29 Mar 2014, 09:35
ރިޔާޒް (މާޗް 29) : ސައޫދީ ވިރާސީ ރަސްކަމުގެ ނިޒާމު ހިމާޔަތް ކުރުމުގައި އެމެރިކާ ދެމިއޮންނާނެ ކަމުގެ ޔަގީންކަމާއި އެކަމުގެ ޖާމިނުވުން އެގައުމަށް ވަޑައިގެން މިހާރު އުޅުއްވާ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެއްވައިފި އެވެ.
ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިޖާމިނުވުމާއި ޔަގީންކަން އޮބާމާ ދެއްވީ ސަޢޫދީ ރަސްގެފާނު އަބްދުﷲ އާ ރިޔާޒްގައި އިއްޔެ ބޭއްވި ރަސްމީ ބައްދަލުކުރެއްވުމުގަ އެވެ. ސައޫދީ އަރަބިޔާގައި ވެރިކަންކުރާ އަބްދުލްއަޒީޒު އާލް ސައޫދުގެ އާއިލާގެ ވިރާސީ ރަސްކަމުގެ ނިޒާމު ހިމާޔަތް ކުރުމުގައި އެމެރިކާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން މިފަހަކަށް އައިސް ކުޑަވެގެން ގޮސްފައި ވަނީ އަރަބި ރަބީއާ ގުޅިގެންނާ އަދި މެދުއިރުމަތީގައި އެމެރިކާ ގެންގުޅެމުންއައި ސިޔާސަތުތަކަށް އައި ބައެއް ބަދަލުތަކާ އެކު އީރާނާ ގާތްވުމުގެ ސިޔާސަތުތަކެއް އެމެރިކާ ގެންގުޅެން ފެށުމާގުޅިގެންނެވެ.
މިޔަގީންކަން ކުޑަވުމުގެ ސަބަބުން ސައޫދީ ބައެއް މަސްއޫލުވެރިން ވަނީ އެމެރިކާގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އޮބާމާއާއި ސައޫދީ ރަސްގެފާނު ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ދެގައުމުގެ ދެމެގައި ބައެއް ޚިޔާލުތަފާތުވުންތައް ހުރިކަން ފާހަގަކުރެވުނު ނަމަވެސް މެދުއިރުމަތީ ސަރަހައްދުގެ ގިނަ މައްސަލަތަކާއި ދެގައުމުގެ ސްޓްރެޓީޖިކް މަސްލަހަތުތަކުގައި ދެގައުމުގެ ސިޔާސަތުތަކާއި ވިސްނުން މުޅިން އެއްގޮތް ކަމަށް އޮބާމާއާއި އަބްދުﷲ އެއްބަސްވެ ވަޑައިގެންނެވި ކަމަށް ނަން ހާމަކުރަން ނޭދޭ އެމެރިކާގެ އިސް މަސްއޫލުވެރިއަކު ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި އެވެ. މިގޮތުން އޮބާމާއާއި އަބްދުﷲ އެއްބަސްވެވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި ނިއުކްލިޔާ ހަތިޔާރުގެ ގާބިލްކަން އީރާނަށް ލިބުނު ނުދިނުމަށްޓަކައި ކުރެވެންއޮތްހާ މަސައްކަތެއް ދެގައުމު ގުޅިގެން ކުރުން ހިމެނޭކަމަށް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
އޮބާމާއާއި އަބްދުﷲ ރަސްގެފާނު ކުރެއްވި މަޝްވަރާތަކުގައި ސޫރިޔާގެ މައްސަލައާއި ފަލަސްތީނުގެ މައްސަލައާއި މިސްރުގެ ވެރިކަމަށް އަންނަމުންދާ ބަދަލުތަކުގެ މައްސަލައާއި އަރަބި ރަބީއުގެ ސަބަބުން މެދު އިރުމައްޗަށް އައިސްފައިވާ ބަދަލުތައް ހިމެނޭ ކަމަށާއި މިމައްސަލަތަކުގައި ދެ ބޭފުޅުންގެ ޚިޔާލު ވަރަށް އެއްގޮތް ކަމަށް ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އޮބާމާއާއި އަބްދުﷲ ރަސްގެފާނުގެ ބައްދަލުކުރެއްވުމުގައި ސައޫދީ އަރަބިޔާގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ކަމަށް އެމެރިކާ ފާހަގަކުރާ މައްސަލަތަކާބެހޭގޮތުން އެއްވެސް ވަރަކަށް މަޝްވަރާ ކުރައްވާފައި ނުވާ ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރުގެ އެހީތެރިޔާ ބެންރޫޑްސް ވިދާޅުވި އެވެ.
މެދުއިރުމަތީގައި އެމެރިކާ ގެންގުޅޭ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެންމެ މުހިއްމު އަދި ސްޓްރެޓީޖިކް ދައުރެއް އަދާކުރަނީ ސައޫދީ އަރަބިޔާގެ އިތުރުން އިސްރާއީލު ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)