28 Mar 2014, 13:35
ގާހިރާ (މާޗް 28) : މިސްރުގެ ރިޔާސަތަށް ކުރިމަތިލެއްވުމަށް ޓަކައި ދިފާޢީ ވަޒީރު ކަމުގެ މަގާމުންނާއި ސިފައިންގެ ކޮމާންޑަރު ކަމުގެ މަގާމުން މާޝަލް އަބްދުލްފައްތާހް އައްސީސީ އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމަށް ސިފައިންގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމުގައި ހުންނެވި ޖެނެރަލް ސިދްގީ ސުބްޙީ ޢައްޔަންކޮށްފި އެވެ.
މިސްރުގެ ރަސްމީ ޓީވީ ޚަބަރުދޭގޮތުގައި ޖެނެރަލް ސުބްހީ ދިފާޢީ ވަޒީރުކަމަށް އައްޔަންކުރެއްވުމާ އެކު އޭނާ ވަނީ މިސްރުގެ ވަގުތީ ރައީސް ޢަދްލީ މަންސޫރުގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާކުރައްވާފަ އެވެ. ޖެނެރަލް ސިދްގީ ސުބްހީ އަކީ މީގެ 38 އަހަރުކުރިން މިސްރުގެ ސިފައިންގެ ލަޝްކަރުތަކާ ގުޅިވަޑައިގެންފައިވާ ތަޖްރިބާކާރު ޖެނެރަލް އެކެވެ. އޭނާ ސިފައިންގެ އާދައިގެ އޮފްސަރެއްގެ ގޮތުގައި ހުންނަވަނިކޮށް 2012 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާ ސިފައިންގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރު މަގާމުން ދުރުކުރި މިސްރުގެ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުރުސީއެވެ.
ޖެނެރަލް ސުބްހީ، ދިފާޢީ ވަޒީރުކަމަށް އައްޔަން ކުރެއްވުމާ ގުޅިގެން ސިފައިންގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް ވެސް ވަނީ އައު ބޭފުޅަކު ޢައްޔަންކޮށްފަ އެވެ. މިމަގާމަށް އައްޔަންކުރީ ޢަސްކަރީ ޖާސޫސީ ކަންތައްތަކާ ބެހޭ އިދާރާގެ ވެރިޔާ ޖެނެރަލް މަހްމޫދު އިބްރާހީމް ހިޖާޒީ އެވެ. އޭނާއަކީ މިސްރުގެ ރިޔާސަތަށް ކުރިމަތިލެއްވުމަށް ޓަކައި އިއްޔެ މަގާމުން އިސްތިއުފާ ދެއްވި މިސްރުގެ މިހާރުގެ އެންމެ ނުފޫޒު ގަދަ ޝަކްސިއްޔަތު ކަމަށް ބެލެވޭ މާޝަލް އަބްދުލްފައްތާޙް އައްސީސީގެ އަނބިކަނބަލުންގެ ބައްޕަ އެވެ. މާޝަލް ސީސީ ވަނީ މިސްރުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ޓަކައި ދިފާޢީ ވަޒީރު ކަމުންނާއި ސިފައިންގެ ޖެނެރަލް ކޮމާންޑަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މިސްރުގެ ރިޔާސަތަށް ކުރިމަތިލެއްވިކަން ރަސްމީގޮތުން އިޢްލާން ކުރައްވަމުން ސީސީ ވިދާޅުވެފައި ވަނީ ރިޔާސަތަށް ކުރިމަތިލުމުގެ ޝަރަފު ހޯދުމަށް އޭނާ ނިންމެވީ ރައްޔިތުންގެ ގިނަބަޔަކު އޭނާގެ ކިބައިން ތަކުރާރުކޮށް އެކަމަށް އެދެމުންދާތީ ކަމަށާއި، މިސްރުގެ ރައީސްކަން ލިބިވަޑައިގެންފިނަމަ "ޓެރަރިޒަމާއި ބިރުވެރިކަމުން ސަލާމަތްވެގެންވާ ދައުލަތެއް" މިސްރުގައި ގާއިމް ކުރައްވާނެ ކަމުގަ އެވެ. މީގެ އިތުރުން "ޓެރަރިސްޓުން" ގެންދަނީ މިސްރު ރައްޔިތުންގެ ދިރިއުޅުމާއި އަމަން އަމާންކަމާއި އިގްތިސާދު ޚަރާބުކޮށް މުޅި މިސްރުގެ ފަނާކުރަމުން، ކަމަށާ އޭނާގެ ވެރިކަމުގައި އެކަމަށް ނިމުން ގެންނާނެ ކަމަށްވެސް ސީސީ ވިދާޅުވެފައިވެ އެވެ.
ސީސީ އިއްޔެ ވަނީ އޭނާގެ ކޭންޕޭންގެ މަސައްކަތް ރަސްމީގޮތުން ފައްޓަވާފަ އެވެ. އަނެއްކޮޅުން ސީސީ ވެރިކަމަށް ގެނައުމަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ ގާހިރާގެ ކަންކޮޅުތަކުގައި އުފާފާޅުކޮށް ސީސީއަކީ މިސްރު މިހާރުއޮތް ޙާލަތުން ސަލާމަތް ކޮށްދޭނެ ހަމައެކަނި ލީޑަރުކަމާއި އޭނާއަކީ ގައުމީ ބަތަލެއް ކަމަށް ސިފަކޮށް އޭނާ ރިޔާސަތަށް އިންތިޚާބު ކުރުމަށް ވަރުގަދަ ކޭންޕޭނެއް ހިންގަން ތައްޔާރުވަމުންނެވެ.
ސީސީ އަކީ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ދިގުލީ ވެރިކަމަށް ފަހު ޑިމޮކްރަސީގެ އުސޫލުން އެގައުމުގެ ރައްޔިތުން އިންތިޚާބުކުރި ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން މިދިޔައަހަރު އިންގިލާބަކުން ވައްޓާލި ޢަސްކަރީ ލީޑަރެވެ. ސީސީގެ އިންގިލާބަށްފަހު މިސްރުގައި އުފައްދާފައިވާ ވަގުތީ ސަރުކާރުންވަނީ ޑރ. މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އިއްލާންކޮށް، އެޖަމާއަތަށް ނިސްބަތްވާ އެތަށް ސަތޭކަ ބަޔަކު މަރައި މުރުސީ އާއި އެޖަމާއަތުގެ އިސްވެރިން ޖަލަށްލުމުގެ ހަރުކަށި އަދި އަނިޔާވެރި އަމަލުތަކެއް ހިންގާފަ އެވެ.
މިސްރުގެ ރިޔާސަތަށް ކުރިމަތިލެއްވުމަށް ޓަކައި ޢަސްކަރީ މަގާމުތަކުން އިސްތިއުފާ ދެއްވިކަން ސީސީ އިޢްލާން ކުރެއްވުމާ އެކު މިސްރުގެ ބައެއް ސިޔާސީ ޕާޓީތަކުން އެކަމަށް ތާއީދުކޮށްފައިވާ އިރު އަނެއްބައި ޕާޓީތަކުން ވަނީ އެކަމަށް ފާޑުކިޔާފަ އެވެ. މިގޮތުން މިސްރުގެ ސަލަފީ ފިކުރުގެ ޕާޓީއެއް ކަމަށްވާ ނޫރު ޕާޓީން ސީސީގެ މިނިންމުމަށް ތާއީދުކޮށް ބަޔާނެއް ނެރެފައިވާއިރު ލެބެރަލް ފިކުރުގެ ޕާޓީއެއް ކަމަށްވާ ދަސްތޫރު ޕާޓީންވަނީ ސީސީގެ ބަސްމަގު ހުރީ ރިޔާސީ ކެންޑިޑޭޓަކަށް ވުރެ ބޮޑަށް މިސްރުގެ ރައީސެއްގެ ގޮތުގައި ކަމަށް ސިފަކޮށްފަ އެވެ.
މިސްރުގެ މަޝްހޫރު އަލްޖަމާއަތުލްއިސްލާމިއްޔާ އިންވަނީ މިސްރުގެ ސިފައިންގެ މުއައްސަސާއަކީ ރައީސް ކަމަށް ކެންޑިޑޭޓުންނެރޭ ސިޔާސީ ޕާޓީއެއް ވެއްޖެ ކަމަށްބުނެ މަލާމާތުގެ ބަޔާނެއް ނެރެފަ އެވެ. (އަލްޖަޒީރާ)