27 Mar 2014, 16:34
ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދ. ކުޑަހުވަދޫ ދާއިރާ އަށް އަދާލަތު ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓު ހަސަން ރަޝީދުގެ ނަން އަނބުރާ ގެންދެވީ އޭނާ އަށް ބަޔަކު ރިޝްވަތުދީގެން ކަމަށް ބުނެ ބަޔަކު ފެތުރި "ޗެކެެއް"ގެ މައްސަލަ ދޮގުކޮށް އެ މައްސަލަ ބަލައި ދިނުމަށް އެދި އޭނާ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ރިޝްވަތު ދީގެން އޭނާގެ ނަން އަނބުރާ ގެންދެވި ކަމަށް ބުނެ ބަޔަކު "ހަދައިގެން އުޅޭ އެ ޗެކުގެ" މައްސަލަ ކުރީ ރޭ ފުލުހުންނަށް ހުށަހެޅުއްވީ ކުރީ ރޭ ކަމަށް ހަސަަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަގުތު އޮއްވައި އޭނާގެ ނަން އަނބުރާ ގެންދެވީ އަދާލަތު ޕާޓީން ކުޑަހުވަދޫ ދާއިރާގެ ގޮނޑި އަށް ވާދަކޮށްފި ނަމަ ސަރުކާރު ކޯލިޝަނަށް ގޮނޑި ގެއްލިދާނެތީ ކަމަށާއި އެކަމުގެ ފަހަތުގައި ނުކަސިޔާނު އެއްވެސް ކަމެއް ނުވާނެ ކަމަށެވެ.
އޭނާގެ ނަން ނެންގެވީ ގުރު ނެގުމުގެ ކުރިންނެވެ.
"އެ ޗެކުގައި އިންނާނީ ފުރަތަމަ އަޅުނގަޑުގެ ކޮމްޕެނީގެ ނަމެއް ވެސް ނޫން. އެހެންވެގެން ބޭންކަކުން މި ބަލައެއް ވެސް ނުގަންނާނެ. ދެން އެ ޗެކުގައި ހުރި ހުރިހާ އެއްޗަކީ ކޮމްޕިއުޓަރުން ލިޔެފައި ތަތްކޮށްފައި ހުރި އެއްޗެހި. އަދި ކޮންމެ ބޭންކަކަށް އެ ޗެކް ވަތް ކަމުގައިވީ ނަމަ ޖަހާ ތައްގަނޑެއް ވެސް އެ ޗެކަކަކު ނެތް،" 1.7 މިލިއަން ރުފިޔާގެ "ޗެކްގައި" ފާހަގަކުރެވޭ ބައެއް ކަންކަން ހަސަން ވިދާޅުވި އެވެ.
އިންތިހާބުން ނާޖާއިޒު ފައިދާ ހޯއްދެވުމަށް އޭނާގެ ބޮލުގައި އެފަދަ އިލްޒާމެއް އެޅުވުމުގައި އެ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ އަތެއްވާ ކަމަށް ހަސަން ތުހުމަތު ކުރައްވަ އެވެ.
"އެ ޗެކް ހެދިބަޔަކު އެމްޑީޕީގެ ކެންޑިޑޭޓް ޖައިޝް [މުހައްމަދު ޖައިޝް އިބްރާހިމް] އަށް އިނގޭ. އެއީ އޭނާ އެބަ ބުނޭ އެ ޗެކު އެބަ ހޯދަމޭ، އޭގެ އަނެއް ދުވަހު ބުނެފި ލިބިއްޖޭ. އޭނާ އަށް އެ ޗެކު ލިބޭނީ އޭނާގެ ކޮންމެ ވެސް މީހެއްގެ އަތުގައި އެ އޮވެގެންތާ. އަޅުނގަޑުމެން ހެދި އެއްޗެއް ވެއްޖެއްޔާ އަޅުނގަޑުމެން އަތުގައިތާ އޮންނާނީ،" ހަސަން ވިދާޅުވި އެވެ.
ކުޑަހުވަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އެމްޑީއޭގެ ކެންޑިޑޭޓް އަހްމަދު އާމިރެވެ.