މިދިޔަ ހޮނިހިރު ދުވަހު ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން ހުށަހެޅުނު މައްސަލަތަކާއި ގުޅިގެން ރޭ އަލުން ބައެއް ވޯޓުފޮށިތައް ގުނިއިރު، އިލެކްޝަންސް ކޮމިޝަނުން ނެރުނު ވަގުތީ ނަތީޖާއާ އެއްވެސް ތަފާތެއް ފާހަގައެއް ނުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކޮންޕްލެއިންސް ބިއުރޯ އަށް ހުށަހެޅުނު މައްސަލަތަކާއި ގުޅިގެން ރޭ ގުނާފައި ވަނީ ހަތަރު ވޯޓު ފޮއްޓެކެވެ. އެގޮތުން ރޭ ގުނާފައިވަނީ ހިންނަވަރު ދާއިރާގެ މާލޭގައި ބަހައްޓާފައިވާ ފޮއްޓާއި މާފަންނު ދެކުނު ދާއިރާގެ ދެ ނަންބަރު ވޯޓު ފޮއްޓާއި ނޮޅިވަރަމް ދާއިރާގެ މާލޭގައި ބަހައްޓާފައި ހުރި ވޯޓު ފޮށި އަދި މެދު ހެންވޭރު ދާއިރާގެ ދެ ނަންބަރު ވޯޓު ފޮއްޓެވެ.

ހިންނަވަރު ދާއިރާގެ މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށި އަލުން ގުނުމަށް އިލެކްޝަނުން ނިންމީ ވީނުވީއެއް ނޭނގި ވޯޓު ކަރުދާސްތަކެއް ގެއްލިފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާއި ގުޅިގެންނެވެ. އަލުން ވޯޓު ގުނުން ކުރިއަށްދިޔަ ވަގުތު ހިންނަވަރު ދާއިރާ އަށް ކުރިމަތިލައްވައި ނާކާމިޔާބުވެވަޑައިގެންނެވި އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ހިންނަވަރު ދާއިރާގެ ގޮނޑި ކަށަވަރުވީ މިހާރު ވެސް އެ ދާއިރާގެ މެންބަރުކަން ފުރުއްވަމުން ގެންދަވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

މާފަންނު ހުޅަނގު ދާއިރާގެ ދެ ނަންބަރު ވޯޓު ފޮށި ގުނަމުން ދިޔަ ވަގުތު ހާޒިރުވެ ވަޑައިގެންނެވީ އެންމެ އޮބްޒާވަރެކެވެ. ވޯޓު ގުނުމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެން އަލުން ގުނި މި ފޮށީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ރިފާއު އެވެ.

ނޮޅިވަރަމް ދާއިރާގެ މާލޭގައި ބެހެއްޓުނު ވޯޓު ފޮށި ގުނަން ނިންމީ ވޯޓު ކަރުދާހެއްގެ ސައްހަކަމާއި މެދު ސުވާލު އުފެދިގެންނެވެ. އެ ވޯޓު ކަރުދާހުގައި ދިމާވި މައްސަލައަކީ ވޯޓު ކަރުދާސް ފޮތުން ވޯޓު ކަރުދާސް ވަކިކުރެވުނު ގޮތުންނެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މި ދާއިރާގެ ގޮނޑި ކަށަވަރުކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ހުސައިން އަރީފް އެވެ.

ވޯޓު ގުނުމުގައި މައްސަލަތަކެއް ހުރުމުން ހުށަހެޅުނު މައްސަލައަކާ ގުޅިގެން ރޭ ގުނި މެދު ހެންވޭރު ދާއިރާގެ ދެ ނަންބަރު ވޯޓު ފޮށިން އެންމެ ބޮޑަށް އޮބްޒާވަރުން ފާހަގަކޮށްފައި ވަނީ ކަރުދާހުގައި ފާހަގަ ޖެހުމުގެ މައްސަލަ އެވެ. ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި މި ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އާޒިމް އެވެ.