29 Mar 2014, 13:03
އޭސީ މިލާނުގެ އިޓަލީ ފޯވަޑް މާރިއޯ ބަލޮޓެލީ ކުޅުންތެރިއެއް އަދި މީހެއްގެ ގޮތުގައި ބޮޑުވަމުންދާ ކަމުގައި އެކްލަބުގެ ކޯޗު ކްލެރަންސް ސީޑޯފް ބުނެފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ލާޒިއޯ އަތުން 1-1 ލަނޑުން އެއްވަރުވި މެޗު ފެށި އިރު، ބެންޗުގައި ބަލޮޓެލީ އިންނަން ޖެހުނު ނަމަވެސް، ބުދަ ދުވަހު ފޮއިރެންޓީނާއާ ދެކޮޅަށް ކުޅެ 2-0 ލަނޑުން މޮޅުވި މެޗުގެ ފުރަތަމަ އެގާރަ އިން ޖާގަ ހޯދި ބަލޮޓެލީ ވަނީ ހިލޭ ޖެހުމަކުން ލަނޑެއް ކާމިޔާބު ކޮށްފަ އެވެ.
"ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ހުރިހާ ތައުރީފެއް ހައްގު ވަނީ ބަލޮޓެލީ އަށް. އެ މެޗުގައި އޭނާ ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައި،" ސީޑޯފް ބުންޏެވެ. "ރެފްރީގެ ނިންމުންތަކާ މެދު އޭނާ ހިތްހަމަ ނުޖެހިގެން އުޅެފައެއް ނުވޭ. އެކަމުން ދައްކުވައިދެނީ އޭނާ ބޮޑުވަމުންދާ ކަން. ކުޅުންތެރިއެއް އަދި މީހެއްގެ ގޮތުގައި އޭނާ ދަނީ ބޮޑުވަމުން." ސީޑޯފްް ބުންޏެވެ.
މި ސީޒަނުގައި މިލާނުގެ ފަރާތުން ދަށް ކުޅުމެއް ފެންނަމުން ދިޔަ ނަމަވެސް ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ހުރިހާ ކަމެއް ބަދަލުވެފައިވާ ކަމަށް ސީޑޯފް ގަބޫލުކުރެ އެވެ.
"އަހަރެމެންނަށް މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވަނީ ސީޒަނުގެ ފެށުން ރަނގަޅު ނުކުރެވުމުން،" ސީޑޯފް ބުންޏެވެ. "ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ކުޅުން ދައްކައިފި ނަމަ، އަހަރެމެންނަށް ތަފާތެއް ގެނެވިދާނެ."