27 Mar 2014, 09:26
ގާނޫނު އަސާސީ އަށް އިސްލާހެއް ނުވަތަ ބަދަލެއް ގެނައުމަކީ ކުޑަ ކަމެއް ނޫނެވެ. އެކަމަކު އިސްލާހެއް ގެންނަންވެއްޖެ ނަމަ އެކަން ކުރަން ވެސް ޖެހޭނެ އެވެ. ފެހި ގާނޫނު އަސާސީ އަށް އަމަލު ކުރަންފެށިތާ މިހާރު ފަސް އަހަރުވީ އެވެ. ބަދަލެއް ގެންނަން ޖެހޭ ކަމަށް ފެނޭތޯ އެވެ؟
"ގާނޫނު އަސާސީއަކީ ފާސް ކުރާ ގޮތަށް ދެމިއޮންނަ އެއްޗެއް ނޫން. އެ ބޭނުން ކުރަން ފެށީމާ މައްސަލަތައް ފެންނަނީ މި. އޭގައި ބުނެފައި އޮތް ގޮތަށް ކަންކަން ނުހިނގާކަން އެބަ އެނގޭ،" މަޖިލީހުގެ ރައީސަކަށް ހަތަރު އަހަރު ހުންނެވި އަހުމަދު (ސީނާ) ޒާހިރު ވިދާޅުވި އެވެ.
މައްސަލަ ހުރި ކަމެއް އަޅުގަނޑަކަށް ނޭނގެ އެވެ. އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ މަޖިލީހުގައި 20 އަހަރު ހޭދަ ކުރެއްވި ބޭފުޅަކަށެވެ.
"އެ ނަޒަރިއްޔާތުން ބަލާއިރު ބައިވަރު ކަންކަން އެބަހުރި އިސްލާހު ކުރަންޖެހޭ،" ޒާހިރު ވިދާޅުވި އެވެ.
ގާނޫނު އަސާސީ އަށް އިސްލާހެއް ގެންނަން ޖެހޭ ކަމަށް ބުނެފި ނަމަ އެންމެ ފުރަތަމަ ވެސް ހިތަށް އަރާނީ ޖުޑިޝަރީގެ ވާހަކަ އެވެ. ހުދު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވެސް ވަނީ ޖުޑިޝަރީ އިސްލާހު ކުރުމަށް ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"ޖުޑިޝަރީއަށް ބަލާ ނަމަ އެއިރު ގާނޫނު އަސާސީގެ މާއްދާތައް އެކުލަވާލި އިރު އެބޭފުޅުން ހީކުރީ ފަނޑިޔާރުން ހަމައެކަނި ޝަރީއަތް ކުރާނީ ކަމަށް. އެކަމަކު އެހެނެއް ނޫން. އެބޭފުޅުން އެބަ ބެހިވަޑައިގަންނަވާ ހުރިހާ ކަމަކާ،" ސިޔާސީ ތަޖުރިބާކާރު ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ތެރެއިން ފުންނާބު އުސް ވަކީލުންނާއި ހެޔޮ ބަދަލަށް ބޭނުންވާ ޒުވާނުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ވަނީ ހޮވިފަ އެވެ. އިސްލާހު ގެންނަން ޖެހޭ ކަމަށް ޒާހިރު ވިދާޅުވި ނަމަވެސް އެކަން ކުރެވޭނީ އަލަށް އިންތިހާބުވި ކެންޑިޑޭޓުންނަށެވެ. އެބޭފުޅުން މިކަމާ މެދު ދެކެނީ ކިހިނެއްތޯ އެވެ؟
"ޖޭއެސްސީ އަށް އެބަ ޖެހޭ އިސްލާހުތަކެއް ގެންނަން. ޖުޑިޝަރީ އަށް ހެޔޮ ބަދަލުތަކެއް ބޭނުމިއްޔާ ގާނޫނު އަސާސީގެ ޖޭއެސްސީގެ ބަޔަށް އިސްލާހުތަކެއް ގެންނަން ޖެހޭ،" ކެންދޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެއްވި ވަކީލު އަލީ ހުސެއިން ވިދާޅުވި އެވެ.
އެކަމަކު ހަމައެކަނި ޖުޑިޝަރީއެއް ނޫނެވެ. މިހާރަށް ވުރެ ރަނގަޅުވާން ޖެހޭ ބައިވަރު ކަންކަން އެބަހުއްޓެވެ. ޒާހިރު ވިދާޅުވާ ގޮތުން ނަމަ މިނިވަން މުއައްސަސާތައް ހަމަ ހަގީގަތުގައި ވެސް "މިނިވަން" ކުރަންޖެހެ އެވެ. މަޖިލިހަށް މިނިވަން މުއައްސަސާއެއް ގެނެސް ހަތަރު ގަޑިއިރު ވަންދެން އެއްޗެތި ކިއުމަކީ މިނިވަންކަން ލިބުން ކަމެއް ޒާހިރު ދެކިވަޑައެއްނުގަންނަވަ އެވެ.
"މިނިވަން މުއައްސަސާތައް ވެސް ހަމައެކަނި މިނިވަންވާންޖެހޭނީ ސަރުކާރުގެ ފަރާތަކުން ނޫން. މަޖިލީހުގެ ކިބައިން ވެސް ޖެހޭ އެ މުއައްސަސާތައް މިނިވަންވާން،" އޭނާ ވިދާޅުވި އެވެ.
ޖުޑިޝަރީ، މިނިވަން މުއައްސަސާތައް، ދެން ކޮން ދާއިރާއެއްތޯ އެވެ؟ ސަރުކާރު ހިންގުން ހަރަދު ކުޑަކުރުމަކީ ވެސް މުހިންމު ކަމެއް އެހެން ނޫންތޯ އެވެ؟
"ސަރުކާރުގެ ހިންގުން ހަރަދު ކުޑަކުރުމުގެ ގޮތުން ވެސް އެބަޖެހޭ ބައެއް ބަދަލުތައް ގާނޫނު އަސާސީ އަށް ގެންނަން. ލާމަރުކަޒީ އުސޫލުން ސަރުކާރު ހިންގުމުގެ ބަޔަށް އިސްލާހުތަކެއް ގެންނާނެ ކަމަށް އަޅުގަނޑަށް ފެންނަނީ. އެކަމަކު ސިޔާސީ ބޭފުޅުން އެކަން ނިންމަވާނީ،" ގާނޫނީ ވަކީލު ޝަހުދީ އަންވަރު ވިދާޅުވި އެވެ.
މި ބަލާލެވުނީ އާ މަޖިލީހާ އެކު ގާނޫނު އަސާސީ ގެންނަން ޖެހޭ ބައެއް އިސްލާހުތަކުގެ މައްޗަށެވެ. މިއަށްވުރެ އިތުރު އިސްލާހުތަކެއް ވެސް ގެނައުން މުހިންމު ވެދާނެ އެވެ. އެކަމަކު މިއީ އިސްލާހު ގެންނަން ފެންނަ ބޮޑު ތިން ބަދަލެވެ. ދެން އޮތީ އެ އިސްލާހުތައް ގެންނަންޖެހޭ ގޮތުގެ ވާހަކަ އެވެ.
"އިސްލާހެއް ގެންނައިރު މަޖިލީހުގައި ޒުވާބުކޮށްފައި އިސްލާހެއް ހުށަހަޅައިގެނެއް ނޫން އެކަން ކުރަންވާނީ. ސިޔާސީ ޕޯޑިއަމެއްގައި ވާހަކަ ދައްކައިގެނެއް ނޫން އެކަން ކުރާނީކީ. ހަމަތިބެފައި އިސްލާހެއް ހުށަހަޅައިގެނެއް ވެސް ނުވާނެ،" ސީނާ ޒާހިރު ވިދާޅުވި އެވެ.
ކަން ނުކުރާންވީ ގޮތް ވިދާޅުވެއްޖެއްޔާ ކަން ކުރާންވީ ގޮތް ވެސް ވިދާޅުވާން ޖެހެވަޑައިގަންނަވާނެ އެވެ. ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަ ނަމަ އެކަން ކުރަންވީ ކިހިނެއްތޯ އެވެ؟
"ދިރާސާތަކެއްކޮށް މަޝްވަރާ ވެސް ކުރެވިގެން އިސްލާހެއް ގެންނަންޖެހޭނީ. ގާނޫނީ ބޭފުޅުން ވެސް ތިއްބަވަންޖެހޭނެ. ގާނޫނީ ގޮތުން އެކަން ބައްލަވަން. ސިޔާސީ ބޭފުޅުން ވެސް ތިއްބަވަންޖެހޭނެ. އެއީ ސިޔާސީ ގޮތުން ގެނެވިދާނެ ބަދަލެއްތޯ ބައްލަވަން،" ޒާހިރު ވިދާޅުވި އެވެ.
ގާނޫނު އަސާސީ އަށް އިސްލާހެއް ގެނައުމަކީ ކުޑަ ކަމެއް ނޫނެވެ. ބޮޑު ޒިންމާއެކެވެ. އެކަމަކު މިކަން ކުރަން ޖެހޭ ކަމަށް ފެނެ އެވެ. އެ ޒިންމާ އެޅިފައި އޮތީ އާ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައި ތިއްބެވި މެންބަރުންގެ ބޮލުގަ އެވެ. އަޅުގަނޑުމެންނަށް ޓަކައި މިކަން ވަރަށް ރަނގަޅަށް ކޮށްދެއްވާށެވެ.