ވާޗުއަލް ރިއާލިޓީ ޓެކްނޮލޮޖީއަށް ހާއްސަ ކުންފުނި އޮކިއުލަސް، ފޭސްބުކް އިން 2 ބިލިއަން ޑޮލަރަށް ގަނެފިއެވެ.

ފޭސްބުކް އިން އޮކިއުލަސް ގަނެފައި ވަނީ ސޮނީ ކޮމްޕިއުޓާ އެންޓަޓެއިންމަންޓް އިން އެ ކުންފުނީގެ ޕްލޭ ސްޓޭޝަން 4 އަކާ ގުޅާލެވޭ ގޮތަށް ފަރުމާކޮށްފައިވާ“މޯފިއަސް” ވާޗުއަލް ރިއާލިޓީ ގޭމިން ހެޑްސެޓް ދައްކާލިތާ ހަފްތާއެއްވެސް ނުވަނީހެވެ.

އެމެރިކާގެ ކެލިފޯނިއާގައި ގާއިމު ވެފައިވާ އޮކިއުލަސް އިން މި އަހަރުގެ ކުރީ ކޮޅު ވަނީ އެ ކުންފުނީގެ ވާޗުއަލް ރިއާލިޓީ ހެޑްސެޓް، “އޮކިއުލަސް ރިފްޓް” ދައްކާލާފައެވެ.

ވާޗުއަލް ރިއާލިޓީ ހެޑް ސެޓް އަކީ ލޮލުގައި އަޅާލެވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ އެއްޗެކެވެ. މީތި އަޅައިގެން ހުންނަ މީހައަށް ވާޗުއަލް ރިއާލިޓީ، ނުވަތަ ކޮމްޕިއުޓަރުން އުފައްދާފައިވާ ދުނިޔެއެއް ފެންނާނެ އެވެ. އަދި ހެޑްސެޓް ގައި ހަރުކޮށްފައި ހުންނަ ސެންސަރުތަކެއްގެ ސަބަބުން ކޮންމެ ކޮޅަކަށް ބޯ އަނބުރާލިޔަސް، ބޯ އަނބުރާ ވަރަށް މަންޒަރުތައް ބަދަލުވަމުން ދާނެއެވެ. މީގެ ސަބަބުން ހެޑް ސެޓް އަޅާއިގެން ހުންނަ މީހާއަށް އެހެން ދުނިޔެއެއްގައި އުޅެވޭ ފަދަ އިހުސާސެއް ކުރެވޭނެއެވެ.

ފޭސްބުކްގެ ގެ ޗީފް އެގްޒެކެޓިވް އަދި ދުނިޔޭގެ އެންމެ ހަގު އެއް ބިލިއަނަރު މާކް ޒަކަބާގް ދެކޭ ގޮތުގައި ކުރައަށް އޮތް އަހަރުތަކުގައި ކޮމްޕިއުޓަރު ބޭނުން ކުރުމުގައި އާއްމުކޮށް ބޭނުން ކުރާނެ އެއްޗަކަށް ވާޗުއަލް ރިއާލިޓީ ވެގެން ދާނެއެވެ.

“އަހަރެން ގަބޫލު ކުރާ ގޮތުގައި ކުރިއަށް އޮތްތަނުގައި ބޭނުން ކުރެވޭ ޕްލެޓްފޯމް އަކަށް އޮކިއުލަސް ވެގެން ދާނެ،” މާކް ޒަކަބާގް ބުންޏެވެ.

ވަގުތުން ފުޓުބޯޅަ މެޗުތައް ބަލައިލަން، ޔުނިވާސިޓީ ލެކްޗާތަކުގައި ބައިވެރި ވެލަން، ނުވަތަ ވާޗުއަލް ދުނިޔެއެއްގައި ބާޒާރުކޮށްލަން ވާޗުއަލް ރިއާލިޓީ ހެޑްސެޓްތައް ބޭނުން ކުރެވިދާނެ ކަމަށް މާކް ޒަކަބާގް ބުންޏެވެ. އަދި ފޭސްބުކް ފަދަ ސޯޝަލް ނެޓްވާކް ތަކަކުގައިވެސް ވާޗުއަލް ރިއާލިޓީ ހެޑްސެޓްތައް ބޭނުންކުރުމުގެ ޖާގަ އެބަ އޮތް ކަމަށް އޭނާ ދެކެއެވެ.

އޮކިއުލަސް ގެ އިތުރުން މިދިޔަ މަހު ފޭސްބުކް އިން ވަނީ 19 ބިލިއަން ޑޮލަރު ދީފައި ވަޓްސްއެޕް މެސެޖިން ސާވިސް ވެސް ގަނެފައެވެ.

“އެކަމަކު މަލްޓިބިލިއަން ޑޮލަރު ދީފައި އަހަރަމެން ދެމަހުން އެއްފަހަރު ކުންފުންޏެއް ގަންނަ ތަން ފެންނާނެ ކަމަށް ހީނުކުރާތި،” ފަހަކަށް އައިސް ފޭސްބުކް އިން ކޮށްފައިވާ ބޮޑެތި ހޭދަތަކަށް އިޝާރާތްކޮށް ޒަކަބާގް ބުންޏެވެ.

އޮކިއުލަސް ގަންނަން ނިންމި ސަބަބުތައް ކިޔާދެމުން ޒަކަބާގް ބުނީ އޮކިއުލަސް އަކީ “އާދަޔާ ހިލާފު” ކުންފުންޏެއް ކަމަށެވެ. ޓެކްނޮލޮޖީގެ ގޮތުންނާއި، އިންޖިނިއަރުންގެ ހުނަރާއި ޑިވެލޮޕަރުންނަށް ދޭ އަހައްމިއްޔަތުގެ ގޮތުން އޮކިއުލަސް އަކީ އެހެން ކުންފުނިތަކަށްވުރެ ކުރީގައި އުޅޭ ކުންފުންޏެއް ކަމަށް އޭނާ ބުންޏެވެ.

މިދިޔަ އާންގާރަ ދުވަހު ފޭސްބުކް އިން އޮކިއުލަސް ގަނެފައިވަނީ 400 މިލިއަން ޑަލަރުގެ އިތުރުން ފޭސްބުކްގެ 23.1 މިލިއަން ހިއްސާ އޮކިއުލަސް އަށް ދޭ ގޮތަށެވެ. މި އަދަދުގެ ހިއްސާގެ އަގަކީ ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރެވެ. އަދި ކުރިއަށް އޮތް ތާންގައި ފޭސްބުކް އިން ބޭނުންވާ ލަނޑުދަނޑި ތައް ހާސިލުކޮށްފިނަމަ އޮކިއުލަސް އަށް އިތުރު 300 މިލިއަން ދޮލަރު ދޭނެ ކަމަށްވެސް އެއްބަސް ވެފައި ވެއެވެ.

އޮކިއުލަސްއިން ދާދި ފަހުން ތައާރަފް ކުރި އޮކިއުލަސް ރިފްޓް އަށް 75،000 ޕްރީ އޯޑަރު ލިބިފައި ވެއެވެ. އަންނަ ޖުލައި މަހު ބާޒާރަށް ނެރޭ މި ހެޑް ސެޓް ގެ ޑިވެލޮޕްމަންޓް ކިޓް ވިއްކަން ފަށާ އަގަކީ އެއްޗެއް 350 ޑޮލަރަށެވެ.