29 Mar 2014, 10:30
ވައިޓް ހައުސް (މާޗް 29) : ޔުކްރޭންގެ މައްސަލަ ސުލްޙަވެރިކަމާ އެކު ހައްލުކުރުމަށް އެމެރިކާ ހުށަހަޅާފައިވާ ހުށަހެޅުމަކާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ފޯނުން މަޝްވަރާކުރައްވައިފި އެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިމަޝްވަރާތަކުގައި އެމެރިކާގެ ހުށަހެޅުމަށް ރަޝިޔާ އިން ދެކޭގޮތް ލިޔުމަކުން އެމެރިކާ އަށް ހުށަހެޅުމަށް ރައީސް ބަރަކް އޮބާމާ، ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން އަށް ދެންނެވިކަމުގަ އެވެ. އަދި އެމެރިކާގެ ހުށަހެޅުމާބެހޭ ގޮތުން އިތުރަށް މަޝްވަރާކުރުމަށް ޓަކައި އެމެރިކާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ވަރަށް އަވަހަށް ބައްދަލުކުރެއްވުމަށް ވެސް އޮބާމާ އާއި ޕޫޓިން އެއްބަސްވެވަޑައިގެންނެވި ކަމަށް ވައިޓް ހައުސްގެ ބަޔާން ބުނެ އެވެ.
ޔުކްރޭންގެ މައްސަލަ ހައްލުކުރުމަށް އެމެރިކާ އިން ރަޝިޔާ އަށް ހުށަހަޅާފައިވާ ޕްލޭން މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކްރައިމިޔާ ސަރަހައްދު ހަމަޖެއްސުމަށް ކްރައިމިޔާ އާއި ރަޝިޔާ އެއްބަސްވި އެއްބަސްވުން އުވާލުމުން ކްރައިމިޔާއާއި ޔުކްރޭންގައިވާ ރަޝިޔާ ދަރިކޮޅުގެ ރައްޔިތުން ޙިމާޔަތް ކުރުމަށް އދ.ގެ އޮބްޒާވަރުން ހަރަކާތްތެރިވުމުގެ މައްޗަށް ކަމަށްވެ އެވެ. ނަމަވެސް ރަޝިޔާގެ އިއްތިޙާދުގެ ބައެއްގެ ގޮތުގައި ކްރައިމިޔާ ހަމަޖެއްސި ހަމަޖެއްސުމަކީ އަލުންއަނބުރައި މުރާޖައާކުރެވޭނެ އެއްބަސްވުމެއް ނޫން ކަމަށް ރަޝިޔާ ނިންމާފައި ވާތީ އެމެރިކާގެ މިހުށަހެޅުމަށް ރަޝިޔާގެ ތާއީދު ނެތް ކަމަށް ރަޝިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެ އެވެ.
ރަޝިޔާގެ ރައީސް ޕޫޓިން، އާއި ކްރައިމިޔާގެ ރައީސް، މީގެ ދިހަވަރަކަށް ދުވަސް ކުރިން ވަނީ ޔުކްރޭންގެ ސަރަހައްދެއްގެ ގޮތުގައި އޮތް "ރިޕަބްލިކް އޮފް ކްރައިމިޔާ"،ރަޝިއާގެ އިއްތިޙާދުގެ ބައެއްގެ ގޮތުގައި ހިމެނުމުގެ މުޢާހަދާގައި ސޮއިކުރައްވާފަ އެވެ. މިއާއެކުރަޝިޔާގެ ދުސްތޫރީ ކޯޓުން އެ މުޢާހަދާ ގާނޫނީ ގޮތުން ފާސްކޮށްއަދި ރަޝިއާގެ ޕާލަމެންޓުން ވަނީ އެމުއާހަދާ ތަސްދީގު ވެސް ކޮށްފައެވެ. މިމުއާހަދާގައި ދެގައުމުން ސޮއިކޮށްފައި ވަނީ ކްރައިމިޔާގައި ނެގި ފެންނަ ނުފެންނަ ވޯޓުގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ރަޝިޔާއާ ގުޅުމަށް އެސަރަހައްދުގެ ރައްޔިތުން އެދޭކަން ހާމަވުމާ ގުޅިގެންނެވެ. މިވޯޓަށްފަހު ކްރައިމިޔާއަކީ މިނިވަން މުސްތަގިއްލު ދައުލަތެއްކަމަށް ރަޝިޔާ ސަރުކާރުން ރަސްމީ ސިފައެއްގައި ވަނީ އިއުތިރާފު ވެސް ވެފަ އެވެ. އެހެންކަމުން ރަޝިޔާގެ ރައީސް ޕޫޓިންވަނީ ރަޝިޔާގެ އިއްތިހާދުގައި ހިމެނުމަށް ކްރައިމިޔާއާ އެކު ސޮއިކުރި މުއާހަދާއަކީ ބައިނަލްއަގްވާމީ ހަމަތަކުގެމަތިން މިނިވަން މުސްތަގިއްލު ދައުލަތަކާއި ރަޝިޔާއާ ދެމެދު ސޮއިކޮށްފައިވާ ގާނޫނީ މުއާހަދާއެއް ކަމަށާ އެއްވެސް ފަރާތަކަށް އެމުއާހަދާ ނިގުޅައިނުގަނެވޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ކްރައިމިއާ އަކީ 1954 ވަނަ އަހަރާ ހަމަޔަށް ރަޝިއާގެ ބައެއްގެ ގޮތުގައިއޮތް ސަރަހައްދެކެވެ. އެސަރަހައްދު ޔުކްރޭންގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ޔުކްރޭންގެ ދަރިކޮޅުގެ ރައީސެއް ކަމަށްވާ ނިކީތާޚުރުސްޗޯވް އެވެ. އެދުވަސްވަރު ޔުކްރޭނާއި ރަޝިޔާ އަކީ ވެސް ކުރީގެ ސޮވިއެޓް ޔުނިޔަންގައިހިމެނޭ ދެގައުމު ކަމަށްވާތީ އެދުވަސްވަރު މިކަން މައްސަލައަކަށްވެފައެއްނުވެ އެވެ. ޕޫޓިންއާއި ރަޝިޔާގެ އިސް މަސްއޫލުވެރިން މިހާރު ވިދާޅުވަމުން ގެންދަވަނީ ކްރައިމިޔާ އަކީ އަބަދުވެސް ރަޝިޔާގެ ބައެއް ކަމަށާ މުސްތަގްބަލްގައި ވެސް އެސަރަހައްދު އޮންނާނީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަމުގަ އެވެ. އަދި ކްރައިމިޔާއަކީ ގާނޫނީ މުޢަހަދާއަކުން މިހާރު ރަޝިއާއާ އެކު އިއްތިޙާދުވެފައިވާ ޖުމްހޫރިއްޔާއެއް ކަމަށްވާތީ މިކަން ދެން އަނެއްކޮޅަށް ޖެހުމުގެ އެއްވެސް ފުރްސަތެއްނެތްކަމާއި މިކަން ރަޝިޔާ އިން އެމެރިކާއަށް ވެސް އަންގާފައިވާ ކަމުގަ އެވެ.
ޔުކްރޭންގެ ދަށުގައިއޮތް ކްރައިމިޔާ ސަރަހައްދު، ޔުކްރޭނުން ވަކިވެ ރަޝިޔާގެ އިއްތިޙާދުގައި ހިމެނުމަށް ފާއިތުވި ދެތިން ހަފްތާތެރޭގައި ރަޝިޔާ އިން އަޅާފައިވާ އަވަސް އަދި ހައިރާން ކުރުވަނިވި ފިޔަވަޅުތަކަކީ ޔުކްރޭނަށް ރަޝިޔާ ސިފައިން އަރައިގަތުމެއްނެތި ކުރުމުއްދަތެއްގެ ތެރޭގައި ވަރަށް ރޭވުންތެރިކަމާއި ހިކްމަތްތެރިކަމާ އެކު އަދި ލޭއޮހޮރުވުމެއް ނެތި އަޅާފައިވާ ފިޔަވަޅުތަކެކެވެ. ރަޝިޔާ އިން މިހުރިހާ ފިޔަވަޅުތަކެއް އަޅައި ރަޝިޔާގެ ބައެއްގެ ގޮތުގައި ކްރައިމިޔާ ހަމަޖައްސާފައި މިވަނީ އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދުން އެކަމާ ވަރަށްބޮޑަށް ދެކޮޅު ހަދަމުން ގެންދަނިކޮށް އެދެފަރާތަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ގޮންޖެހުމަށްފަހުގަ އެވެ.
ޔުކްރޭންގެ މައްސަލާގައި ރަޝިޔާއިން ހުޅަނގަށް ގޮންޖަހާފައި ވީނަމަވެސް ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ވަރަށް އާދައިގެ ފިޔަވަޅުތަކެއް އެޅުން ފިޔަވައި އެހެންކަމެއް ހުޅަނގަށް ކުރެވިފައެއް ނުވެ އެވެ. އަދި އިގްތިސާދީ، ސިޔާސީ އެތަށް ސަބަބުތަކެއް ހުރުމުން ރަޝިޔާގެ އިގްތިސާދަށް އެނގުންވާފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ އިތުރުން ޔޫރަޕަށްވެސް ނުކެރޭނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. (ނޫސްއެޖެންސީތައް)