ސްޕެނިޝް ލަލީގާގައި ރޭ ބާސާ ހޯދި ކާމިޔާބާ އެކު ލީގުގެ ދެވަނަ އަށް އެޓީމު އެރި އިރު، ރޭ ލިބުނު ނާކާމިޔާބީގެ ސަބަބުން ރެއާލް މެޑްރިޑް ތިންވަނަ އަށް ވެއްޓިއްޖެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގެ ހަ ވަނަ މިނެޓްގައި ބާސާ އަށް ލީޑު ނަގައިދިނީ ބްރެޒިލް ފޯވަޑް ނޭމާ އެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 30 ވަނަ މިނެޓްގައި ލިއޮނެލް މެސީ އެޓީމަށް ލީޑު ފުޅާކޮށްދިން އިރު، ބާސާގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ނޭމާ އެވެ.

ސެވިއްޔާގެ އެސްޓޭޑިއޯ ރަމޮން ސަންޗޭޒް ޕިޒްހުއާންގައި ކުޅުނު މެޗުން ރެއާލް ރޭ ބަލިވެފައި ވަނީ 2-1 ލަނޑުންނެވެ. މެޗުގެ 14 ވަނަ މިނެޓްގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް އަށް ލީޑު ނަގައި ދިން ނަމަވެސް، ކާލޮސް ބެކާ ވަނީ ދެ ލަނޑު ކާމިޔާބުކޮށް ސެވިއްޔާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. ބެކާގެ ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓްގައި ފެނިގެންދިޔަ އިރު، ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 72 ވަނަ މިނެޓްގަ އެވެ.

ހަނި ތަފާތަކުން ލަލީގާގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ގްރެނޭޑާ އަތުން ސަލާމަތްވެފަ އެވެ. ގްރެނޭޑާގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ލަނޑު 63 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޑިއެގޯ ކޮސްޓާ އެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، އެއްވަނައިގައި އޮތް އެތުލެޓިކޯ އަށް 73 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނަ އަށް އެރި ބާސާ އަށް ލިބިފައި ވަނީ 72 ޕޮއިންޓެވެ. އަދި ތިންވަނަ އަށް ވެއްޓުނު ރެއާލް އަށް ލިބިފައި ވަނީ 70 ޕޮއިންޓެވެ.