ދިވެހި ފުލުހުންގެ 81 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައިފި އެވެ.

ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ޝަހީދު ހުސެން އާދަމް ބިލްޑިންގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު އާއި ފުލުހުންގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެވަޑައިގަތެވެ.

މިއަދުގެ އެރަސްމިއްޔާތުގައި ފުލުހުންގެ އަޒުމް ކިޔުމާއި ގައުމީ ސަލާމުގެ އިތުރުން ދުވަހާއި ގުޅޭ ހާއްސަ ދުއާއެއް ކިޔުންވެސް އޮތެވެ.

މިއަދު ގައުމީ ދިދައާއި އެކު ނެގި ފުލުހުންގެ ދިދަ ފުރަތަމަ ނެގީ އެކޮޅުކޮޅުންނެވެ. ނަމަވެސް ފަހުން ވަނީ އެެކަން ރަނގަޅުކޮށްފަ އެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ މާދަމާ ރޭ އެވެ.