ވޮޝިންޓަން (މާޗް 27) : ޔުކްރޭންގެ އިގްތިސާދު ބަނގުރޫޓް ވުމުން ސަލާމަތް ކުރުމަށްޓަކައި 14 ބިލިޔަން ޑޮލަރާއި 18 ބިލިޔަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއްގެ ލޯން ޕެކެޖެއް އެގައުމަށް ދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

އައިއެމްއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ލޯނުގެ އަދަދު މުޅިން ކަނޑައެޅޭނީ މިޕެކޭޖުން ޔުކްރޭންގެ އިގްތިސާދު ނެގެހެއްޓުމަށް ޓަކައި ކުރުމަށް ރާވާފައިވާ ޕްލޭންގެ ފުރިހަމަ ތަފްސީލް ޔުކްރޭންގެ ސަރުކާރުން ދިނުމުން ކަމުގައެވެ. މި ލޯން ޕެކެޖާބެހޭ ގޮތުން މަޝްވަރާކުރުމަށް ޓަކައި ޔުކްރޭނަށް ވަޑައިގެންނެވި އައިއެމްއެފްގެ ވަފްދުގެ ވެރިޔާ ނިކޮލައި ޖޯޖީވް ވިދާޅުވީއިގްތިސާދު ބަނގުރޫޓް ވުމުން ސަލާމަތް ކުރުމުގެ ގޮތުން އެގައުމަށް 27 ބިލިޔަން އެމެރިކާ ޑޮލަރުގެ މާސްޓާ ޕެކެޖެއް ކުރިޔަށްއޮތް ދެއަހަރު ދުވަހުގެ ތެރޭގައި ދިނުމަށް އުސޫލެއްގެ ގޮތުން ހަމަޖައްސާފައިވާ ކަމަށާ މިހާރު ދިނުމަށް ނިންމި 14 ބިލިޔަން ޑޮލަރާއި 18 ބިލިޔަން އެމެރިކާ ޑޮލަރާ ދެމެދުގެ ލޯން ޕެކެޖަކީ މި 27 ބިލިޔަން އެމެރިކާ ޑޮލަރުގެ މާސްޓަރ ޕެކެޖްގެ ބައެއް ކަމުގައެވެ.

ޔުކްރޭންގެ ވެރިކަމުގައިއޮތް އިންތިޚާބީ ސަރުކާރު ވައްޓާލުމަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އެގައުމުގައި އުފައްދާފައިވާ ވަގުތީ ސަރުކާރަކީ ހުޅަނގުގެ ތާއީދާއި މަދަދު ލިފައިވާ ސަރުކާރެކެވެ. ޔުކްރޭންގެ ވަގުތީ ސަރުކާރަށް އަވަސްގޮތަކަށް މިހާ ބޮޑު ލޯނެއް ދިނުމަށް އައިއެމްއެފް އިން ނިންމީ އެފަންޑްގެ މައި ހިއްސާދާރުންގެ ގޮތުގައި ތިބޭ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ ނުފޫޒުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ޔުކްރޭންގެ ވެރިކަމުގައިއޮތް ރަޝިޔާއަށް ތާއީދުކުރާ އިންތިޚާބީ ސަރުކާރު ވައްޓާލުމާ ގުޅިގެން އެގައުމަށްވަނީ އަވަށްޓެރި ރަޝިޔާގެ ފިއްތުންތަކާ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން ރަޝިޔާއިންވަނީ ޔުކްރޭންގެ ބައެއްގެ ގޮތުގައިއޮތް ކްރައިމިޔާ ޕެނިންސިއުލާގެ ރައްޔިތުންގެ އެދުމާއެއްގޮތަށް އެސަރަހައްދު، ރަޝިޔާގެ އިއްތިޙާދުގެ ބައެއްގެ ގޮތުގައި ދާދިފަހުން ހަމަޖައްސާފައެވެ.

ޔުކްރޭނަށް ބޭނުންވާ ގޭހާއި ތެޔޮ ފޯރުކޮށްދޭ މައިގަނޑު ގައުމަކީ ރަޝިޔާ ކަމަށްވެފައިއިގްތިސާދު ބަލިކަށިވެފައިވުމުގެ ސަބަބުން ޔުކްރޭންވަނީ ރަޝިޔާގެ ފިއްތުންތަކާ ކުރުމަތިލުމަށް އިގްތިސާދީ ގޮތުންވެސް ވަރަށް ބޮޑަށް ނުކުޅެދިފައެވެ. (ރޮއިޓާސް)