27 Mar 2014, 15:12
މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ބަޣާވާތަކުން ވައްޓައިލި ޖެނެރަލް އަބުދުލްފައްތާހު އަލް ސީސީ އެގައުމުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް އޭނާ ހުންނެވި މިލިޓަރީ މަގާމު ދޫކޮށްލައްވައިފި އެވެ.
އަލްޖަޒީރާ ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މަގާމު ދޫކޮށްލެއްވިކަން މިސްރުގެ ގައުމީ ޓީވީ މެދުވެރިކުރައްވައި ސީސީ ދެއްވި ހިތާބެއްގައި އެކަން އިއުލާންކުރައްވާފައިވާ ކަމަށެވެ.
"އަހަރެންގެ މުޅި ހަޔާތް ހޭދަކޮށްފައި ވާނީ ސިފައިންގެ މީހެއްގެ ގޮތުގައި ، ގައުމަށް ޓަކައި. އަހަރެން ކަލޭމެންނަށް މިބުނަނީ އަހަރެން މިސްރުގެ ރައީސް ކަމަށް ކުރިމަތިލާން ގަސްދުކުރަމޭ. ކަލޭމެންގެ މިތާއީދުން އަހަރެންނަށް މި ޝަރަފު ލިބޭނެ،" ހިތާބުގައި ސީސީ ވިދާޅުވެފައިވެ އެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ މިސްރުގެ ކުރީގެ ދެސަރުކާރު ވައްޓައިލީ ސިފައިން ނޫން ކަމަށެވެ.
" ...ކުރީގެ ދެސަރުކާރު ވައްޓައިލީ ސިފައިންނެއް ނޫން. އަދި ސިޔާސީ މީހުންނެއް ވެސް ނޫން. އެއީ ކަލޭމެން ރައްޔިތުން. އަހަރެން ރިޔާސީ ރޭހަށް ވަނުމަކީ އެހެން މީހުން ނުވަންނަން ޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވެފައިވެ އެވެ.
އުމުރުފުޅުން 59 އަހަރުގެ ސީސީ މިސްރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މިސްރުގައި ކުރި ބަޣާވާތަށް ފަހު އެގައުމުގައި އެންމެ ނުފޫޒު ގަދަ ބޭފުޅަކީ އޭނާ އެވެ. މިސްރު ރައްޔިތުންގެ ބޮޑު ތާއީދެއް އޮތް، އެގައުމުގެ ކުރީގެ ރައީސް މުރުސީގެ މުސްލިމް ބްރަދަހުޑް ޕާޓީއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޭނާ ވަނީ ކަނޑައަޅުއްވާފަ އެވެ.