ސައުދީ ރަސްގެފާނު ޢަބުދުﷲ ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދަށް ފަހު ދެވަނަ އަށް ރަސްކަމަށް ވަޑައިގަންވާނެ ބޭފުޅަކު ކަނޑައަޅައިފި އެވެ.

ރަސްގެފާނު ޢަބުދުﷲ އަށް ފަހު ދެން ރަސްކަމަށް ވަޑައިގަންނަވަން ހުންނެވި ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދަށް ފަހު ރަސްކަމަށް ވަޑައިގަންނަވާނެ ބޭފުޅަކަށް ކަނޑައަޅާފައި ވަނީ ޢަބުދުﷲ އާ އެއްބައްޕާފުޅު މުޤުރިން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދެވެ.

ރަސްކަމަށް ވަޑައިގަންނަވަން ހުންނެވި ދެވަނަ ބޭފާ ( ޑެޕިއުޓީ ކްރައުން ޕްރިންސް)ގެ މަގާމު ރަސްގެފާނު ޢަބުދުﷲ ، މުޤުރިން އަށް ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސައުދީ އަރަބިއްޔާގެ "ސައުދީ ގެޒެޓް" ނޫހުން ބުނީ ޝާހީ ޚާންދާނުގެ ބޭފުޅުންނާއި ސަރުކާރުގެ އިސްބޭފުޅުން މުޤުރިންއަށް ބައިއަތު ހިއްޕެވުން މާދަމާއާއި އަނެއް ދުވަހު މެންދުރު ނަމާދަށް ފަހު އަލް ހަކަމް ޕެލަސްގައި އޮންނާނެ ކަމަށް ރަސްކަމުގެ ދަރުބާރުން އިއުލާންކުރައްވާފައިވާ ކަމަށެވެ.
މަގާމު ދެއްވުމުން ޕްރިންސް މުޤުރިން ރަސްގެފާނު ޢަބުދުﷲއަށާއި ކްރައުން ޕްރިންސް ސަލްމާނަށް ޝުކުރުއަދާކުރައްވާފައިވާ ކަމަށް ވެސް އެނޫސް ބުންޏެވެ.

ޕްރިންސް މުޤުރިން އަކީ ސަޢުދީ ޢަރަބިއްޔާގެ ބާނީ، ޢަބުދުލް ޢަޒީރުގެ އެންމެ ހަގުދަރިކަލުންނެވެ. ދެހާސް ފަސް ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް އޭނާ ހުންނެވީ ސަޢުދީ ޢަރަބިއްޔާގެ ޖާސޫސީ އިދާރާގެ ވެރިއާގެ މަގާމުގަ އެވެ.