27 Mar 2014, 16:49
ޒަކަތާ ބެހޭ ސޮފްޓްވެއާއެއް ހެދުމަށް އިސްލާމިކް މިނިސްޓްރީ އާއި ނެޝެނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލެޖީ (އެންސީއައިޓީ) ދެމެދު 800،000 ރުފިޔާގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ދުސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ޑރ. އާއިޝަތު މުނީޒާ އެވެ. އެންސީއައިޓީގެ ފަރާތުން ސޮއި ކުރެއްވީ އެންސީއައިޓީ ހިންގުމުގެ އިސްވެރިޔާ، ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަސްމަލީ އެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންސީއައިޓީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވީ ޒަކަތާ ބެހޭ ސޮފްޓްވެއާ ހެދުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ. އަދި ހަތަރު މަސް ދުވަހުގެ ތެރޭގައި ސޮފްޓްވެއާ ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަޝްމަލީ ވިދާޅުވީ ސޮފްޓްވެއާ ނިމި ބޭނުން ކުރަން ފަށާ އިރު އެ ސޮފްޓްވެއާ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އެ ސޮފްޓްވެއާ މެދުވެރިކޮށް ޒަކާތް ދައްކާފައިވާ ނިސްބަތް ތަފްސީލުކޮށް އެނގެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓްރީ އޮފިޝަލަކު ވިދާޅުވީ ޒަކާތާ ބެހޭ ސޮފްޓްވެއާ ދެ ބަޔަކަށް ބަހާލެވިފައި ވާނެ ކަމަށެވެ. އެއީ ފިތުރު ޒަކާތް ދައްކާ ފަރާތްތަކާއި އަދި މުދަލު ޒަކާތް ދައްކާ ފަރާތްތަކުގެ މައުލޫމާތު ކަމަށެވެ. އަދި ވިދާޅުވީ އެ ސޮފްޓްވެއާގައި އިސްކަމެއް ދެވިފައި ވާނީ މުދަލު ޒަކާތް ދައްކާ މީހުންނަށް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ޒަކާތާ ބެހޭ ސޮފްޓްވެއާ މެދުވެރިކޮށް ރާއްޖޭގައި ތިބި ފަގީރުންގެ ނިސްބަތާއި އަދި އެހެނިހެން ގޮތް ގޮތުން ވެސް ޒަކާތާ ގުޅުން ހުރި މައުލޫމާތު އެ ސޮފްޓްވެއާ މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ސޮފްޓްވެއާގެ ސަބަބުން ރާއްޖޭގައި ޒަކާތް ދެއްކުމާއި އަދި ޒަކާތް ބެހުމާ ބެހޭ ފުރިހަމަ ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.