27 Mar 2014, 14:04
ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަކީ ޕޯލިއޯ ނުވަތަ ވާބަލި ނައްތާލެވިފައިވާ ސަރަހައްދެއް ގޮތުގައި ކަނޑައެޅުމަށް ނިންމައިފި އެވެ.
މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެނަޑަރު އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަކީ ޕޯލިއޯ މުޅިން ނައްތާލެވިފައިވާ ސަރަހައްދަކަށް ހެދުމަށް ޓަކައި މި ސަރަހައްދުގައި ގިނަގުނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މަސައްކަތްތަށް ނިންމުމަށް ފަހު މިއަދު ނިއުދިއްލީގައި ބާއްވާ ދެނުކު އިރުމަތީ އޭޝިއާ ރީޖަނަލް ސެޓްފިކޭޝަން ކޮމިޝަން ފޯ ޕޯލިއޯ އިރެޑިކޭޝަންގެ ހަތް ވަނަ ބައްދަލުވުމުގައި މި ސަރަހައްދަކީ ޕޯލިއޯ މުޅިން ނައްތާލެވިފައިވާ ސަރަހައްދެއް ކަމުގައި ކަނޑައެޅިގެން ދާނެކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.
މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނާ ގޮތުން ވަކި ސަރަހައްދެއް ޕޯލިއޯ ނައްތާލެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅެނީ އެ ސަރަހައްދެއްގެ ހުރިހާ ގައުމަކުން ޕޯލިއޯ ބަލި ނުފެންނަތާ ތިން އަހަރު ވުމުންނެވެ. އެގޮތުން އެ ކޮމިޝަނުން އެކަން ނިންމަވާނީ ސަރަހައްދުގެ ހުރިހާ ގައުމެއްގައި ޕޯލިއޯ ނެތްކަން ސާބިތުކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއްގެ މައުލޫމާތުތައް ދިރާސާ ކުރުމަށްފަހުގައި ކަމަށާއި އެ ކަންކަމަކީ ހުއްޓުމެއްނެތި ގައުމުތަކުން ގަވާއިދުންކޮށް ކޮންމެ އަހަރަކު ރިޕޯޓު ކުރަމުންދާ ކަމެއްކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.
ވެކްސިން ދީގެން ރަނގަޅުކުރެވޭ ޕޯލިއޯ ނުވަތަ ވާ ބައްޔަކީ ވައިރަސް އަކުން ޖައްސާ ނުރައްކާތެރި ބައްޔެކެވެ. އެބަލިި ދުނިޔެ އިން ނައްތާލުމުގެ މަސައްކަތް ޑަބްލިޔޫއެޗްއޯ އިން 1990ގައި ފަށާފައިވާ އިރު މި ސަރަހައްދުގައި އެންމެ ފަހުން ޕޯލިއޯގެ ބަލި މީހަކު ފެނިފައި ވަނީ 2011 ވަނަ އަހަރު އިންޑިއާގެ ވެސްޓް ބެންގާލްއިންނެވެ.