29 Mar 2014, 11:38
ށ. ފުނަދޫ ފަޅުތެރެއަށް ގިނަ އަދަދަކަށް ރިންމަސް ވަންނަމުން އަންނަތާ މަހެއްވަރު ވެއްޖެ އެވެ. ގިނަ އަދަދެއްގެ ރިންމަސް ފަޅަށް ވަނުމަކީ މީގެ އެތަކެއް އަހަރު ކުރިން އެރަށުން ފެންނަ މަންޒަރެކެވެ. ނަމަވެސް އަހަރުތަކަކަށް އެކަން މެދު ކެނޑުނެވެ. އަނެއްކާ ވެސް އެ ރަށުގެ ރައްޔިތުންނަށް މިވަނީ ރިން މަހުގެ އީދަކާއި ލައިގެންފަ އެވެ.
"މިހާރު ދެން ރަށުގައި އޮންނަ ކަމަކީ ރިން މަސް ހިފުން، ޗުއްޓީއަކަށް ރަށަށް އެރިޔަސް، އަންހެން ފިރިހެނުން ވެސް ކުރާ ކަމަކީ ރިން މަސް ހިފުން" އެރަށް ޗުއްތީއަށް ގޮސް ހުރި މުހައްމަދު ހަންމާދު ބުންޏެވެ.
http://sun.mv/albums/live_23595.jpg
ހެނދުނު 6:00 އިން މެންދުރު 12:00 އަކީ އެރަށު ފަޅަށް ރިންމަސް ތިލަވާ ގަޑިއެވެ. އަންހެން، ފިރިހެން، ޒުވާނެއް، މުސްކުޅިއެއް ނޯވެ އެވެ. ރަށު އެންމެންގެ ކަމަކީ ރިންމަސް ހިފުމެވެ. ރިން މަސް އައިނެއް ނުވަންނަ ދުވަހެއް ނުދެ އެވެ. ކޮންމެ ދުވަހަކު ވެސް އެރަށުން ގާތްގަނޑަކަށް 7000 ރިން މަސް ހިފާކަމަށް އެރަށު މީހުން ބުނެ އެވެ.
"ރިން މަސް ހިފާފައި އެހިފަންދާ މީހުންގެ ތެރޭގައި ބަހާލާނީ، ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް މަދުވެގެން 7000 ވަރަކަށް މަސް ފިހާ" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
http://sun.mv/albums/live_23593.jpg
މަސް ހިފުމަކުން ނިމުނީއެއް ނޫނެވެ. އެރަށު ތެރޭ މިހާރު ވަރަށް ފޯރިގަދަ އެވެ. ރިން މަސް ހިފުމުގަޔާއި އެމަސް ކެއްކުމުގެ ފޯރިވެސް ގަދަ އެވެ. ރިހާކުރުގެ ވިޔަފާރި ވަނީ ފުޅާވެފަ އެވެ. މަސް ހިއްކައިގެން ވިއްކަން މާލެ އާއި އަތޮޅު ތެރޭ ރަށްރަށަށް ގެންދާވަރު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.
"ވިޔަފާރީގެ ގޮތުން ވަރަށް ކުރީގައި އުޅެނީ، ރިހާ ކުރާއި މަސް ހިއްކައިގެން ވަރަށް ގިނައިން ވިއްކާ، ހަމަ ރަނގަޅު އާމުދަނީއެއް ވެސް އެކަމުން ލިބޭ،" ހަންމާދު ބުންޏެވެ.
http://sun.mv/albums/live_23594.jpg
އަހަރުތަކަކަށް ފަހު ފުނަދު އަށް ވަނީ ރިން މަހުގެ އީދެއް އައިސްފަ އެވެ. މަސް ހިފުމާއި އެމަސް ކެއްކުމަކީ ކޮންމެ ދުވަހެއްގައި ކުރާ ކަމެއްކަމަށް އެރަށު ރައްޔިތުންނަށް މިވަނީ ވެފަ އެވެ.