަންޓުގައި ޖެއްސުން ފަދަ އަނިޔާތައް ތަޙައްމަލު ކުރާން ޖެހުނު ކަމަށް އެތައް ބަޔަކު ބުނެއެވެ. ލާދީނީ ސިފައިންނާއި ފުލުހުންގެ އަނިޔާ ލިބުނު މީހުންގެ ތެރޭގައި ނުވަރަފުރައިގެ ކުދީން ވެސް ހިމެނޭ ކަމަށް، ބީބީސީއަށް ލިބިފައި ވާ މަޢުލޫމާތުތައް ބުނެއެވެ.
އަނިޔާ ކުރެވުނު ކުދީންގެ ތެރޭގައި، ޢުމުރުން 15 އަހަރުގެ އަޙްމަދު ޢަބްދުލްފައްތާޙް ހިމެނެއެވެ. އޭނާ ހައްޔަރު ކުރެވުނީ 24 ޖަނަވަރީ 2014 ގައެވެ. އޭނާގެ މޯބައިލް ފޯނުން، ޝަރްޤިޔާ ފަރުވިންސުގައި ބޭއްވުނު އިޚްވާނުލް މުސްލިމޫންގެ މުޒާހަރާއެއް ވީޑިއޯ ކުރާން ހުއްޓައެވެ. އަޙްމަދު ބުނި ގޮތުގައި، އޭނާ އެ މުޒާހަރާ ވީޑިއޯ ކުރީ ފޯނުން ވީޑިއޯ ކުރުމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. އޭނާ އަތުލައިގަނެގެން ގޮސް ފުލުހުންނާ ޙަވާލު ކުރީ އިސްލާމީ ޚިޔާލުގެ މުޒާހަރާއާ ދެކޮޅަށް ނުކުމެ ތިބި ލާދީނީ ޚިޔާލުގެ ގޭންގެއްގެ މީހުންނެވެ.
އަޙްމަދު ބުނާ ގޮތުގައި، އޭނާ އަނިޔާގެ 34 ދުވަސް ތަޖުރިބާ ކުރާން ފެށީ ޝަރްޤިޔާގެ ފުލުސް އިސްޓޭޝަނުގައެވެ. "އެމީހުން އަހަރެން ކަރަންޓުގައި ޖެއްސި." އަޙްމަދު ބުންޏެވެ. އެއަށްފަހު އޭނާ ވަނީ ކަރަންޓުގައި ޖެއްސި ތަންތަން އިޝާރާތުން ބުނެދީފައެވެ. އޭގެތެރޭގައި އޭނާގެ ކުރިމަތިފަރާތް ވެސް ހިމެނެއެވެ. އޭގެ އިތުރުން، މައިބަދަ އާއި، ދެ އަތުގައި ވެސް ކަރަންޓު ޖެއްސި ކަމުގެ ނިޝާންތައް ފެންނާން ހުއްޓެވެ.
"ކަރަންޓުގައި ޖެއްސުމުން އަހަރެން ބިންމައްޗަށް ވެއްޓޭ. އެއަށްފަހު ދެން ކޮޅަކަށް ނުހުރެވޭ. ކަރަންޓުގައި ޖައްސައިފައި، އަހަރެންގެ ގައިގައި ތަޅަން ވެސް ތަޅާ. ބައެއް ފަހަރު ކަރަންޓުގައި ޖައްސާން ވެގެން ގަޔަށް ފެން އަޅައިފައި ވެސް ޖައްސާ." އަޙްމަދު ކިޔައިދިނެވެ.
އަޙްމަދު ބުނި ގޮތުގައި އޭނާ އަކީ އިޚްވާނުލް މުސްލިމޫންގެ މެންބަރެއް ކަމަށް ފުލުހުން ޝައްކު ކުރިއެވެ. އަޙްމަދު ޤަބޫލު ކުރާ ގޮތުގައި އޭނާއަށް އެހައި ބޮޑަށް އަނިޔާ ކުރީ އެ ޝައްކުގެ ސަބަބުންނެވެ.
"އެމީހުން ބޭނުން ވީ އަހަރެން ވަރަށް ބޮޑަށް ބިރު ގަންނުވައިލައިގެން، އަހަރެން ލައްވައި ގިނަ ކަންތައްތަކަކަށް އިޢުތިރާފު ކުރުވާން. އަހަންނަކީ އިޚްވާނުގެ މެންބަރެއް ވެސް ނޫން. އެކަމަކު އެމީހުން އަހަރެންގެ ގާތުގައި އެވަނި މީހަކަށް މިވަނި ތަނަކުން ފައިސާ ލިބެއޭ، އޭނާގެ އަތުގައި ހަތިޔާރު ވެސް ހުރެއޭ، އޭނާގެ އަތުން އަހަންނަށް ވެސް ހަތިޔާރު ލިބެއޭ ބުނެ، އަހަރެން ކޮންމެވެސް ފުލުސް އޮފިސަރެއްގެ ގައިގައި ޖެހީއޭ ވެސް ބުނޭ."
އަޙްމަދު ބީބީސީގެ މުރާސިލުންނާ ވާހަކަ ދެއްކި އިރު، ގާތުގައި އޭނާގެ ބައްޕަ ވެސް އިނެވެ. އޭނާގެ ބައްޕަ އަކީ ސްކޫލެއްގައި އިންސްޕެކްޓަރެއްގެ މަޤާމުގައި ވަޒީފާ އަދާ ކުރާ މީހެކެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ ކުޑަ އިރު ދިމާވި ހާދިސާއެއްގައި އަތަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި ހުންނަ، މުލައްދަނޑީގެ ބާރު އާދަޔާ ޚިލާފަށް ދަށް ކުއްޖެކެވެ. އޭގެ އިތުރުން، އޭނާއަކީ ފިޓު ޖެހޭ ކުއްޖެއް ކަމަށާއި، ހައްޔަރު ކުރެވުނު ފަހުން އޭނާގެ ޞިއްޙަތު ވަރަށް ބޮޑަށް ގޯސް ވެފައި ވާ ކަމަށް ވެސް ބައްޕަ ބުންޏެވެ.
މިޞުރުގެ ފުލުހުންނާއި ސިފައިންގެ ޤައިދުން މިނިވަން ވެގެން ނުކުންނަ ގާތްގަނޑަކަށް ހުރިހާ އެންމެން ވެސް ތިބެނީ އެއްވެސް އެއްޗެކޭ ބުނާން ބިރުންނެވެ. ޤައިދުގެ ދުވަސްވަރު ކަންކަން ހިނގި ގޮތާ މެދު ސުވާލު ކުރިޔަސް، ވަރަށް މަދު މީހަކު މެނުވީ އެއްވެސް އެއްޗެކޭ ބުނާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް، މަދު ބަޔަކު ވަނީ ހިތްވަރު ކޮށްފައި، ފުލުހުންނާއި ސިފައިންގެ ކަންކަން ހުރި ގޮތުގެ ވާހަކަތައް ތަފްޞީލުކޮށް ކިޔައިދީފައެވެ. އަދި ބީބީސީގެ މުރާސިލުން ހޯދައިފައި ވާ މަޢުލޫމާތުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައި ވަނީ އެމީހުންގެ ވާހަކަތައް ދިމާ ވާ ކަމަށާއި، އެ ވާހަކަތައް އެކި ގޮތްގޮތުން ތަޙުލީލު ކުރުމުން، ތެދުވެރިކަމުގެ "އިނގިލީގެ ނިޝާން" އެ ވާހަކަތަކުން ފެންނަ ކަމަށެވެ. މީގެ އިތުރުން، އެ ވާހަކަތައް، ދުނިޔޭގެ އިންސާނީ ޙައްޤުތަކާ ބެހޭ އެކިއެކި ޖަމްޢިއްޔާތަކުން ނެރެމުން ދާ ރިޕޯޓުތަކާ ވެސް ދިމާވެއެވެ. މިފަދަ އެތައް ރިޕޯޓެއްގައި ބުނެފައި ވަނީ، މިޞުރުގެ ޖަލުތަކުގައި، ޖުލައި މަހަށް ފަހު ހައްޔަރު ކުރެވުނު އެތައް ހާސް ބަޔަކަށް ފުޅާ ދާއިރާއެއްގައި ލާއިންސާނީ އަދި ރަޙުމުކުޑަ އަނިޔާތައް ދެވެމުންދާ ކަމަށެވެ.
"މިޞުރު ވަނީ މުބާރަކުގެ ޒަމާނުގައި، އިންތިޒާމީ ގޮތެއްގައި ޖަލުތަކުގައި މީހުންނަށް ލާއިންސާނީ އަދި ރަޙުމު ކުޑަ އަނިޔާތަކާއި ކުދި އަނިޔާތައް ދިން ޒަމާނަށް، އެނބުރި ގޮސްފައި." އެރެބިކް ނެޓްވޯރކް ފޯރ ހިއުމަން ރައިޓްސް އިންފޮރމޭޝަންގެ ތަރުޖަމާނު ޖަމާލް ޢީދު ވިދާޅުވިއެވެ. "މިހާރު އެފަދަ އަނިޔާތައް ކުރާ މިންވަރު އިތުރު، އެއީ މިހާރު ޖަލުތަކަށް ލެވޭ މީހުންގެ ޢަދަދު އިތުރު ވީމަ. ކުރިޔާ ހުރި ތަފާތަކީ، ދެވޭ އަނިޔާތަކުގެ އަނިޔާވެރިކަމާއި ބަރުބަރިއްޔަތު ކުރިޔަށް ވުރެ މިހާރު ބޮޑުކަން." އޭނާ އިތުރަށް ވިދާޅުވިއެވެ.
އިސްލާމް ދީނަށް ނަފްރަތު ކުރާ ވެރީންނާއި އެމީހުންގެ ސިފައިންނާއި ފުލުހުންގެ ފަރާތުން ލާއިންސާނީ އަނިޔާތަކާ ކުރިމަތިލާން ޖެހުނު އަނެއް ޒުވާނަކީ ޔާސީން މުޙައްމަދެވެ. ނަވާރަ އަހަރުގެ ޔާސީން ހައްޔަރު ކުރެވުނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި، ޤާހިރާގެ މެދުތެރޭގެ ސަރަޙައްދަކުންނެވެ. ބަންދުގައި އޭނާ 42 ދުވަސް ހޭދަ ކުރިއެވެ.
ޔާސީން ބީބީސީއަށް ކިޔައިދިން ގޮތުގައި، އޭނާ ވާހަކަ ދައްކައި، ކަން ހިނގި ގޮތުގެ ޙަޤީޤަތް ހާމަ ކުރާން ބޭނުން ވީ، ޖަލުތަކުގައި މިހާރުވެސް އަނިޔާ ލިބެމުންދާ އެތައް ހާސް ބައެއްގެ ޙައްޤުގައެވެ. އެމީހުންނަށް ކުރިމަތިލާން ޖެހިފައި ވާ ޙާލަތުގެ އަޑު ދުނިޔެއަށް އިއްވުމަށް ޓަކައެވެ. ބީބީސީގެ މުރާސިލުން ފާހަގަ ކުރާ ގޮތުގައި، އެތައް ފަހަރަކު ކަރަންޓުގައި ޖެއްސި ކަމަށް ޔާސީން ބުނާ ބަހުގެ ހެކިތައް އޭނާގެ މޫނުމައްޗާއި ޙަރަކާތްތަކުން ރީތިކޮށް ފާޅު ވެއެވެ. އޭނާއަކަށް ރީތިކޮށް ވާހަކައެއް ނުދެއްކެއެވެ. ވާހަކަ ދެއްކެނީ އިރުއިރުކޮޅާ ހުއްޓަހުއްޓައިފައެވެ. ހަމައެހެންމެ، އޭނާއަށް ރީތިކޮށް ނުހެވެއެވެ. މިއީ ކަރަންޓުގައި ޖެއްސުމުން ދިމާ ވާ ކަންތައްތަކެވެ.
"އެމީހުން އަހަރެންގެ ގައިގައި ވަރަށް ބައިވަރު ތަޅާ. ދެން، އެއް ފަހަރަކު ކުއްލިޔަކަށް އަހަރެންގެ ހެދުން ބާލުވައިފައި، އަހަރެންގެ ގަޔަށް ކަރަންޓު ނަރުތައް ގުޅި. ކަރަންޓުގައި ޖެއްސުމުން އަހަރެން އަޑުގެ ކޮޅަށް ހަޅޭއްލެވިން. ރުއިން. ކަރަންޓުގައި ޖެއްސުމުން ވާ ގޮތްގޮތެއް އެކަން ތަޖުރިބާ ނުކުރާ މީހަކަށް ނޭނގޭނެ. ހީވާނީ ފުރާނަ އަރައަރައިގެން ދަނީހެން. ހީވާނެ ރާބޮއިގެން މަސްތުވެގެން އުޅެވެނީއޭ ވެސް. ތިމާގެ ބުއްދި މުޅީން ފިލައި ދިޔައީ ކަމުގެ އިހުސާސް ވެސް ކުރެވޭނެ. ވައިރުތައް ނައްޓައިލުމުން ދެން ހުންނާނީ މުޅީން، މުޅީން، މުޅީން ބޮލަށް އެނބުރުން އަރައި، ވާނުވާ ނޭނގޭ ހާލުގައި." ޔާސީން ކިޔައިދިނެވެ.
ކަރަންޓުގައި ޖެއްސި ވާހަކަ ކިޔައިދިނުމަށް ފަހު، ޔާސީން އޭނާގެ ދެ އަތް ނޫސްވެރީންނަށް ދެއްކިއެވެ. އެއިރުވެސް އެ ދެ އަތުގައި ތުރުތުރުއެޅުމެއް ހުއްޓެވެ. ޔާސީން ގެންދިޔުމަށް އަމުރު ކުރުމަށް ފަހު، "ދެން އެހެން މީހަކު ގެންނާށޭ" ފުލުހުންގެ މީހަކު ބުނި އަޑު ވެސް ޔާސީނަށް އިވުނެވެ.
ލާދީނީ ފުލުހުން ވަނީ ޔާސީނަށް ޖިންސީ ގޮތުން ގޯނާ ކޮށް، އޭނާ ރޭޕް ވެސް ކޮށްފައެވެ. "އަހަންނާ މެދު އެމީހުން ކުރި ބައެއް ކަންތައްތަކަކީ ދުލުން ކިޔައިދޭން ނުކެރޭ ފަދަ ކަންކަން." ޔާސީން ބުންޏެވެ. ރޭޕް ކުރި ގޮތުގެ ވާހަކަ ޔާސީން ކޮންމެވެސް ވަރަކަށް ބީބީސީގެ ނޫސްވެރީންނަށް ކިޔައިދިނަސް، ބީބީސީގެ ރިޕޯޓުގައި އޮތީ "އެއީ އެ ޢަމަލުތަކެއްގެ ވާހަކަ ލިޔެގެން ޢާއްމު ކުރެވޭ ވަރަށް ވުރެ އަނިޔާވެރި، ހުތުރު" ޢަމަލުތަކެއް ކަމަށެވެ.
ޔާސީން ހައްޔަރު ކުރެވުނީ، ފުލުހުންނާއި ސިފައިންގެ ހައްޔަރުގައި ތިބި ބަޔަކު މިނިވަން ކުރުމަށް ގޮވައިލައި ކުރެވުނު މުޒާހަރާއެއްގެ ތެރޭގައެވެ. ޔާސީނާއި އޭނާގެ އެކުވެރީން، އެ ބައެއްގެ ޙައްޤުގައި ހަޅުތާލު ކުރަމުން ގެންދިޔަ ޤައިދީންގެ ތެރޭގައި، އޭނާގެ އެކުވެރި އަންހެން ކުއްޖެއް ކަމަށް ވާ، ޢުމުރުން 19 އަހަރުގެ އަޔާޠު ޙަމަދާ ވެސް ހިމެނެއެވެ.
އަޔާޠު ވެސް އޭނާގެ ހިތި ތަޖުރިބާގެ ވާހަކަ ބީބީސީގެ ނޫސްވެރީންނާ ޙިއްސާ ކުރިއެވެ. އޭނާއަށް ވެސް ފުލުހުން ވަނީ ޖިންސީ ގޮތުން ގޯނާ ކޮށްފައެވެ. "އޭގެ ތަފްޞީލުތަކަށް ދާހައި ހިތްވަރެއް އަހަރެންގެ ކިބައިގައި ނެތް." އަޔާޠު ބުންޏެވެ. "އެކަމަކު އެމީހުން ވަނީ ވަރަށް، ވަރަށް ހުތުރުކޮށް އަހަރެމެންނާ މެދު ޢަމަލު ކޮށްފައި. އެމީހުންގެ މަޤްޞަދަކީ އަހަރެމެންގެ ރޫޙު ނެއްތައިލުން."
އަޔާޠު އޭނާގެ ވާހަކަ ކިޔައިދިން އިރު، އޭނާގެ އެކުވެރި ސަލްސަބީލް ޣަރާބާވީ ހުރީ އޭނާގެ އަތުގައި ބާރަށް ހިފަހައްޓައިލައިގެންނެވެ. ދެ ކުދީން ވެސް ތިބީ ބުރުގާ އަޅައިގެންނެވެ. ސަލްސަބީލަކީ ޢުމުރުން 21 އަހަރުގެ ކުއްޖެކެވެ. އޭނާ ވެސް ވަނީ ފުލުހުންގެ ހައްޔަރުގައި ހިތި ދުވަސްތަކެއް ދެކެފައެވެ. އެ ދެ ކުދީންނަށް ވެސް ފުލުހުން ވަނީ "ރޭޕް ކޮށްލާނެ ކަމުގެ އިންޒާރު" ދީ، ގަދަކަމުން މާބަނޑު ވިތޯ ބަލާ ޓެސްޓު ވެސް ކުރުވައިފައެވެ.
ޤައިދީންނަށް ލާއިންސާނީ އަނިޔާތައް ދެވޭ މައްސަލައާ ގުޅިގެން، ބީބީސީގެ މުރާސިލުން މިޞުރުގެ އިންޓީރިއަރ މިނިސްޓްރީގެ އޮފިޝަލުންނާ ވާހަކަ ދެއްކިއެވެ. ސުވާލުތައް ކުރުމުން، އޮފިޝަލުން ވަނީ މީގެ އެތައް އަހަރެއް ކުރީން ނަގައިފައި ހުރި ވީޑިއޯއެއް ބީބީސީގެ ނޫސްވެރީންނަށް ދައްކައިފައެވެ. އެ ވީޑިއޯގައި ފެންނަނީ ސާފުކޮށް، ރީތިކޮށް ހަދައިފައި ހުރި ޖަލުގޮޅިތަކެކެވެ. އެ ވީޑިއޯ ދެއްކުމަށް ފަހު، އެމީހުން ވަނީ ޖަލުތަކުގައި އަނިޔާ ކުރުމުގެ އެއްވެސް ޢަމަލެއް ނުހިނގާ ކަމަށް ބުނެފައެވެ. "ކަނޑައެޅިގެން ހުސް ދޮގު އެއީ. އެއްވެސް މީހަކަށް ކުޑަކުޑަ ނަމަވެސް އަނިޔާއެއް ކޮށްފައެއް ނުވާނެ." ޖެނެރަލް އަބޫ ބަކުރު ޢަބްދުލް ކަރީމް ވިދާޅުވިއެވެ.
އެތައް ހެކިތަކެއް އެބަ ހުރި ކަމަށް ނޫސްވެރީން ބުނި ބުނުމަށް އެންމެ ފަހުން ޖެނެރަލް އަބޫ ބަކުރު ވިދާޅުވީ "އޮޅުމެއްގެ ތެރެއިން ހިނގައިފައި ހުރި ކަމެއް ހުރެދާނެ" ކަމަށާއި، އަދި "ބައެއް ފުލުހުން އަމިއްލަ އަމިއްލަޔަށް ގޯސްތަކެއް ހަދައިފައި ހުރެދާނެ" ކަމަށާއި ބޮޑެތި އަނިޔާތަކެއް ނުކުރާނެ ކަމަށެވެ.
ޖެނެރަލް އަބޫ ބަކުރާއި، މިޞުރުގެ ލާދީނީން ކޮންމެ އެއްޗެކޭ ބުންޏަސް، އެމީހުން އިސްލާމީ ފިކުރުގެ މުސްލިމުން ދެކެ އަންނަ ރުޅިއާއި ކުރާ އަނިޔާތަކުގެ ވާހަކައަކީ މިއަދު އިންކާރު ކުރެވޭން ނެތް ވަރަށް ސާބިތު ވާހަކައެކެވެ. މިޞުރުގެ އެތެރޭގައި އެ ވާހަކަތަކުގެ އަޑު ގަދަ ވެ، އިންސާނީ ޙައްޤުތަކަށް ޓަކައި މަސައްކަތް ކުރާ މުސްލިމް އަދި ޣައިރު މުސްލިމް ޖަމާޢަތްތަކާއި، ޢަރަބި އަދި ޢަރަބި ނޫން ޖަމާޢަތްތަކުން އޭގެ ހެކިތައް މަތިމައްޗަށް ހުށަހަޅައި، އެންމެފަހުން، ލާދީނީންނަށް ހަމްދަރުދީ ވާ ބީބީސީ ފަދަ އިދާރާތަކަށް ވެސް މި ވަނީ، އެ ވާހަކައަށް ކޮންމެވެސް ކަހަލަ އަލިކަމެއް އަޅުވައިލާން މަޖުބޫރު ވެފައެވެ.
މިޞުރުގެ ރައީސްކަމަށް ވާދަ ކުރައްވާނެ ކަމަށް، އެމެރިކާއިން ތަމްރީނު ވެވަޑައިގެން ހުންނެވި، އަދި ލާދީނީންގެ މައިބަދަ ކަމަށް ވާ ޖެނެރަލް ޢަބްދުލްފައްތާޙް އައްސީސީ ވަނީ ވިދާޅުވެފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އޭނާ އަކީ "އައު ފިރްޢައުނެވެ". ސީސީ ރައީސްކަމަށް ވަޑައިގެންފި ނަމަ، މިޞުރުގެ މުސްލިމުންނަށް ކުރިމަތިލާން ޖެހޭނީ ހަމައެކަނި ލާއިންސާނީ އަނިޔާތަކާއި ރަޙުމު ކުޑަ އަނިޔާތަކުގެ އިތުރު އަހަރުތަކަކާ ނޫނެވެ. މިޞުރު އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮންނާނެތޯ މި ނުރައްކައުތެރި ސުވާލު ވެސް މިހާރު ވަނީ ފެންމަތި ވާން ފަށައިފައެވެ.