23 Dec 2010, 08:33
ސަކުރާރުން ކުރަމުންދާ ލާދީނީ އަމަލުތައް ހުއްޓާލުމަށް އަދާލަތު ޕާޓީން ގޮވާލާ ގޮވާލުންތަކަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް ބުނެ، އެމްޑީޕީ ކޯލިޝަނުން އަދާލަތު ވަކިވުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އަދާލަތު ޕާޓީގެ ގާނޫނީ މުޝީރު އައްސަދުﷲ ޝަފީ ދެއްކެވި ވާހަކަފުޅު އެ ޕާޓީގެ ރައީސް ޝެއިހް ހުސައިން ރަޝީދު އަހުމަދު ދޮގުކުރައްވައިފި އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ޝެއިހް ހުސެން ރަޝީދު މިއަދު ވިދާޅުވީ އެމްޑީޕީ ކޯލިޝަނުން އަދާލަތު ވަކިވުމަށް އެއްވެސް އިރެއްގައި ޕާޓީގެ މަޝްވަރާ މަޖިލީހުގައި ބަހުސްކޮށްފައި ނުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް މިހާތަނަށް މަޝްވަރާ މަޖިލީހަށް ހުށަހަޅާފައި ނުވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ޝެއިހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ކޯލިޝަނުން އަދާލަތު ވަކިވާން ޖެހޭ އެއްވެސް ސަބަބެއް އަދި މީހާތަނަށް އެމަނިކުފާނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް މަޝްވަރާ މަޖިލީހަށް އެފަދަ މައްސަލައެއް ކުރިއަށް އޮތް ތާނގައި ހުށަހަޅައި ގޮތެއް ނިންމުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝެއިހް ވިދާޅުވި އެވެ.
"އެމްޑީޕީ ކޯލިޝަނުން މި ޕާޓީ ވަކިވުމާ މެދު އެއްވެސް ވަރަކަށް މަޝްވަރާ މަޖިލީހުގައި ބަހުސްކޮށްފައި ނުވާނެ. އަދި އެ މަޝްވަރާ މަޖިލީހަށް ހުށަހަޅާފައެއް ނުވޭ. ކޯލިޝަނެއްގެ ތެރޭގައި ތަފާތު ޕާޓީތަކުގެ ހިޔާލު އުޅޭނެ. އެފަދަ ހިޔާލު ތަފާތުވުންތައް އުޅުނަސް، އެކަމަކު އަޅުގަނޑަށް އަދި ފާހަގަ ނުކުރެވޭ އަދާލަތު ޕާޓީ އެމްޑީޕީ ކޯލިޝަނުން ވަކިވާން ޖެހޭ ސަބަބެއް." ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމެއްގައި ވެސް ހުންނެވި ޝެއިހް ހުސެން ރަޝީދު ވިދާޅުވި އެވެ.
އަދާލަތުގެ ރައީސް އެހެން ވިދާޅުވެފައިވާ އިރު، އެ ޕާޓީގެ ގާނޫނީ މުޝީރު އައްސަދުﷲ ޝާފީ މިދިޔަ ހަފްތާގައި ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ "ސިޔާސީ ގޮތުންނާއި އިދާރީ ގޮތުން ކުރާ މަސައްކަތްތަކަށް ސަރުކާރުން އިޖާބަ ނުދިނުމުން އަޅުގަނޑުމެން މިދަނީ އެ ކަމާ ވަރަށް ސީރިއަސްކޮށް ވިސްނަމުން. ކޯލިޝަނުން ވަކިވާން ޕާޓީގެ މަޝަވަރާ މަޖިލީހުގައި ބަހުސްކޮށްފައި ވަނީ... ސަރުކާރުގައި އަޅުގަނޑުމެން ތިބެނީ ކާންބޯން ނުލިބެގެނެއް ނޫން" ކަމަށެވެ.
އަރައްބިޔާ މައްސަލަ އާއި ޒަޔަނިސްޓް ޔަހޫދީންގެ މައްސަލައާ މެދު ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގެ އިސްސަފުގައި ހަރަކާތެރިވާ އައްސަދުﷲ ޝާފީ އެހެން ވިދާޅުވެފައި ވުމުން ޝެއިހް ހުސެން ރަޝީދު ވިދާޅުވީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުނާއި އެމަނިކުފާނާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށެވެ. ނަމަވެސް އެއީ މައްސަލައެއް ކަމަށް އެ މަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނާ ދެމެދު ވެސް ހިޔާލު ތަފާތުވުންތައް އުފެދޭ، އެކަމަކު އެއީ މައްސަލައެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ޕާޓީގެ އިސް ސަފުގައި ހަރަކާތެރިވާ ބޭފުޅުންނާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދިފައި ވުމަކީ މައްސަލައެއް ނޫން." ހުސެން ރަޝީދު ވިދާޅުވި އެވެ.