26 Mar 2014, 23:13
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ވޮޝިންޓަން ސްޓޭޓުގައި ކިސަޑު ފެއިބުމުގެ ކާރިސާއެއް ކުރިމަތިވެ، މަރު ވި މީހުންގެ އަދަދު 16 އަށް އަރައިފައި ވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ކިސަޑުތަކުގެ ތެރެއިން މިއަދު ނެގުނު ދެ ހަށިގަނޑާ އެކު، މަރުވި ކަން ކަށަވަރު ވާ މީހުންގެ އަދަދު 16 އަށް އަރައިފައި ވާއިރު، އިތުރު އަށް މީހެއްގެ ހަށިގަނޑު ކިސަޑުގެ ބޯ ފަށަލަތަކުގެ ތެރޭގައި ވާ ހިސާބު ކަށަވަރު ކުރެވިފައި ވިޔަސް، އެ ހަށިތައް ހުރި ހިސާބަށް ދިޔުމުގައި އަދި ކާމިޔާބު ލިބިފައި ނުވާ ކަމަށް އޮފިޝަލުން ބުނެއެވެ. އޭގެ އިތުރުން، މި ކާރިސާއާ ގުޅިގެން 176 މީހަކު ވަނީ ވީނުވީއެއް ނޭނގިފަ އެވެ.
ޔޫއެސްގެ ހުޅަނގުއުތުރުގައި އޮންނަ ވޮޝިންޓަން ސްޓޭޓުގެ "އޮސޯ" ވަނީ 177 ފޫޓުގެ ބޯމިނަށް ފެއިބި ކިސަޑުގެ ސަބަބުން ވަޅުލެވިފައެވެ. އޮސޯ އޮންނަނީ ވޮޝިންޓަނުގެ ވެރިރަށް ސިއެޓްލްގެ އުތުރުގަ އެވެ.
އޮސޯއަށް ކިސަޑު ފެއިބުމުގެ ކާރިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އޮފިޝަލުން ބުނާ ގޮތުގައި ކިސަޑުގެ ތެރޭގައި ވަޅުލެވިފައި ވާ އިތުރު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ގެންދެވޭނެ އެވެ.
އޮސޯގައި އަލިފާން ނިއްވުމުގެ ހިދުމަތްދޭ ރަސްމީ އިދާރާގެ އޮފިޝަލް ޓްރެވިސް ހޮޓްސް ވިދާޅުވި ގޮތުގައި، ކިސަޑުގެ ފުނިފުނީގެ ދަށުގައި އޮތް އަވަށުން ދިރިތިބި މީހުންތަކެއް ފެނުމުގެ އުއްމީދު އަދިވެސް އެބައޮތެވެ.
ކުއްލިޔަކަށް އައި ކިސަޑުގެ ސައިލުގެ ސަބަބުން 30 ގެ ހަލާކު ވެފައި ވާ އިރު، އަވަށުގެ ތެރެއިން ދަތުރު ކުރާ ކޯރަކަށް ވެސް ކިސަޑު އެޅި، ކޯރު އަވަށުގެ ސަރަހައްދަށް ބަންޑުން ވެ، އޭގެ ސަބަބުން ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ކިސަޑުގެ ތެރެއިން ދިރިތިބި މީހުން އެންމެ ފަހުން ހޯދިފައި ވަނީ ހޮނިހިރު ދުވަހު އެވެ. އޭގެ ފަހުން ހޯދުނު އެންމެން ވެސް ތިބީ މަރު ވެފަ އެވެ.
ކުއްތާ އާއި، ހެލިކޮޕްޓަރާއި، ލޭޒާ އިމޭޖިން އަދި ކިސަޑު ކޮންނަ އާލަތްތަކުގެ އެހީގައި 200 ވަރަކަށް މީހުން ގެންދަނީ އޮސޯގެ އެކި ހިސާބުތަކުގައި ހުރި ކިސަޑުގެ ފުނިތަކުގެ ތެރޭގައި މީހުން ތިބި ތޯ ބަލައި ހޯދަމުންނެވެ. މަސައްކަތް މެދު ކަނޑާލާ ހަމައެކަނި ވަގުތަކީ ރޭގަނޑުގެ އަނދިރިކަމުގެ ސަބަބުން މަސައްކަތް ކުރިޔަށް ނުގެންދެވޭ ވަގުތު ކަމަށް އޮފިޝަލުން ބުނެ އެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް މިދިޔަ އަންގާރަ ދުވަހު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަނީ ހުރަސް އެޅިފަ އެވެ.