29 Mar 2014, 09:45
ޔުވެންޓާސްގެ އާޖެންޓީނާ ފޯވަޑް ކާލޮސް ޓެވޭޒް އަކީ މޮޅު ހުނަރުތަކެއް ހުރި ކުޅުންތެރިއެއް ކަން ސާބިތު ކޮށްދީފި ކަމުގައި އެކްލަބުގެ އިޓަލީ ފޯވަޑް އަންދުރޭ ޕިރްލޯ ބުނެފި އެވެ.
މެންޗެސްޓާ ސިޓީ ދޫކޮށް ޔުވެންޓަސްއާ ގުޅުނު ފޯވަޑް މި ސީޒަނުގައި އެކްލަބަށް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސިޓީގައި ޓެވޭޒް ހުރި ދުވަސްވަރު އެންމެ ފުރަތަމަ އޭނާ އަށް ޝައުގު ފާޅުކުރީ ޔުވެންޓަސްގެ ވާދަވެރި އޭސީ މިލާނުންނެވެ. ޔުވެންޓަސްގައި ހޭދަކުރަމުންދާ ފުރަތަމަ ސީޒަނުގައި މިހާތަނަށް އިޓާލިއަން ސެރީއާގައި ކުޅުނު 19 މެޗުން ޓެވޭޒް ވަނީ 18 ލަނޑު ކާމިޔާބު ކޮށްފަ އެވެ.
"ޓެވޭޒް އަކީ ގިނަ ހުނަރުތަކެއް ހުރި މޮޅު ކުޅުންތެރިއެއް،" ޕިރްލޯ ބުންޏެވެ. "އިނގިރޭސިވިލާތުގައި ޓެވޭޒް ހޯދި ގިނަ ކާމިޔާބީތަކުގެ ސަބަބުން ގިނަ ބަޔަކަށް އޭނާ އަކީ މޮޅު ކުޅުންތެރިއެއް ކަން އެނގޭ. ޔުވެންޓަސްއާ ގުޅުމާއެކު ޓެވޭޒް ވަނީ އޭނާގެ އަގު ދައްކުވައިދީފަ."
އިޓާލިއަން ސެރީއާގެ އެއްވަނައިގައި މިވަގުތު އޮތް ޔުވެންޓަސްއާ ދެވަނައިގައި އޮތް ރޯމާއާ ދެމެދު 14 ޕޮއިންޓްގެ ތަފާތެއް އެބަ އޮތެވެ. ނަމަވެސް ލީގުގެ ތިންވަނައިގައި އޮތް ނަޕޯލީއާ ދެކޮޅަށް މިއަދު ޔުވެންޓާސް ނުކުންނަ އިރު، އެ ޓީމުން ފަސޭހަ ނުކުރާނެ ކަމުގައި ޕިރްލޯ ބުނެ އެވެ.
"މި ސީޒަނުގައި އަހަރެމެން ވަރަށް ރަނގަޅު ކުޅުމެއް ދެއްކިން. ނަމަވެސް އަދި އަހަރެމެންނަށް އެއްވެސް މުބާރާތެއް ކަށަވަރެއް ނުވޭ،" އޭނާ ބުންޏެވެ. "ނަޕޯލީ އަކީ ވަރުގަދަ ޓީމެއް، އެހެންކަމުން އަހަރެމެން ޖެހޭނީ ވަރުގަދަ މެޗަކަށް ނުކުންނަން."