28 Mar 2014, 13:42
ޖެނީވާ (މާޗް 28) : ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު އެގައުމުގެ ސިފައިން ފުޅާދާއިރާއެއްގައި އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެ އެކަން ބައިނަލްއަގްވާމީ ގޮތުން ތަހްގީގް ކުރުމަށް ގޮވާލާ އިންސާނީ ހައްގުތަކާބެހޭ އދ.ގެ ކައުންސިލުން ފާސްކުރި ގަރާރަށް ސްރީލަންކާ ސަރުކާރުން ފާޅުގައި ދެކޮޅު ހަދައިފި އެވެ.
ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ އިއްޔެ ވަނީ މިއީ ސްރީލަންކާގައި ސުލްޙަ ގާއިމްކޮށް ހަމަޖެހުން ގެނައުމަށް އޭނާގެ ސަރުކާރުން ކުރަމުންގެންދާ ހުރިހާ މަސައްކަތްތަކެއް ހަލާކުކޮށްލުމުގެ ގަރާރެއް ކަމަށް ސިފަކުރައްވާފަ އެވެ.
މިއީ ސްރީލަންކާ އިން އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެ އެކަން ބައިނަލްއަގްވާމީ ގޮތުން ތަހްގީގު ކުރުމަށް އދ. އިން ސީދާ ގޮތެއްގައި ގޮވާލި ފުރަތަމަ ފަހަރެވެ. ސްރީލަންކާގެ 28 އަހަރުވީ ދިގުލީ އަހްލީ ހަނގުރާމަ ނިންމާލި ދުވަސްވަރު ކަމަށްވާ 2009 ވަނަ އަހަރުގެ ކުރީކޮޅު އެގައުމުގެ ސިފައިން ތަމަޅަ އާންމުންގެ އެތަށް ހާސްބަޔަކު ގަސްދުގައި މަރާލިކަމުގެ ތުހުމަތު ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގެ މައްޗަށް ކުރެވިފައިވެ އެވެ. މިކަންކޮށްފައި ވަނީ ކޮންމެ އަގެއް ދައްކައިގެން ނަމަވެސް ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެންނަސް އެމުސީބާތުން ގައުމު ސަލާމަތް ކޮށްދެއްވާނެ ކަމަށް ރައީސް މަހިންދަ ރާޖަޕަކްސަ ރައްޔިތުންނަށް ވެވަޑައިގަތް ވައުދު ފުއްދުމުގެ ގޮތުން ކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެފައިވެ އެވެ.
އަށާވީސް އަހަރުވީ ލޭއޮހޮރުވުން ބޮޑު ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް އަމަންއަމާންކަމާއި ސުލްޙަ ގާއިމްކޮށް ސްރީލަންކާ އަލުން ބިނާކޮށް އާރާސްތު ކުރައްވަން ފެއްޓެވި ލީޑަރަކީ އެގައުމުގެ މިހާރުގެ ރައީސް މަހިންދަ ރާޖަޕަކްސަ އެވެ. ސްރީލަންކާ ސިފައިން ފުޅާދާއިރާއެއްގައި އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށްބުނެ އެކަން ބައިނަލްއަގްވާމީ ގޮތުން ތަހްގީގް ކުރުމަށް ގޮވާލާ އދ.ގެ ގަރާރަށް އެގައުމުގެ ސަރުކާރުން ވަނީ ފާޅުގައި ދެކޮޅުހަދާފަ އެވެ. އަދި ރައްޔިތުންގެ އެތަށް ހާސްބަޔަކު ވަނީ ކޮލަންބޯގެ މަގުތަކަށް ނުކުމެ މިގަރާރާ ދެކޮޅަށް އިހްތިޖާޖްކޮށްފަ އެވެ. ނަމަވެސް މިތަހްގީގަށް ބޭނުންވާ އެއްބާރުލުން ދޭނެކަން ނުވަތަ ނޫންކަން ސްރީލަންކާ ސަރުކާރުން ހާމަކޮށްފައެއްނުވެ އެވެ.
އދ.ގެ ގަރާރަށް ދެކޮޅު ހައްދަވަމުން ރާޖަޕަކްސަ އިއްޔެ ވިދާޅުވީ މިއީ ސްރީލަންކާގައި ސުލްޙަ ގާއިމްކޮށް ހަމަޖެހުން ގެނައުމަށް އޭނާގެ ސަރުކާރުން ކުރަމުންގެންދާ ހުރިހާ މަސައްކަތްތަކެއް ހަލާކުކޮށްލުމުގެ ގަރާރެއް ކަމަށާ މިގަރާރަށް ކަނޑައެޅިގެން ދެކޮޅު ހައްދަވާކަމުގަ އެވެ. އަދި ދާޚިލީ ހަނގުރާމައަށް ފަހު ތަމަޅައިންނާއި ސިންގަޅައިންގެ މެދުގައި ކުރިޔަށްދާ ރިކޮންސިލިއޭޝަން ޕްރޮސެސް މިގަރާރުގެ ސަބަބުން ޚަރާބުވެގެންދިޔުމުގެ ބިރު އެބައޮތް ކަމަށް ވެސް މީޑިޔާއަށް ދެއްވި ބަޔާނެއްގައި ރާޖަޕަކްސަ ވިދާޅުވެފައިވެ އެވެ.
ސްރީލަންކާ ސިފައިން ފުޅާދާއިރާއެއްގައި އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށްބުނެ އެކަން ބަލައި ތަހްގީގު ކުރުމަށް ސްރީލަންކާ ސަރުކާރަށް އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތިކުރަމުން ގެންދަނީ އދ.ގެ އިތުރުން އެމެރިކާއާއި އިނިރޭސިވިލާތްފަދަ ހުޅަނގުގެ ގައުމުތަކުންނެވެ. އެމެރިކާ އާއި އިނގިރޭސިވިލާތަކީ އދ. އަށް ގޮންޖަހައި ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް 2003 ވަނަ އަހަރު އިރާގަށް އަރައި އެގައުމާ ދެކޮޅަށް ހަނގުރާމަކޮށް އިރާގުގެ އެތައް ލައްކަ ބަޔަކުމަރައި އިރާގު ސުންނާފަތިކޮށް ޓެރަރިސްޓުންގެ ހާއްޔަކަށް އެގައުމު ހެދިކަމުގެ ތުހުމަތުކުރެވިފައިވާ ހަރުކަށި ދެގައުމެވެ.
މީގެ އިތުރުން 2001 ވަނަ އަހަރު އަފްޣާނިސްތާނަށް އަރައި އެގައުމުގެ އެތަށް ލައްކަބަޔަކު މަރައި ފުޅާދާއިރާއެއްގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތު ވެސް މިދެ ގައުމަށާއި ހުޅަނގުގެ އެތައް ގައުމެއްގެ މައްޗަށް ކުރެވިފައިވެ އެވެ. އަނެއްކޮޅުން މިއިން އެއްވެސް ޖަރީމާއެއް ތަހްގީގްކޮށް އެކަމުގައި ޒިންމާވާ ހުޅަނގުގެ ލީޑަރުން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމުގައި ނުކުޅެދިފައިވާ ކަމުގެ ތުހުމަތު އދ.ގެ މައްޗަށް ވެސް ވަނީ ކުރެވިފަ އެވެ.
ސްރީލަންކާ ސިފައިން އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެއިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލުން އިއްޔެ ފާސްކުރި ގަރާރު ސްޕޮންސަރކުރި މައިގަނޑު ދެގައުމަކީވެސް އެމެރިކާ އާއި އިނގިރޭސިވިލާތެވެ. މިގަރާރު ފާސްކުރުމަށް ބޭނުންވާ ތާއީދުހޯދުމަށް މިދެގައުމުން ވަނީ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލުގެ މެންބަރު ގައުމުތަކަށް އަމާޒުކޮށްގެން ފާއިތުވި ދުވަސްތަކުގައި ވަރުގަދަ ކޭންޕޭނެއް ވެސް ހިންގާފަ އެވެ. މިއާއެކު ވެސް މިގަރާރު ފާސްކުރުމަށް ވޯޓު ދީފައިވަނީ އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލުގެ 47 މެންބަރު ގައުމުތަކުގެ ތެރޭން 23 ގައުމަކުންނެވެ. އިދިކޮޅަށް ވޯޓު ދީފައި ވަނީ 12 ގައުމަކުންނެވެ. ވަކިކޮޅަކަށް ވޯޓު ދީފައިނުވާ 12 ގައުމެއް ހިމެނޭއިރު މީގެތެރޭގައި އިންޑިޔާ ވެސް ހިމެނެ އެވެ.
މިގަރާރާ އެއްކޮޅަށް އިންޑިޔާ އިން ވޯޓު ދޭނެ ކަމަށް ބެލެވިފައި ވީނަމަވެސް އިންޑިޔާ އިން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)