28 Mar 2014, 21:07
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ބުރަކަށްޓަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ފަސް ވަނަ ފަހަރަށް އިތުރުކޮށްދީފި އެވެ.
މިދިޔަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ރައްޓެހިންތަކަކާއެކު ރެސްޓޯރެންޓެއްގައި ކޮފީއެއް ބޯން އިންދައި އަލްހާންގެ ބުރަކަށްޓަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކު ދަނޑިމަގު، ޝައިނީ، މުހައްމަދު ސަމީހު އާއި ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމަށެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު ފަސް ވަނަ ފަހަރަށް އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް މިރޭ ގެންދިއުމުން ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިދީފަ އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ އިތުރުކޮށްދިނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އެވެ. އެ ދުވަހު ކޯޓުން އެ މީހުންގެ ބަންދަށް ޖަހައިދިނީ 10 ދުވަހެވެ. އޭގެ ފަހުން މިދިޔަ މަހުގެ 12 ވަނަ ދުވަހު އެ މީހުންގެ ބަންދަށް 15 ދުވަސް ޖެހުމަށްފަހު، އަނެއްކާވެސް އެ މީހުންގެ ބަންދުގެ މުއްދަތު މިދިޔަ މަހުގެ 27 ގައި 15 ދުވަހަށް އިތުރުކުރި އެވެ. އަދި އެންމެ ފަހުން އެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިދިނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ދުވަހު އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
އަލްހާން ގަޔަށް ވަޅި ހެރި މައްސަލައާ ގުޅިގެން ޑރ. އަފްރާޝީމް އަވަހާރަކޮށްލި ހުސައިން ހުމާމް އަހްމަދުގެ ބޭބެ، ހ. ލޮބީ މުހައްމަދު ކިނާނަތު އަހްމަދު ވެސް ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް މުއްދު އިތުރުކުރުމަށް އޭނާ ކޯޓަށް ގެންގޮސްފައެއް ނުވެ އެވެ.