މި މަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކޮށްފި އެވެ.

ރަސްމީ ނަތީޖާ އިއުލާން ކޮށްފައި ވަނީ މިރޭ 8:45 ގައި އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކުރިން އިއުލާންކޮށްފައިވާ ވަގުތީ ނަތީޖާ އާއި މިރޭ އިއުލާން ކުރި ނަތީޖާއާ ދެމެދު އެއްވެސް ތަފާތެއް ނެތެވެ.

މަޖިލީސް އިންތިޚާބުގެ މެޖޯރިޓީ ނަގާފައި ވަނީ ސަރުކާރު ކޯލިޝަނުންނެވެ. އެގޮތުން ސަރުކާރު ކޯލިޝަނުން ވަނީ 85 ދާއިރާގެ ތެރެއިން ޖުމްލަ 53 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ވެރިކަން ހިންގާ ޕީޕީއެމަށް 33 ގޮނޑި ލިބިފައިވާއިރު ޖުމްހޫރީ ޕާޓީއަށް ލިބިފައި ވަނީ 15 ގޮނޑި އެވެ. އަދި އެމްޑީއޭ އަށް ލިބިފައި ވަނީ ފަސް ގޮނޑި އެވެ.

އިދިކޮޅު އެމްޑީޕީ އަށް 26 ގޮނޑި ލިބިފައިވާއިރު އަދާލަތު ޕާޓީއަށް ލިބިފައި ވަނީ އެންމެ ގޮނޑި އެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ފަސް ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

ނަތީޖާ އިއުލާން ކުރަން ފެށުމުގެ ކުރިން ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ މެމްބަރު މުހައްމަދު ފާރޫގު ވިދާޅުވީ ލިބުނު ޝަކުވާތަކާ ގުޅިގެން ބައެއް ވޯޓު ފޮށިތައް ކަނޑައި ބެލިއިރު އެންމެ ވޯޓު ފޮއްޓަކުން ފިޔަވައި ނަތީޖާ އަށް ބަދަލު އައިސްފައި ނުވާ ކަމަށެވެ. އެއީ ފ. ނިލަންދޫ ދާއިރާގެ ވޯޓު ފޮއްޓެވެ.

ފާރޫގު ވިދާޅުވީ ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 189،642 މީހުން ކަމަށާއި އެއީ 95،744 ފިރިހެނުންނާއި 93،898 އަންހެނުން ކަމަށެވެ.

އޭނާ ވިދާޅުވީ ވޯޓުލި މީހުންގެ އިންސައްތައަކީ 78.08 ކަމަށާއި އެއީ އެ ކޮމިޝަނުން ލަފާކުރި އަދަދަށް ވުރެ ވެސް މަތީ އަދަދެއް ކަމަށެވެ. އަދި ބާތިލް ވޯޓުގެ އިންސައްތައަކީ 1.12 ކަމަށާއި މިއީ އެކަށީގެންވާ ރަނގަޅު ޓާން އައުޓެއް އޮތް، ބާތިލް ވޯޓު މަދު އިންތިޚާބެއް ކަމަށް ވެސް ފާރޫގު ވިދާޅުވި އެވެ.

ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ އިލެކްޝަންސް ކޮމްޕްލަޔަންސް ބިއުރޯ އަށް ޖުމްލަ 75 ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 52 ޝަކުވާ ބަލައި ޖަވާބުދީފައިވާ ކަމަށެވެ.

ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ރިޝްވަތު ދިނުމާއި ބާރާއި ނުފޫޒު ބޭނުންކުރުމުގެ ޝަކުވާތަކުގެ އިތުރުން ވޯޓުލުގެ ފުރުސަތު ނުލިބުނު ކަމަށް ބުނެ ހުށަހެޅި ދެ ޝަކުވާއެއް ހިމެނޭ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

މަޖިލީސް އިންތިޚާބާ ގުޅޭ އެއްވެސް ޖިނާއީ މައްސަލައެއް ތަހުގީގު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް ހުށަހަޅާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.