ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބާއްވާ 12 ވަނަ އިންޓަ ސުކޫލް ސޮނީ ސްޕޯޓްސް ފެތުމުގެ މުބާރާތުގައި 12 ސްކޫލަކުން ބައިވެރި ވެއްޖެ އެވެ.

އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ، އަމީނިއްޔާ ސްކޫލް، މަޖީދިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް، ޖަމާލުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ކަލާފާން ސްކޫލް، އިސްކަންދަރު ސްކޫލް، ތާޖުއްދީން ސްކޫލް، ގިޔާސުއްދީން ސްކޫލް، ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް، އިމާދުއްދީން ސްކޫލް، ގާޒީ ސްކޫލް އަދި ގާޒީ ސްކޫލެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ، އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް މާލޭ ފަތާ ޓްރެކް ސަރަހައްދުގައި ބާއްވާ މިމުބާރާތުގައި އަންހެން ފިރިހެން އެއްކޮށް ޖުމްލަ 340 ފެތުން ތެރިން ވާދަކުރާ ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރާ 12 ސްކޫލުން ޖުމްލަ 67 ޓީމް ވާދަކުރާ އިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

މުބާރާތުގެ އުމުރު ފުރާތައް ބަހާލައިފައި ވަނީ، 10 އަހަރުން ދަށާއި 12 އަހަރުން ދަށާއި 14 އަހަރުން ދަށް، އަދި 16 އަހަރުން ދަށުގެ އުމުރު ފުރާތަކަށެވެ.

ހޯމަ ދުވަހުގެ މެންދުރު ފަހު 2:00ގައި ފަށާ މި މުބާރާތުގައި ވާދަކުރާ ފެތުންތެރިންގެ ތެރޭގައި ހިމެނެނީ އަންހެން 144 ފެތުން ތެރިއަކާއި ފިރިހެން 196 ފެތުންތެރިއެކެވެ.

މުބާރާތުގެ އިވެންޓްތަކުގެ ތެރޭގައި ހިމެނެނީ، 25 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ފްރީ ސްޓައިލް، 100 މީޓަރު ފްރީ ސްޓައިލް، 100 މީތަރު ބެކްސްޓޯކް، 25 މީޓަރު ބްރެސްޓް ސްޓޯކް، 50 މީޓަރު ބްރެސްޓް ސްޓޯކް، 100 މީޓަރު ބްރެސްޓް ސްޓޯކް، 25 މީޓަރު ބަޓަފްލައި، 50 މީޓަރު ބަޓަފްލައި، 100 މީޓަރު ބަޓަފްލައި، 100 މީޓަރު އިންޑިވިޑުއަލް، 200 މީޓަރު އިންޑިވިޑުއަލް، 100 މީޓަރު ފްރީސްޓައިލް ރިލޭ، 200 މީޓަރު ފްރީސްޓައިލް ރިލޭ، 400 މީޓަރު ފްރީސްޓައިލް ރިލޭ، 125 މީޓަރުގެ މެޑްލޭ ރިލޭ އަދި 200 މީޓަރު މީޓަރުގެ މެޑްލޭ ރިލޭ އެވެ.