27 Mar 2014, 13:40
އިނގިރޭސި ޕްރިމިއާ ލީގުގައި ހަނި ތަފާތަކުން ސަންޑަލޭންޑް އަތުން ލިވަޕޫލް މޮޅުވެ، ލީގުގެ ވާދަވެރިކަން އިތުރަށް ބޮޑު ކޮށްފި އެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ސަންޑަލޭންޑާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލްގެ ސަޕޯޓަރުންގެ އުންމީދުތަކަށް އުފާވެރިކަމެއް ގެނެސްދިނީ ކެޕްޓަން ސްޓީވަން ޖެރާޑް އެވެ. ލިވަޕޫލް އަށް ލިބުނު ހިލޭ ޖެހުމަކުން ޖެރާޑް މި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 39 ވަނަ މިނެޓްގަ އެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ލިވަޕޫލް އަށް ލީޑު ފުޅާކޮށްދިނީ އިނގިރޭސި ފޯވަޑް ޑެނިއަލް ސްޓަރިޖް އެވެ. މި ލަނޑަކީ މި ސީޒަނުގައި ސްޓަރިޖް ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. ސަންޑަލޭންޑްގެ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ދެކުނު ކޮރެއާ މިޑްފީލްޑަރު ކީ ސުންގް ޔޫންގް އެވެ.
ދިހަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ހަލް ސިޓީ އަތުން މޮޅުވެ، ވެސްޓް ހޭމް އިން ވަނީ ބަލިވަމުން ދިޔަ ސިލްސިލާ އަށް ނިމުމެއް ގެނެސްފަ އެވެ. އަމިއްލަ ދަނޑުގައި ވެސްޓް ހޭމް އިން ކުޅުނު މި މެޗުން އެޓީމު މޮޅުވީ 2-1 ލަނޑުންނެވެ.
މެޗުގެ 23 ވަނަ މިނެޓުގައި ހަލް ސިޓީގެ ކީޕަރު އެލަން މެކްގްރެގާ ޕެނަލްޓީ އޭރިޔާ ތެރެއިން ވެސްޓް ހޭމްގެ މުހައްމަދު ޑިއާމޭ އަށް ކުރި ފައުލާއި ގުޅިގެން ވެސްޓް ހާމް އަށް ޕެނަލްޓީއެއް ލިބި ހަލްގެ ކީޕަރު މެކްގްރެގާ އަށް ރަތް ކާޑު ދެއްކި އެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ވެސްޓް ހޭމް އަށް ލީޑު ނަގައިދިނީ މާކް ނޯބަލް އެވެ.
މެޗުގެ ދެވަނަ ހާފް ފަށިތާ ތިން މިނެޓް ފަހުން ހަލްގެ ކްރޮއޭޝިއާ ފޯވަޑް ނިކިޖާ ޖެލަވިޗް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ހަލްގެ އިނގިރޭސި ޑިފެންޑަރު ޖޭމްސް ޗެސްޓާ އަތުން ބައިކޮޅަށް ވަތް ލަނޑާ އެކު ވެސްޓް ހޭމް އަށް އަލުން ލީޑު ލިބުނެވެ.
ޕްރިމިއާ ލީގުގައި އެއް ވަނައިގައި އޮތް ޗެލްސީ އަށް 69 ޕޮއިންޓް ލިބިފައިވާ އިރު، ލިވަޕޫލް އަށް ލިބިފައި އޮތީ 68 ޕޮއިންޓެވެ. ދެ މެޗު މަދުން ކުޅުނު މެންޗެސްޓާ ސިޓީ އަށް 66 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް އާސެނަލް އަށް ލިބިފައި ވަނީ 63 ޕޮއިންޓެވެ.