29 Mar 2014, 10:43
ބެޔަސް ނުބެޔަސް މަސްވެރިންނަށް ދިނުމަށް ސަރުކާރުން ނިންމަވާފައިވާ 10,000ރުފިޔާ ދިނުމަށްޓަކައި މަސްވެރިން ރަޖިސްޓަރީވުމަށް އެދޭ ފޯމް އަންނަ މަހުން ފެށިގެން ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މަޖިލީސް އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަސްވެރިން ރަޖިސްޓްރީ ވުމަށް އެދޭ ފޯމް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށާއި "އިރާދަކުރެއްވިއްޔާ މި މަސައްކަތްތައް ނިމި، މެއި މަސް ހުސްވުމުގެ ކުރިން މި ފައިސާ" މަސްވެރިންނަށް ކަށަވަރުވެގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްވެރިންނަށް ބޭނުންވާ ތެޔޮ ރާއްޖެއަށް އެތެރެކުރުމާބެހޭ މަޝްވަރާތައް އެސްޓީއޯ އިން އިންޑިޔާގެ ކަމާބެހޭ ފަރާތްތަކާ އެކު ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ. އަދި އެ މަޝްވަރާތައް ނިމި، އިރާދަކުރެއްވިއްޔާ ތެލުގެ އަގު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ހެޔޮވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން އަދާކުރައްވަން ޖެހޭ ދައުރު ފުރިހަމަގޮތުގައި އަދާކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅުއްވައި ރޭ ވާހަކަފުޅު ދެއްކެވި އެވެ. އަދި ރައްޔިތުންގެ މަޖިލިސް ޖަވާބުދާރީ ކުރުމުގެ މަސައްކަތް، މަޖިލީހުގެ ތެރެއިން ކުރެވެންޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ އަށް ހަމަޖެހުން އަންނަން އޮތީ، ރާއްޖެ އިޤްތިސާދީގޮތުން ތަރައްގީވެގެން، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ޒުވާނުންނަކީ އާމްދަނީ ހޯދޭނެ ބަޔަކަށްވެގެން ކަމުގައި ވިދާޅުވި އެވެ. އަދި މި ސަރުކާރަކީ، ޒުވާނުންނަށް އިޚްލާސްތެރިކަމާ އެކު މަސައްކަތް ކުރާނެ، އަދި ޒުވާނުންގެ މަސައްކަތްތައް ފާހަގަކުރާނެ ސަރުކާރެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.