ދިވެހި ރާއްޖޭގެ ޤާނޫނީ އޮނިގަނޑާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ޔޫއެންޑީޕީން ކުރިއަށްގެންދާ "ޑިޑް ޔޫ ނޯ؟" [ކަލެއަށް އެނގޭތަ؟] ކެމްޕޭނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ދަތިތައް ކަމަށް ޔޫއެންޑީޕީން ބުނެފި އެވެ.


އެ މައްސަލަ ހައްލުކުރުމުގެ ގޮތުން "ޑިޑް ޔޫ ނޯ؟" ކެންޕޭނުގައި އެހީތެރިވެދޭ ވޮލެންޓިއަރުންނަށް އިތުރު ތަމްރީނު ޕްރޮގުރާމްތަކެއް މި ހަފްތާގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ޔޫއެންޑީޕީގެ އެކްސެސް ޓު ޖަސްޓިސް ޕްރޮގުރާމްގެ މެނޭޖާ ނާޒް އައިމިނަތު މިއަދު ވިދާޅުވި އެވެ.


"އެންމެ ބޮޑު ޗެލަންޖަކީ އިންފޮމޭޝަން ރިލޭ ކުރުން [އެންމެ ބޮޑު ގޮންޖެހުމަކީ މައުލޫމާތު ފޯރުކޮށްދިނުން] އަޅުގަނޑުމެން ކެމްޕޭނު ފެށީއްސުރެ ވެސް އެއް ހަފްތާއަށް ވޮލެންޓިއަރުން ޓްރެއިން ކުރިން. އަންނަ ހަފްތާގައި ވެސް އަޅުގަނޑުމެން ފަށާނަން ޓްރޭނިންއެއް. އެ ޓްރޭނިން އަޅުގަނޑުމެން ބަލާނީ ތަންކޮޅެއް އިންޑެޕްތުކޮށް[ތަފްސީލުކޮށް] ކުރިއަށް ގެންދެވޭތޯ." ނާޒު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ އެންމެ ފުރަތަމަ 27 ވޮލެންޓިއަރުންނަށް ތަމްރީނު ކުރި ކަމަށާއި ނަމަވެސް މިހާރު ތިބީ 15 ވޮލެންޓިއަރުންކަމަށެވެ. އަދި އޭނާ ވިދާޅުވީ ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ޒުވާން ކުދިން ނަމަވެސް ވޮލެންޓިއަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ވަރަށް ރަނގަޅު ކަމަށެވެ.


"ވޮލެންޓިއަރުންގެ ތެރޭގައި ގިނައީ ވަރަށް ފަހުން ސްކޫލް ނިންމާލާފައި އެޅޭ ކުދިން. ހަތާވީސް ވޮލެންޓިއަރުން އަޅުގަނޑުމެން އެންމެ ފުރަތަމަ ޓްރޭން ކުރީ. ނަމަވެސް މިހާރު އެކްޓިވްކޮށް ހަރަކާތްތެރި ވަނީ 15 ވަރަކަށް ވޮލެންޓިއަރުން. ގިނަ ވޮލެންޓިއަރުންނަކީ ވަރަށް ފަހުން ސްކޫލް ނިންމި ގޮތަށް ބައިވެރިވި ކުދިން. އެހެންވީމާ ކިޔަވާނެ އިތުރު ފުރުސަތުތައް ލިބޭ ކުދިނަށް ވެސް ވޮލެންޓިއާ ކުރާކަށް ނޫޅެވޭނެ."


މިދިޔަ ނޮވެންބަރު މަހު 26 ވަނަ ދުވަހު ފެށި ޑިޑްޔޫނޯ ކެންޕޭނުގައި ހުޅުމާލޭ 500 ގެއަކަށާއި ވިލިގިލީގެ 500 ގެއަކަށާއި، މާލޭ މައްޗަންގޯޅީގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށްފައިވާނެ ކަމަށް ނާޒް ވިދާޅުވި އެވެ.