23 Dec 2010, 09:26
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގެ ޕޮރޮސެސް އިން ޕީއޭ އާއި ގައުމީ ޕާޓީ ބޮއިކަޓް ކޮށްފި ކަމަށް ޕީއޭގެ ޕާލަމެންޓް ގްރޫޕްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައީބު ރައީސް އަހުމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާ ތަމްސީލު ކުރައްވާ ނާޒިމު މިއަދު ވިދާޅުވީ ބަޖެޓް ކޮމެޓީން ޕީއޭ އާއި ގައުމީ ޕާޓީ ބޮއިކަޓް ކުރީ ބަޖެޓް ތައްޔާރުކޮށްފައިވާ ގޮތުން ރައްޔިތުނަށް ދެ ފުށް ފެންނަ ގޮތަށް ބަޖެޓް ތައްޔާރު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
ނާޒިމު ވީދާޅުވީ ބަޖެޓް ކޮމެޓީން ބޮއިކަޓް ކުރެއްވުމުގައި ބަޖެޓް ކޮމެޓީ އަށް ސަރުކާރުން އެއްބާރުލުން ދޭ ވަރު ކުޑަވުމާއި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ "އަމަލުތައް ހުރި ގޮތުން" އެއީ ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށް ވެސް ގަބޫލު ނުކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ކޮންޓިޖެންސީ ބަޖެޓުން ކޮށްފައިވާ ހަރަދުގެ ތަފުސީލަށް އެދުމުން ނުދީ އެތައް ދުވަހެއް ވަންދެން ތިބުމަށް ފަހު ދިން މައުލޫމާތުން ކޮންޓިޖެންސީ ބަޖެޓުން އެމްއެންބީސީ އަށް 54 މިލިއަން ހަރަދުކޮށްފައިވާ ކަން އެނގޭ ކަމަށެވެ. އަދި ކުރީގެ ޓީވީ އާއި ރޭޑިއޯ ރީ ބްރޭންޑް ކުރުމަށް ވެސް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
ގައުމީ ޕާޓީގެ ރިޔާޒު ރަޝީދު ވެސް ވިދާޅުވީ މުޅި ބަޖެޓްގެ ކަންތައްތައް ސަރުކާރުން ބޭނުން ގޮތަކަށް ކުރާތަން ބައްލަވަން ހުންނަވަން ބޭނުންފުޅު ނުވާތީ ކޮމެޓީން ނުކުމެވަޑައިގަތީ ކަމަށެވެ.