ޔުނިވާސިޓީ ތައުލީމް ހާސިލް ކުރާ ދަރިވަރުން ގަދައަޅައި ދަސްކުރަންވީ ފިޅާވަޅަކީ، އަމިއްލަ ނަފުސަށް އިތުބާރު ކުރުން ކަމަށް ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މިއަހަރުގެ އެކިއެކި ކޯސްތައް ނިންމައި ސަނަދު ހާސިލް ކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވުމަށް ފަހު އެ ދަރިވަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޔުނިވާސިޓީ ތައުލީމު ހާސިލު ކުރުމަށް ފަހު މަސައްކަތުގެ މައިދާނަށް އަލަށް ނުކުންނަ މީހުން "ހިތްދަތި ވާނެ އަދި ފޫހިވާނެ ވަރަށް ގިނަ ކަންތައްތަކާ" ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެހެން ކަމުން ޔުނިވާސިޓީ ތައުލީމް ހާސިލް ކުރާ ދަރިވަރުންގެ ހިތްތަކުގައި ބިންވަޅު ނަގަންވީ، ކުރާ ކޮންމެ ކަމެއް ކެރިގެން ކުރުމަށް ކަމަށާއި އެ ކުރާ ކަމެއް ހާސިލު ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމުގެ އަޒުމް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމީހެއްގެ އެންމެ ގާތް ރަހްމަތްތެރިއަކީ އެމީހާ ކަމަށާއި އެމީހެއްގެ ހަޔާތް އެންމެ ރަނގަޅަށް އެނގޭނީ ވެސް ހަމަ އެ މީހަކަށް ކަމަށެވެ. އެހެން ކަމުން ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުން މާޔޫސްވެ ދިރިއުޅުން މަތިން ފޫހިވެއްޖެ ނަމަ އެ މީހަކު ގެއްލިގެން ހިގައިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޔުނިވާސިޓީ ތަޢުލީމު ހާސިލު ކުރުމަށް ފަހު މަސައްކަތުގެ މައިދާނަށް ނިކުމެ މަސައްކަތް ކުރާއިރު ފޫހިވާނެ އަދި ތިކުދިން ހިއްދަތިވާނެ އެތަކެއް ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ. ޔުނިވާސިޓީ ކުދިންގެ ހިތަކުގައި ބިންވަޅު ނެގެންވި މަޙްފޫމަކީ ޕާސިވިޔަރެންސް. ކުރާކަމެއްގައި ގަދައަޅައި ދޫނުކޮށް މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރާކަމަކުން ނުވަތަ ދިމާވާ ކަމަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެ ކަމަށާއި އެހެން ނަމަވެސް އެ ނާކާމިޔާބީއަކީ ދިރިއުޅުމުގައި ކުރިއަށް ދާން އެޅުނު އެއް ފިޔަވަޅު ކަމަށް ގަބޫލުކޮށް އަމިއްލަ ނަފްސަށް އިތުބާރު ކޮށް ގަދައަޅައި މަސައްކަތް ކޮށްފިނަމަ ކާމިޔާބީ ހާސިލް ކުރެވޭނެ ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންނާއި މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަފާތު އެކިއެކި ދާއިރާތަކަށް ޔުނިވާސިޓީތަކުން ކުދިން ތަމްރީން ކުރަމުންދާއިރު، ރާއްޖޭގައި ހުރި ތަފާތު އެކި ސިނާއަތްތަކަށް އަމާޒުކޮށްގެން ކުދިން ތަމްރީން ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މަސްވެރިކަމާއި އެނޫން ވެސް އެފަދަ ސިނާއަތްތަކަށް ކުދިން ޝައުގުވެރި ކުރުވައި އެފަދަ ދާއިރާތަކަށް ކުދިން އުފެއްދުމަށް ޔުނިވާސިޓީ ތަކުން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ކުރިމަގާއި އެންމެ ބޮޑަށް ގުޅިލާމެހިފައިވާ ތަންތަނަކީ ރާއްޖޭގައި ގާއިމްކޮށްފައިވާ ޔުނިވާސިޓީ ކޮލެޖްތައް ކަމަށާއި އެހެންކަމުން ޔުނިވާސިޓީ ކޮލެޖްތަކުން ކުދިން ތަމްރީން ކުރުމަށް ފަހު މުޖުތަމައަށް ނެރޭއިރު އެކުދިންނަށް ވަޒީފާ ލިބޭނެ އިންތިޒާމްތަކެއް ހޯދަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ޔުނިވާސިޓީ ކޮލެޖުތަކުން ކުދިން ތަމްރީން ކުރާއިރު އެ ކިޔަވާ ދާއިރާއާ ގުޅޭ ހުނަރު އެކުދިންނަށް ދަސްކޮށްދޭން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޔުނިވާސިޓީ އާއި ކޮލެޖްތަކުން އެކަމަށް ޚާއްސަ ސަމާލު ކަމެއް ދެއްވައި އެކަމަށްޓަކައި ޔުނިވާސިޓީ އާއި ކޮލެޖްތަކަށް ގެންނަން ޖެހޭ ބަދަލު ދެނެގަތުމަށް ލެކްޗަރާއިންގެ ކިބައިން ރައީސް އެދިވަޑައިގަތެވެ.

ގައުމީ ޔުނިވާސިޓީން މިއަހަރުގެ ފުރަތަމަ ޓާމްގެ އެކި އެކި ކޯސްތައް ނިންމައި 828 ކުދިން ވަނީ ސަނަދު ހާސިލްކޮށްފަ އެވެ. އެގޮތުން މިއަދުގެ ހެނދުނުގެ ދަންފަޅީގައި 334 ދަރިވަރުންނަށް ވަނީ ދަސްވެނިވިކަމުގެ ސަނަދު ހަވާލުކޮށްފަ އެވެ. އަދި މިރޭ 334 ދަރިވަރުންނަށް ވަނީ ދަސްވެނިވިކަމުގެ ސެޓްފިކެޓު ހަވާލުކޮށްފަ އެވެ.

ގައުމީ ޔުނިވާސިޓީން މިއަހަރު ހިންގާފައިވާ ކޯސްތަކަކީ މާސްޓާސް ޑިގްރީ، ޕޯސްޓް ގްރެޖްއޭޓް ސެޓްފިކޭޓް، ބެޗްލާސް ޑިގްރީ، އެޑްވާންސްޑް ޑިޕްލޮމާ، އެޑްވާންސްޑް ސެޓްފިކެޓު އަދި ސެޓްފިކެޓު 3 ގެ ކޯސްތަކެވެ.