27 Mar 2014, 14:32
ބަޔާން މިއުނިކްގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ތައުރީފްކޮށް، އެ ކްލަބަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފޭވަރިޓުން ކަމަށް ބަޔާންގެ ކުރީގެ ކޯޗު އޮޓްމާރު ހިޓްޒްފެލްޑް ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު ހާތާ ބާލިންގް އަތުން މޮޅުވެ، ހަތް މެޗު ބާކީ އޮއްވައި ބަޔާނުން ވަނީ ޖަރުމަން ލީގު ކާމިޔާބުކޮށްފަ އެވެ. ބަޔާނުން ލީގު ކަށަވަރުކުރީ 3-1 ލަނޑުން ހާތާ އަތުން މޮޅުވެގެންނެވެ. ބަޔާނަށް މިސީޒަނުގެ ޗެމްޕިއަންސް ލީގު ދިފާއު ކުރެވިދާނެ ކަމަށް ހިޓްޒްފެލްޑް ގަބޫލުކުރެ އެވެ.
"ޓީމަކުން ރެކޯޑުތައް މުގުރުމަކީ ވަރަށް ރަނގަޅު ކަމެއް،" ހިޓްޒްފެލްޑް ބުންޏެވެ. "އެއްވެސް ޓީމެއް ސީޒަނުގެ މިހާ ކުރިއަކުން ޗެމްޕިއަންކަން ކަށަވަރު ކުރެވިފައެއް ނުވޭ. މިއީ ބަޔާނަށް އަދި ގާޑިއޯލާ އަށް ވެސް ލިބުނު ބޮޑު ކާމިޔާބެއް. ގާޑިއޯލާ އަކީ ލިބެން ހުރި ހުރިހާ ކާމިޔާބެއް ހޯދާފައިވާ ކޯޗެއް. އަހަރެންނަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފޭވަރިޓުންނަކީ ބަޔާން."
ބަޔާނުން ބުންޑަސްލީގާގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. އަންނަ ހޮނިހިރު ދުވަހު މި ރެކޯޑް ދެމިހެއްޓުމަށް ބަޔާނުން ހޮފެންހޭމްއާ ދެކޮޅަށް ނުކުންނާނެ އެވެ.