މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓް އެމްއެޗް 370 ވަނީ އިންޑިއާ ކަނޑުގެ ދެކުނު ސަރަހައްދަށް ވެއްޓިފައިވާ ކަމަށް މެލޭޝިއާ ސަރުކާރުން މިހާރު ވަނީ ބުނެފަ އެވެ. މިމަހުގެ އަށް ވަނަ ދުވަހު 239 މީހުންނާ އެކު ގެއްލުނު އެބޯޓުން ދަތުކުރި އެކަކު ވެސް ސަލާމަތް ނުވާކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެބޯޓްގެ ބައެއްކަން ކަނޑައެޅިގެން ޔަގީންވާ އެއްވެސް އެއްޗެއް އަދި ވަނީ ނުފެނި އެވެ.

ބޯޓަށް ވީގޮތާ ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ކޮންމެ ދުވަހަކު ވެސް އެތައް ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ. ނަމަވެސް ބޯޓަށް ވީގޮތް ހަގީގަތުގައި އަދި އެކަކަށް ވެސް ރަނގަޅަކަށް ނޭނގެ އެވެ. ޖަވާބު ނުލިބޭ އެތައް ސުވާލެއް އަދިވެސް އެބަހުއްޓެވެ. ދުނިޔޭގެ ނަންމަޝްހޫރު ނިއުސް އެޖެންސީއެއް ކަމަށްވާ ބީބީސީ އިން ވަނީ އެފަދަ 10 ސުވާލެއް ފާހަގަކޮށްފަ އެވެ.

އޭގެ ތެރެއިން ބައެއް ސުވާލުތައް ތިރީގައި މިވަނީއެވެ.

ބޯޓު ވާތަށް އަނބުރާލީ ކީއްވެ؟

މިލިޓަރީ ރާޑަރަށް ފެނިފައިވާ ގޮތުން ބޯޓު ދަތުރުކުރަން ޖެހޭ މަގުން ކައްސާލި ވަގުތު އަނބުރާލާފައި ވަނީ ހުޅަނގަށް، ވައަތަށެވެ. ބޯޓްގެ ޓްރާންސްޕޮންޑަރު ވެސް އޭރު ވަނީ ނިއްވާލާފަ އެވެ. އަދި އޭސީއޭއާރްއެސް ޑޭޓާލިންކް ޓްރާންސްމިޝަން އެންމެ ފަހުން ފޮނުވާފައި ވަނީ ވެސް އެވަގުތު އެވެ.

ބްރޫނެލް ޔުނިވަސިޓީގެ ފްލައިޓް ސޭފްޓީ ލެބްގައި މަސައްކަތްކުރައްވާ ޑރ. ގްރޭޓަން ވިދާޅުވެފައިވާ ގޮތުގައި ކުއްލި ގޮތަކަށް އެހެން އަނބުރާލުމަކީ ވަރަށް މަދުންވާ ކަމެކެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ޕައިލެޓަކު އެގޮތަށް ކަންތައް ކުރާނީ ސީރިއަސް މައްސަލައެއް ދިމާވެގެން އެހެން މަންޒިލަކަށް ޖައްސަން ޖެހުމުންނެވެ.

ކްރޭންފީލްޑް ޔުނިވަސިޓީގެ ފްލައިޓް ޑޭޓާ މޮނިޓަރިން އެކްސްޕާޓެއް ކަމަށްވާ ޑޭވިޑް ބޭރީ ވިދާޅުވެފައި ވަނީ އެއީ ކުއްލިއަކަށް ހިނގި ޑިކޮމްޕްރެޝަންއަކަށް ނުވަތަ އަލިފާނުގެ ހާދިސާއަކަށް ވެދާނެ ކަމަށެވެ.
ނަމަވެސް ބޯޓްގެ ބްލެކްބޮކްސް ފްލައިޓް ރެކޯޑާސް ފެންނަންދެން ، ކޮކްޕިޓްގައި ހިނގި ކަންތައްތައް އޮންނާނީ ހަމަ އެކަނި ލަފާކުރެވޭ ކަންތައްތަކެއްގެ ގޮތުގަ އެވެ.

ޕައިލެޓް އަމިއްލައަށް މަރުވާން އުޅުނީ ކަމަށް ބެލުމަކީ ރަނގަޅުކަމެއްތަ؟

މަތިންދާބޯޓް ގެއްލުމުގެ ފަހަތުގައި ވަނީ އަމިއްލަ އަށް މަރުވާން ކުރި މަސައްކަތެއް ކަމަށް ލަފާކުރެވޭ ގޮތަށް މީޑިއާގައި ވަނީ ތަފާތު ވާހަކަތައް ފަތުރާފަ އެވެ. މިއީ އެގޮތަށް ލަފާކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އިޖިޕްޓް އެއާގެ ފްލައިޓް 990، 1999 ވަނަ އަހަރު ވެއްޓުނު ހާދިސާ އާއި ސިލްކްއެއާގެ 185 1997 ވަނަ އަހަރު ވެއްޓުނު ހާދިސާ ހިނގާފައި ވަނީ ޕައިލޮޓުން ގަސްދުގައި ކުރި ކަމަކުން ކަމަށް ވަނީ ބެލެވިފަ އެވެ. އެ ހާދިސާތަކާ މެދު އެގޮތަށް ނުދެކޭ ފަރާތްތައް ވެސް ވެ އެވެ. ނަމަވެސް އޭވިއޭޝަން ސޭފްޓީ ނެޓްވޯކުން ބުނެފައި ވަނީ 1976 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޕައިލޮޓުން އަމިއްލަ އަށް މަރުވާން ވެގެން ބޯޓު ވައްޓައިލި އަށް ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

އެމްއެޗް 370ގެ ކެޕްޓަން ޒަހާރީ އަހުމަދު ޝާހުއާއި ކޯޕައިލޮޓް ފާރިހު އަބުދުލް ހަމީދުގެގެ ބަލައި ފާސްކުރި ކުރުމުން އެފަދަ އެއްވެސް ހެއްކެއް ފެނިފައިވާ ކަމަކަށް އަދި ބުނެފައެއް ނުވެ އެވެ. ޝާހު އޭނާގެ އަންހެނުންނާ ވަކިވުމުގެ ސަބަބުން އޭނާ ހުރީ ދަތުރުކުރަން އެކަށީގެން ނުވާ ވަރަށް ކަންބޮޑުވެފައި ކަމަށް ވެސް މިހާރު ވަނީ ވާހަކަތައް ފެތުރިފަ އެވެ. ނަމަވެސް އެކަމަށް ބާރުލިބޭ ފަދަ އެކަށީގެންވާ ހެއްކެއް އަދި ލިބިފައެއް ނުވެ އެވެ.

ހައިޖެކް ކުރުމަކީ އެކަށީގެންވާ ކަމެއްތަ؟

އެމެރިކާގެ ޓްވިން ޓަވަރު ގޮއްވާލި 9/11 ހާދިސާއަށް ފަހު މަތިންދާބޯޓްތަކުގެ ކޮކްޕިޓްތައް ހުންނަނީ ވަރަށް ވަރުގަދަ ދޮރުތައް ލައި ބަންދުކޮށްފަ އެވެ. ފްލައިޓް އިންޓަނޭޝަނަލް މަޖައްލާގެ ސޭފްޓީ އެޑިޓަރު ޑޭވިޑް ލިއަރމައުންޓް ބުނާ ގޮތުގައި އެފަދަ ދޮރެއް ބަޑީގެ ވަޒަނުން ފުލެއްނުދާނެ އެވެ. އަދި ކޯރާޑިން ތަޅައި ފޫދުއްވާ ވެސް ނުލެވޭނެ އެވެ.
ލުއި މަތިންދާބޯޓް ދުއްވާ ޕައިލޮޓެއް އަދި "ވައި އެއާލައިންސް ކްރޭޝް؟" ނަމަކަށް ކިޔާ މަޖައްލާގެ އެޑިޓަރު ސިލްވިއާ ރިގްލީ ބުނެފައި ވަނީ ކޮކްޕިޓް ތެރެއަށް (ކަމާ ނުބެހޭ ) އެއްވެސް މީހަކަށް ވަދެވުމަކީ ވުން ދުރު ކަމެއް ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި ދޮރު ހަލާކުކޮށްލައިގެން ވަނަސް ބޯޓްގެ ކުރޫއިންނަށް ނުރައްކަލެއް ކުރިމަތިވެފައިވާކަން އެންގުމުގެ ފުރުސަތު ލިބޭނެ އެވެ.

ނަމަވެސް ބީބީސީއާ ވާހަކަ ދެއްކި ކުރީގެ ޕައިލޮޓަކު ބުނެފައި ވަނީ ދޮރު ހަލާކުރެވޭނެ ގޮތެއް އޮންނާނެ ކަމަށެވެ.
ފާހަގަކޮށްފައިވާ އަނެއް ކަމަކީ ދޮރު ކިތަންމެ ރައްކާތެރިގޮތަކަށް ހަދާފައި ހުއްޓަސް ދޮރު ހުޅުވާފައި ހުންނަ ވަގުތުތައް ވެސް އަންނާނެ ކަމެވެ.

ފަރުވާތެރިކަމާ އެކު ބަލަން ޖެހޭ އެކްސިޑެންޓަކަށް ވެދާނެތަ؟

ބޯޓުގެ ކޮމިއުނިކޭޝަން ސިސްޓަމާއި ޓްރާންސްޕޮންޑާ ނިއްވާލާފައި ވަނީ ގަސްދުގައި ކަމަށް މިހާތަނަށް އޮތީ ބެލެވިފަ އެވެ. މެލޭޝިއާ ސަރުކާރުން ވެސް ބުނެފައި ވަނީ އެގޮތަށް ބެލެވޭ ކަމަށެވެ.
ނަމަވެސް ރިގްލީ ގަބޫލުކުރާ ގޮތުގައި ހާދިސާއެއްގެ ސަބަބުން ވެސް އެހެން ވެދާނެ އެވެ.

"އެކި އެކި ސްޓްޖްތަކުގައި ކަންތައްތަކެއް ގޯސްކޮށް ގޮސްފައި ވެދާނެ. ބޯޓުގެ ބައެއްގައި އަލިފާންރޯވެ އަނދައިފާނެ. ނަމަވެސް ބޯޓް ނުވެއްޓި އޮވެދާނެ. އެހާލަތުގައި ހިނގާނީ އެކްޕްލޮސިވް ޑިކޮމްޕްރެޝަންއެއް ނޫން. ގްރުޖުއަލް ޑިކޮމްޕްރެޝަން އެއް،" އޭނާ ބުނެފައިވެ އެވެ.

އޭނާ މިސާލަކަށް ނަގާފައި ވަނީ ގްރީސްގެ ފަރުބަދައެއްގައި 2005 ވަނަ އަހަރު ޖެހުނު ހެލިއަސް އެއާވޭސްގެ 522 ބޯޓެވެ. އެބޯޓް ފަރުބަދައިގައި ޖެހުނީ ކެބިން ޕްރެޝާއާއި އޮކްސިޖަން މަދުވެ، ޕައިލޮޓުން ނުކުޅެދޭ ހާލަތަކަށް ގޮސްގެން އޮޓޯ ޕައިލޮޓްގައި އުދުހެމުން ގޮހެވެ.

"މިސާލަކަށް ހެލިއޮސް ގެ ބޯޓް ފަރުބަދައިގައި ނުޖެހުނު ނަމަ، ތެޔޮ ހުސްވަންދެން އުދުހެމުންދާނެ،" ރިގްލީ ބުނެފައިވެ އެވެ.