29 Mar 2014, 11:16
ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ބަދަލުތަކަށް މީހުން ހޭލުންތެރިކުރުމަށް ފާހަގަކުރާ "އާތު އަވާ" މިރޭ ފާހަގަ ކުރާ އިރު އިންޖީނުލީ އުޅަނދު ދުއްވުން މަނާ ނުކުރަން ނިންމައިފި އެވެ.
އާތު އަވާ ފާހަގަކުރުމުގެ އިންތިޒާމުތަކާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި މިނިސްޓްރީން ބުނީ ވެހިކަލް ދުއްވުން މަނާ ނުކުރީ ދެކަމަކަށް ވިސްނާފައި ކަމަށެވެ.
" ... މިހާރު އަޅުގަނޑުމެންގެ ދެވިސްނުމެއް އެބައޮތް އިނގޭތޯ. އެއް ވިސްނުމަކީ މަނާކުރީމައި ސީދާ، އާއްމުންގެ ޝަކުވާ އިތުރުވެގެން އެބަދޭ. ދެވަނަ ކަމަކީ މިކަހަލަ މާތް މަގުސަދެއްގައި ކުރާ ކަމެއްގައި ފަރުދީ ޒިންމާ ވެސް އެބައޮވޭ ދެއްތޯ؟ އަމިއްލަ އަށް އެބަޖެހޭ ދެއްތޯ އެކަން ކޮށްދޭން. ދެން އެގޮތަށް ބޮޑަށް އަޅުގަނޑުމެންގެ ވިސްނުން މިފަހަރު ހުރީ، "
ވެހިކަލް ދުއްވުން މަނާ ނުކުރީ ކީއްވެތޯ ސަން އިން ދެންނެވުމުން އެންވަޔަރްމެންޓް މިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލް އަހުމަދު އަލީ ވިދާޅުވި އެވެ.
ވެހިކަލް ދުއްވުން މަނާ ނުކުރި ނަމަވެސް އާތު އަވާ ފަހަގަ ކުރުމަށް މިރޭ 8.30 އިން 9.30 އަށް ވީހާ ވެސް ގިނަ ކަރަންޓް ސާމާނު ނިއްވާލުމަށް މިނިސްޓްރީއާއި އާތު އަވަރ މޯލްޑިވްސް" ޓީމާއި މާލޭ ސިޓީ ކައުންސިލުން އިލްތިމާސް ކުރިއެވެ.
" ... އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް އިލްތިމާސްކުރަން މާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުން ވީވަރަކުން ކަރަންޓް ބޭނުންކުރުން މަދުކުރުމަށް. ދެން ބޮކި ނިއްވާލުން މިއޮންނަނީ އެހެން ނަމަވެސް ބޮތްކަކުން އެކަނި މާބޮޑު ބަދަލެއް ނާންނާނެ. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ހުރިހާ ކަރަންޓް ސާމާނެއް ވެސް ނިއްވާލައިގެން ތިއްބެވުމަށް،" މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފު ވިދާޅުވި އެވެ.
އާތު އަވާ ފާހަގަ ކުރުމަށް މިއަދު ހަވީރުން ފެށިގެން ޕްރޮގްރާމްތައް ހިންގަން ހަމަޖެހިފައިވާ ކަމަށް އާތު އަވާ މޯލްޑިވްސް އިން ބުންޏެވެ. އެގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށާއި ޒުވާނުންނަށް ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ދިނުމަށް ބާއްވާ " އާތު އަވާ އިވްނިން" މިއަދު ހަވީރު 4.00 އިން 6.00 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އާތު އަވާ ކައުންޓްޑައުން ޝޯ މިރޭ 8.00 ގައި ފަށާނެ ކަމަށް އާތު އަވާ މޯލްޑިވްސް އިން ބުންޏެވެ.
އާތު އަވާ ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގައި އަންނަ އެންމެ ފަހު ހޮނިހިރު ދުވަހު އެވެ.