27 Mar 2014, 10:46
މާލޭގެ ކެއިން ބުއިމުގެ ހިދުމަތްތައްދޭ ކެފޭ ތަންތަނާއި ފިހާރަތައް 24 ގަޑިއިރު ހިދުމަތް ދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކަމަށާއި އެކަމުގެ މަޝްވަރާތައް އިކޮނޮމިކް މިނިސްޓްރީއާ އެކު އަންނަ ހަފްތާގެ ތެރޭގައި ފެށިގެން ދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފު މިއަދު "ސަން" އަށް ވިދާޅުވީ އެ ކައުންސިލުން ގަބޫލު ކުރާ ގޮތުގައި މާލެއިން 24 ގަޑިއިރު ހިދުމަތްދޭ ފިހާރަތަކާއި ކެފޭތަކުގެ ހިދުމަތް ލިބެން ޖެހޭ ކަމަށާއި އެ މަސައްކަތް ހުއްޓައި ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ ކެޕިޓަލް ސިޓީ އިން 24 ގަޑިއިރުގެ ހިދުމަތް ލިބޭ ތަންތަން(ފިހާރަ،ކެފޭ) ހުނަން ޖެހޭނެ ކަމަށް، އެ ހުއްދަ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ހުއްޓައެއް ނުލަން،" ސަމާއު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އުސްމާން ޝާކިރު ސަން އަށް ވިދާޅުވީ، ވިޔަފާރި ހުއްދަ ދޫކުރަން ސިޓީ ކައުންސިލާ ހަވާލުކޮށްފައިވީ ނަމަވެސް އެ އުސޫލުގެ ދަށުން އެއްވެސް ފިހާރައެއް ނުވަތަ ކެފޭއެއް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަކީ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ހުއްދައެއް ދިނުމަށް އަދި އެ މިނިސްޓްރީން ނުނިންމާ ކަމަށެވެ.
ކުރިން 24 ގަޑިއިރު ކެއިން ބުއިމުގެ ހިދުމަތްތައްދޭ ތަންތަނާއި ފިހާރަތައް ވަކި ވަގުތަކަށް ބަންދުކުރަން ނިންމީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގަ އެވެ. އެގޮތަށް ނިންމީ މުޖުތަމައުގެ ހަމަޖެހުމަށް އާންމުން ހޭލާ އުޅޭ މިންވަރު ދަށް ކުރުމަށް ކަމަށް އޭރު އިކޮނޮމިކް މިނިސްޓްރީ އިން ލަފާދީގެންނެވެ.