ކިޔަވައިދޭން ކަމަށް ބުނެ އަންހެން ކުއްޖަކު މާލެގެނެސް، އޮޅުވާލައިގެން ނ. ޅޮއްސަށް އެ ކުއްޖާ ގެންގޮސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 45 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކުރީ ކިޔަވައި ދިނުމަށް ކަމަށް ބުނެ 15 އަހަރުގެ އަންހެން ކުއްޖަކު މާލެ ގެނައުމަށް ފަހު، އޮޅުވާލައިގެން ޅޮއްސަށް ގެންގޮސް އެ ކުއްޖާ އަށް ޖިންސީ ގޯނާކޮށް އަދި ހަމަ އެ ރަށުގައި ދިރިއުޅޭ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ 15 އަހަރުގެ އަންހެން ކުއްޖާ ޅޮއްސަށް ގެންގޮސްފައި ވަނީ މާލޭގައި އެ ކުއްޖާ ގެންގުޅުމަށް ފަހު ކަމަށެވެ. އަދި އެދުވަސްތަކުގައި އެކުއްޖާ އަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށާއި އަންހެން ކުއްޖާ ޅޮއްސަށް ގެންގޮސްފައި ވަނީ މާލެއަށް ވުރެ ރަނގަޅަށް ޅޮހީގައި ކިޔެވޭނެ ކަމަށް ބުނެ އޮޅުވާލައިގެން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިދީފަ އެވެ.