ބޭރުގެ ބޮޑެތި އިންވެސްޓްމަންޓުތައް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރަމުން ދާ މަސައްކަތް ހަލުއި ކުރުމަށް މަޝްވަރާ ކުރެއްވުމަށްޓަކައި، ރާއްޖޭގައި އޮޕަރޭޓް ކުރަމުންގެންދާ ބޮޑެތި ކުންފުނިތަކުގެ ވެރިންނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނީ، ރާއްޖޭގައި އޮޕަރޭޓް ކުރަމުން ގެންދާ ސަރުކާރުގެ ކުންފުނިތަކާއި، ބޮޑެތި އަމިއްލަ ކުންފުނިތަކާއި، ބޭރުގެ ކުންފުނިތަކާއި އަދި ފައިނޭންޝަލް އިންސްޓިޓިއުޝަން ތަކުގެ އިންވެރިންނާއެކު މިއަދު ވަޒީރު ބޭއްވި ބައްދަލުމުގެ އެންމެ ބޮޑު ބޭނުމަކީ، ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބިޔަ މަޝްރޫއުތައް ފެށުމަށް އެއްބާރުލުން ހޯދުން ކަމަށެވެ.

"މި ބައްދަލު ކުރެއްވުމުގެ ބޭނުމަކީ، ސަރުކާރުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ، ބޮޑެތި މަޝްރޫއުތައް ފެށުމަށްޓަކައި، 'މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް 2014' މި ނަމުގައި ބައިނަލްއަގްވާމީ އިންވެސްޓްމަންޓް ފޯރަމެއް، ސިންގަޕޫރުގައި 25 އޭޕްރީލް 2014ގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، މިހަރަކާތުގައި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުން،" އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ.

ބޮޑެތި ކުންފުނިތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަން ތަކުގެ އިންވެރިންނާއެކު އިކޮނޮމިކް މިނިސްޓަރު ބޭއްވި މަޝްވަރާތަކުގައި އެބައްދަލުވުމުގެ ހުރިހައި ބައިވެރިން ވެސް ވަނީ، ސަރުކާރުގެ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައިކަމަށް އިކޮނިމިކް މިނިސްޓްރީން ބުންޏެވެ.

އެމިނިސްޓްރީން ބުނީ، ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި އެކި ފަރާތްތަކުން ދެއްވާ ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށެވެ.