27 Mar 2014, 17:02
ނިއުދިއްލީ (މާޗް 27) : އިންޑިޔާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތުރާ ޕްރަދޭޝްގައި މިދިޔަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތަކުގެ އަލުން ތަހުގީގުކޮށް އެމީހުންގެ މައްޗަށް ދައުލަތުން ދައުވާކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް އިންޑިޔާގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އިންޑިޔާގެ ސްޕްރީމް ކޯޓުން ބުނީ މިޖަރީމާތައް ހިންގުމުގައި ބައިވެރިވި ފަރާތްތަކަށް އަދަބެއް ނުލިބި މިނިވަންކަންމަތީ އުޅެމުންދާތީ މި މައްސަލަ އަލުން ތަހުގީގުކޮށް އެމީހުންގެ މައްޗަށް ދައުލަތުން ދައުވާކުރުމުގެ އަމުރަކަށް ގާނޫނީ ވަކީލުން އެދުނުނަމަވެސް އެފަދަ އަމުރެއްނެރެދެވެންނެތް ކަމުގަ އެވެ.
ނަމަވެސް އުއްތުރާ ޕްރަދޭޝްގައި މުސްލިމުންނާ ދެކޮޅަށް ހިންގި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތަކުގެ ފަހަތުގައިއެސްޓޭޓްގެ ސަރުކާރުގެ އިހުމާލު އޮތްކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ. އުއްތުރަޕްރަދޭޝްގެ ހަރުކަށި ހިންދޫން، އެސްޓޭޓްގެ މުސްލިމުންނާ ދެކޮޅަށް ހިންގި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަބެލުމަށް ފަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގަން އުޅޭކަމުގެ އަލާމާތްތައް ފެންނަމުންދިޔަ އިރު އެކަމާބެހޭ ޖާސޫސީ މައުލޫމާތު ހޯދަން މަސައްކަތް ނުކުރުމުގެ އިތުރުން އެޖަރީމާތައް ހިންގަން ފެށުމުން އެކަން ހުއްޓުވުމަށާއި މުސްލިމުން ހިމާޔަތް ކުރުމަށް އުއްތުރަޕްރަދޭޝްގެ ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކޮށްފައިނުވާކަން ޝަރީޢަތަށް ސާބިތުވާ ކަމުގަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަރުކަށި ހިންދޫން މުސްލިމުންނާ ދެކޮޅަށް ހިނގި ލާއިންސާނީ އަމަލުތަކުގައި 50 މީހުން މަރުވެފައިވާ އިރު ބައި ލައްކައަށް ވުރެ ގިނަ މުސްލިމުން ވަނީ ރެފިއުޖީންގެ ގޮތުގައި އުއްތުރަ ޕްރަދޭޝް ދޫކޮށް އެކި ސަރަހައްދުތަކަށް ހިޖްރަކޮށްފަ އެވެ. އުއްތުރާޕްރަދޭޝްގައި މުސްލިމުންނާ ދެކޮޅަށް ހިންގި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތަކުގެ މައްސަލަ އިންޑިޔާގެ ސްޕްރީމް ކޯޓުން ބަލަންފެށީ އެޖަރީމާތަކުގެ ޝިކާރައަކަށް ވިމީހުންގެ ހައްގުގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންތަކެއް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
މިޖަރީމާތައް ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ސިޔާސީ ހަރުކަށި ދެ މީހަކު އިންޑިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި ވާދަކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)